ރ.އަތޮޅު ދުވާފަރުން ކޮވިޑް-19 އަށް ފައްސިވި ތިން މީހުންނާއި ގާތުން ބައްދަލުވި 23 މީހުން ކޮވިޑް-19 އަށް ނައްސި (ނެގެޓިވް) ވެއްޖެއެވެ.

ދުވާފަރު ހެލްތު ސެންޓަރުން ދެންމެ ބުނީ ދުވާފަރުން ފައްސިވި ތިން މީހުން ޕްރައިމަރީ ކޮންޓެކްޓުންގެ ތެރެއިން އިއްޔެ ސުންކު ނެގި ހައިރިސްކު 23 ފަރާތެއްގެ ނަތީޖާތައް ވަނީ ނައްސިވެފައި ކަމަށެވެ.

ދުވާފަރުގައި ފައްސިވީ، ހޯމް ކަރަންޓީނުގެ މުއްދަތު ހަމަކޮށް، ކޮވިޑް-19 އަށް ނައްސި ވުމުން ދޫކޮށްލި ބައެކެވެ. ފަހުން ޓެސްޓުތައް ހެދުމުން އެ މީހުންގެ ނަތީޖާ ފައްސިވުމުން ރަށް މޮނިޓަރިންގެ ހާލަތަށް ވެސް ގެނައެވެ. ނަމަވެސް 52 މީހަކު އެކަހެރިކޮށް އިއްޔެ ވަނީ މޮނޮޓަރިންގެ ހާލަތު ނިމުމަކަށް ގެނެސްފައެވެ.

ދުވާފަރު ކައުންސިލްގެ މެންބަރަކު މިއަދު "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވި ގޮތުގައި އެކަހެރި ކުރި މީހުންގެ ތެރޭގައި ހިމެނެނީ ފައްސިވި މީހުންގެ އާއިލާ މީހުންނާއި ރަހުމަތްތެރިންނާއި އެ މީހުން ވަދެ ނުކުމެ އުޅުނު ފިހާރަތަކުގެ މީހުންނެވެ.

މާލެ އިން ރަށަށް ގޮސް ކަރަންޓީން ވެގެން ތިބި ބައެއް މީހުން އެހެން ރަށްރަށުން ވެސް ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އެގޮތުން ހދ. ނޮޅިވަރަމާއި އއ. ތޮއްޑު އާއި ކ. ހިންމަފުއްޓާއި ރ. ހުޅުދުއްފާރުން ބައެއް މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ނަމަވެސް އެއިން ރަށަކުން ކަރަންޓީން ނުވާ މީހަކު އަދި ކޮވިޑް-19 އަށް ފައްސިވެފައެއް ނުވެއެވެ.