ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާގެ ކުންފުންޏަކުން ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރުވި މީހުން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެ ރަށުން އެ މީހުން ބާލައި އެ މީހުންގެ މުދާތައް ވަގުތުން ގެންދިއުމަށް ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ވަގުތީ އަމުރު ތަންފީޒު ނުކުރެވޭނެ ކަމަށް އެ ކުންފުނިން ފުލުހުންނަށް އަންގައިފިއެވެ.

ރިޒާގެ ކުންފުނީގެ ވަކީލުން ބުނެފައިވަނީ، އެކުންފުނީގެ ނަމަކީ، އާރްއައިއެކްސް ކަމަށާއި އަމުރު ރައްދުވަނީ "ރިޒް" އަށް ކަމަށެވެ.

އެ މައްސަލާގައި ސީލް މޯލްޑިވްސްގެ ވަކީލުން ވަނީ އެ ކުންފުނީގެ މުދަލަށް ލިބުނު ގެއްލުންތަކުގެ ބަދަލު ނަގައިދިނުމަށް ހުށަހެޅިދާނެތޯ ކަނޑައެޅުމަށް މިދިޔަ ހޯމަ ދުވަހު ތުޅާދޫ ކޯޓަށް މައްސަލައެއް ހުށަހަޅައިފައެވެ.

އަދި އެ މައްސަލާގައި ސީލް މޯލްޑިވްސްގެ ފަރާތުން އެދިފައި ވަނީ ގެއްލުން ދިން ބިދޭސީން ތިބެގެން އެ ކަންކަން ބެލުމުގެ މަސައްކަތް ކުރިޔަށް ގެންދަން އުނދަަގޫވާ ކަމަށާއި އެހެން ކަމުން ރިޒް ކުންފުނީގެ ބިދޭސީންތައް ބޮޑުފިނޮޅުން ބާލަން އަމުރެއް ނެރެދިނުމަށެވެ.

ރިޒް މޯލްޑިވްސް އިން ބުނީ ތުޅާދޫ ކޯޓަށް ހުށަހެޅުނު މައްސަލައިގެ އަޑު އެހުމެއް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިއްޔެ މެންދުރުފަހު ތާވަލް ކުރި ކަމަށާއި ނަމަވެސް އަޑު އެހުން ތާވަލް ކުރިކަން އެކުންފުންޏަށް އަންގާފައިވަނީ ވަގުތު ކުޑަތަންވުމުން ކަމަށެވެ. އެހެންކަމުން އެހެން މައްސަލަތައް ފުށު އަރާތީ އެކަން ބަލައިދިނުމަށް އެކޯޓުގައި އެދިފައިވާނޭ ކަމަށާއި އަދި ރޭގެ 8:45 އަކަށް އަޑުއެހުން ޝެޑިއުލް ކުރި ކަމަށެެވެ.

"ލޯ ކްރާފްޓް މޯލްޑިވްސްގެ ފަރާތުން ސ. ފޭދޫ، ވެލިދޫގެ، އަލީ ސައީދު އަދި ނ.މާފަރު، އީޓުޖެހިގެ، އަބްދުއްސަލާމް އާރިފް ކަމަށް ބަޔާންކުރައްވައި ޖުލައި 8، 2020 ގައި މި ކޯޓަށް ފޮނުއްވި ސިޓީއާ އެކު ހުށަހަޅުއްވާފައިވާ ރިޒް ޕްރައިވެޓް ލިމިޓެޑްގެ ކުންފުނީގެ ޑައިރެކްޓަރުންގެ ބޯޑުގެ ގަރާރުގެ 1 ވަނަ ނަންބަރުގައި ކުންފުނީގެ ނަމުގެ ގޮތުގައި ރިޒް ޕްރައިވެޓް ލިމިޓެޑް ސާފު ދިވެހި ބަހުން ލިޔުއްވާފައި އޮންނަ އޮތުމުން،" އެ ނިންމުމުގައިވެއެވެ.

ލޯ ކްރާފްޓްގެ ބަޔާނުގައި ތުހުމަތުކޮށްފައި ވަނީ ރިޒްގެ ފަރާތުން ހުށަހެޅި އިޖުރާއީ ނުކުތާތައް ބަލައިނުގަތީ ކޯޓުން މައްސަލަ ބޭރުކޮށްލަން ޖެހިދާނެތީ ކަމަށެވެ. އަދި ސީލްއާ އެއްކޮޅަށް އަމުރު ނެރުމުގައި "ފޮރުވިފައިވާ ސަބަބުތަކެއް" އެބަހުރި ކަމަށް ވަނީ ބުނެފައެވެ.

ތުޅާދޫ ކޯޓުގައި ހިނގަމުންދާ މައްސަލާގައި ވެސް އެ ކުންފުނިން އެންމެ ބޮޑަށް ދައްކަނީ ނަމުގެ ވާހަކައެވެ. އެގޮތުން "ރިޒް" އަކީ ވުޖޫދުގައި ނެތް ކުންފުންޏެއް ކަމަށް ވަނީ ބުނެފައެވެ.

ކުންފުނީގެ ނަމަކީ އާރްއައިއެކްސް ކަމަށާއި "ރިޒް" ގެ ނަމުގައި ކުންފުނީގެ ޝަހުސު އޮޅޭ ގޮތަށް އަމަލުކުރަމުންދާ ކަމަށް ބުންޏަސް ބޮޑުފިނޮޅުގެ މަސައްކަތާ ހަވާލުވެ ސޮއިކުރި އެއްބަސްވުމުގައި ވެސް "ރިޒް ޕްރައިވެޓް ލިމިޓެޑް" ގެ އެމްޑީގެ ހައިސިއްޔަތުން ރިޒާ ސޮއިކުރައްވާފައި އޮވެއެވެ. އަދި ދައުވާ ރައްދުވަނީ "ރިޒް" ކުންފުންޏަށް ބުނާ ދައުވާގައި ކުންފުނީގެ ރަޖިސްޓްރީ ނަންބަރު ވެސް އޮވެއެވެ.

މި މައްސަލާގައި ހިމެނޭ ބިދޭސީންގެ އެއްވެސް ލިޔެކިއުމެއް ނެތް މައްސަލަ އާއި މުސާރަ ނުދީ ގަވައިދާ ހިލާފަށް ގެންގުޅުން ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފުލުހުން ވެސް ގެންދަނީ ބަލަމުންނެވެ. ފުލުހުން ވަނީ އެކަމާ ގުޅިގެން ހިއުމަން ޓްރެފިކިންއަށް ތުހުމަތު ކުރެވޭ ކަންކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ބުނެފައެވެ.

ސީލް އާއި ރިޒްގެ ދެމެދުގައި މައްސަލަ ގޯސްވީ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދީގެން ސީލްގެ މުދަލަށް ގެއްލުންދީ ބަޔަކު ރަހީނުކުރި ހިސާބުންނެވެ. ރިޒުން ބުނަނީ މުސާރަ ދޭންޖެހޭނީ ސީލް އިން ކަމަށާއި ސީލް އިން ރިޒަށް ފައިސާ ނުދޭ ކަމަށެވެ. އެކަމަކު ސީލް އިން ވަނީ ރިޒުން ފާހަގަކުރާ އެއްބަސްވުންތަކުގައި ބުނާ އަދަދަށް ވުރެ އިތުރަށް ވެސް ފައިސާ ދެވިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޅަތީފާ

    މަށައްހީވަނީ ރިޒްލާ ހެން ތިޔަ ކުންފުންޏައް ކިޔަނީ

  2. މަކަރު

    ގައިމު ބަންގުލަދޭސް ބޭފުޅުންބުނުއްވަނީ ތިމަންނަމެންނަކީ ރިޒްކުންފުނީގެމޫއައްޒިފުންނޭ ދެންތިކުންފުނިން އާރ އައި އެކްސްކިޔާގޮތް ބުނެދީބަލަ އިނގެރޭސި އަކުރުތަކެއް ވަކިވަކިން ކިޔަކަސް އެނުވާނެ ނަމަކައް ރަނގަޅައްވިއްޔާ ރަޖިސްޓްރީވެސްނުކޮއްކަންނޭންގެ ކުންފުންޏެއްގެނަމުގަ ހިންގަނީ ކޮންމެކަމެއްގަވެސް މަކަރާއި އޮޅުވާލުން