ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކާ މިނިވަންކަން އެގޮތުގައި ދަމަހެއްޓުމަށް އެއްބާރުލުން ދޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން މިފަދައިން ބުނެފައި މިވަނީ އެއްވެ އުޅުމުގެ ގާނޫނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެނެސްފައި އިސްލާހު ދެމެހެއްޓުމަށް ސަރުކާރުން ނިންމާފައި ވާތީ އެކަމާއި ގުޅިގެން ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން ކަންބޮޑުވުންފާޅު ކޮށްފައި ވަނިކޮށެވެ.

ފޮރިން މިނިސްޓްރީން އިނގިރޭސި ބަހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ ސުލްހަވެރި ކަމާއިއެކު އެއްވެ އުޅުމާއި ގުޅިގެން ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކަކީ ދާހިލީ އަދި ބައުނަލްއަގުވާމީ ގާނޫނުތަކުގެ ރޫހާ އެއްގޮތަށް ތަންފީޒު ކުރަމުންދާ ފިޔަވަޅުތަކެއް ކަމަށެވެ.

ސަރުކާރުން ބުނީ ކޮވިޑް-19 ގެ ސަބަބުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މި ވަގުތުގައި އާއްމު ބޮޑެތި އެއްވުންތައް ބޭއްވުމާއި ދެކޮޅަށް ވަގުތީ ގޮތުން ތަންފީޒު ކުރަމުން ގެންދާ ހުރަސްތަކާއި ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތައް ސަރުކާރުން ބަލައިގަންނަ ކަމަށެވެ.

ސަރުކާރުގެ ބަޔާނުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިން ނަމަވެސް 30 މީހުންނަށް ވުރެ ގިނަ މީހުން ބައިވެރިވާ އެއްވުންތައް ނުބޭއްވުމަށް އިރުޝާދު ދީފައިވާކަން ވަނީ ފާހަގަކޮށްފައެވެ. ކޮވިޑް-19 އާއި ގުޅިގެން އެޅި މުހިއްމު ފިޔަވަޅުތަކުގެ ސަބަބުންނާއި އާއްމު ރައްޔިތުންގެ އެއްބާރުލުމާއި އެކުގައި އެ ބަލި ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ވެސް ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ.

ސަރުކާރުގެ ބަޔާނުގައި އަސާސީ ހައްގުތައް ހޯދާ، ކަށަވަރު ކުރުމުގައި ވެސް، ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ހޯދާފައިވާ ކާމިޔާބީތައް ދެމެހެއްޓުމަށް އެއްވުންތައް އިންތިޒާމު ކުރާ ފަރާތްތަކަށް ވަނީ ގޮވާލައިފައެވެ.

ސަރުކާރުގެ ބަޔާނުގައި ރާއްޖޭގެ މުޖުތަމައުގައި އެންމެ ބޮޑުވެފައިވާ ބިދޭސީންގެ މައްސަލައަށްވެސް ވަނީ އަލި އަޅުވާލާފައެވެ. އެގޮތުން އެ މައްސަލައަކީ ކުރީގެ ސަރުކާރުތަކަށް ހައްލު ހޯދިފައި ނުވާ މައްސަލައެއްކަން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް މިހާރު ބިދޭސީން އެމީހުންގެ ކަންބޮޑުވުންތައް ފާޅު ކުރަމުން ގެންދިއުމަކީ ސަރުކާރުން އެކަމަށް މަރުހަބާ ކިޔާ ކަމެއް ކަމަށްވެސް ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ.

އެފަދަ މައްސަލައަކީ މުހިއްމު އިސްލާހީ ބަދަލުތަކެއް އަންނަ ޖެހޭ މައްސަލައެއްކަން ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެކަންކަން ހައްލު ކުރެވިގެން ދާނީ ހުރިހާ ފަރާތްތަކެއްގެ ވެސް އެއްބާރުލުމާއި އެކުގައި ކަމަށް ސަރުކާރުގެ ބަޔާނުގައިވެއެވެ.

މުޖުތަމައުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މަދަނީ ޖަމިއްޔާތަކުން އަދާކުރަމުންދާ ދައުރަށް ސަރުކާރުން ވަނީ މި ބަޔާނުގައި މަރުހަބާ ކިޔާ ކަމަށް ބުނެފައެވެ. މަދަނީ ޖަމިއްޔާތަކުގެ އެ މަސައްކަތަކީ އިހުތިރާމު ލިބިގެންވާ މަސައްކަތެއް ކަމަށްވެސް ބަޔާނުގައިވެއެވެ.

މި ބަޔާނުގައި ފާއިތުވި އަހަރުތަކުގެ ތެރޭގައި ސަރުކާރުން ހޯދާފައިވާ ބައެއް ކުރިއެރުންތައް ވެސް ވަނީ ފާހަގަކޮށްފައެވެ. އަބުރު ކަތިލުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި އޮތް އޮތުން ބާތިލުކުރުމާއި، ރާއްޖޭގައި ބިދޭސީ ނޫސްވެރިންނަށް ހަރަކާތްތެރި ނުވެވޭ ގޮތަށް އޮތް އޮތުން އުވާލުން ފަދަ ކަންކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސަމާ

    ހުސްވާހަކަ

    18
  2. އެމަންޖެ

    ތީ ދުވަހަކުވެސް ކަލޭމެނައް ވާނޭ ކަމެއްނޫން.

    18
  3. ކަހުރަބު

    އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުނަށް ދޭނެ އަދަބު ޤާނޫނު އަސާސީގަ ނެތިގެންތަ ތި ހުންނަނީ އެ މީހުން ޙިމާޔަތް ކޮށްގެން

  4. ވަނާޖް

    ބިދޭސީންގެ ކަންތައް ކަލޭމެންނައް ކޮންގޮތަކައް ހައްލުކުރެވުނީ ކުރީސަރުކާރުއޮތްއިރު އެންމެ ބިދޭސީއެއްވެސް މުސާރަނުލިބިގެ މުޒާހިރާއެއްނުކުރޭ

  5. ސަލާ

    އަނެއްކާ މިއަދު ރޮވުނުތަ.
    މިރައީސް އަކީ ކިރިޔާ ކަމެއްވާއިރަށް ރޮވޭ ރައީސެއް.
    ދިވެހި ރައްޔިތުންނަށް އޮތީ މިދައުރުނިމެންދެން ރައީސްމީހާ އަށް ނުރޮވޭނެހައި ގޮތަކަށް ބަލައިގެން އުޅުން. ރައްޔިތުންނަށް ޖެހިފައި އޮތް ނުހޮރުއްޕާނެއް.

  6. ދަ ސުވާލު

    "ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކާ މިނިވަންކަން އެގޮތުގައި ދަމަހެއްޓުމަށް އެއްބާރުލުން ދޭނެ ކަމަށް" ދިވެހި ސަރުކާރުން ބުނެފިއެވެ.

    ހައްގުތަކާއި މިނިވަންކަން ދަމަހައްޓަން އެއްބާރުލުން ދޭންތޯ ޖެހެނީ، ހައްގުތަކާއި މިނިވަންކަން ދަމަހައްޓާކަށް ސަރުކާރަކާނުޖެހޭނެތޯ. އެއީ ޒިންމާއެއް ނޫންތޯ. އެއީ ކޮންބައެއްގެ ކަމެއްތޯ.. މީ ކޮން ވާހަކައެއް..