ރާއްޖޭގައި ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީ، އާންމު ހާލަތަކަށް ދިއުމަށް ތައްޔާރުވަމުން ދާއިރު، ބަލި ފެތުރޭ މިންވަރު ދަށްވެފައި އޮތުމަށްފަހު އަނެއްކާވެސް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން ބަލިން ރަނގަޅުނުވެ ތިބީ 482 މީހުންނެވެ. އިއްޔެ އާއި ހަމައަށް މި އަދަދު ހުރީ 470 ގައެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާކުރަމުންދާ މީހުންގެ އަދަދު އިތުރުވެފައި މިވަނީ އިއްޔެ އިތުރު 30 މީހަކު ފައްސިވުމުންނެވެ. އިއްޔެ ރާއްޖެއިން ފައްސިވީ މީހުންގެ ތެރޭގައި ހިމެނެނީ 29 ދިވެއްސަކާއި ބަންގްލަދޭޝް މީހެކެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުން ރާއްޖޭގައި ކޮވިޑް-19 އިން ރަނގަޅުނުވެ ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލުގައި 40 މީހަކަށް ދަނީ ފަރުވާދެމުންނެވެ. މީގެ ތެރެއިން ބައެއް މީހުންނަށް ފަރުވާދެނީ އައިސީޔޫގައި ކަން ކުރިން އެޗްޕީއޭއިން ހާމަކޮށްފައި ވެއެވެ.

އިއްޔެ އިތުރު 30 މީހަކު ހިމެނޭހެން މިހާތަނަށް ރާއްޖެއިން ޖުމްލަ 2831 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން 2321 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. އިއްޔެ ރާއްޖެ އިން އިތުރު 8 މީހަކު ކޮވިޑް-19 އިން ރަނގަޅުވެފައި ވެއެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް ރާއްޖެއިން 14 މީހަކު ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި މިދިޔަ ބުރާސްފަތި ދުވަހު ނިޔާވި އުމުރުން 79 އަހަރުގެ ދިވެހި އަންހެނަކު ހިމެނެއެވެ. މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ނުވަ ދިވެއްސަކާއި ހަތަރު ބިދޭސީއެކެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 1671 ބިދޭސީއަކާއި 1160 ދިވެހިންނެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ފައްސިވެފައި ވަނީ އުމުރުން 21 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ޤާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު ތިބީ 32 މީހެކެވ. އަދި އައިސޮލޭޝަންގައި 423 މީހަކު އެބަތިއްބެވެ. ރާއްޖެއިން މި ބަލި ފެނުނުތާ މިހާރު ވަނީ 130 ދުވަސް ވެފައެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ޖުމްލަ 64239 ސުންކު (ސާމްޕަލް) ނަގާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަންސާރު

    ފުރަ ބަންދު ކުރޭ. ޢެހެންނޫނީ އިސްތިއުފާ ދީފަ ގެއަށް ދޭ