މިދިޔަ ހޯމަ ދުވަހު ހުޅުމާލޭގައި ބިދޭސީންތަކެއް ކުރި އިހުތިޖާޖާއި ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ހުޅުމާލެއާއި އެހެން ސަރަހައްދުގެ ފުލުހުންނާ ބައްދަލުކުރައްވައިފިއެވެ.

ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން އިމާރާތް ކުރާ ފްލެޓުގެ މަސައްކަތް ކުރާ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުން، މުސާރަ ނުދީގެން ކުރި އިހުތިޖާޖުގައި އެ ބިދޭސީން ވަނީ ފުލުހުންނަށް ވެސް ހަމަލާ ދީފައެވެ. އަދި ފުލުހުންގެ ވެހިކަލްތަކަށް ވެސް ވަނީ ގެއްލުންތައް ދީފައެވެ.

ސީޕީ ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ބައްދަލުވުމުގައި މިދިޔަ ހޯމަ ދުވަހުގެ އިހުތިޖާޖުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާއި އަދި އެޅި ފިޔަވަޅުތަކުގެ ހިތްވަރުދީ ޝުކުރު އަދާކޮށްފައިވާ ކަމަށެވެ. ޕްރޮފެޝަނަލިޒަމް އާއި އިޖުތިމާއީ ގުޅުމުގެ މުހިއްމު ކަމަށް ބޮޑު އަހައްމިއްޔަތެއް ދީފައިވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހު ހުޅުމާލޭގައި ބިދޭސީން ކުރިއަށް ގެންދިޔަ އިހުތިޖާޖާއި ގުޅިގެން 41 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.

ސިފައިންނާއި ފުލުހުންގެ ފްލެޓުގެ މަސައްކަތު މީހުންނަށް ހަތް މަސް ދުވަހުގެ މުސާރަ ނުދީގެން އެމީހުން މީގެކުރިން އެތައް ފަހަރަކު މުޒާހަރާ ކުރިއެވެ.

މީގެ ކުރިން ބިދޭސީންނަށް މުސާރަ ނުދޭ މައްސަލައެއްގައި ބ. ބޮޑުފިނޮޅުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު