ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ކުރިން ރައްޔިތުން މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ގާނޫނު ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ބިލަށް ހިޔާލު ހޯދުމަށް ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

ރައްޔިތުން މަޖިލީހުގެ އިދާރާއިން ބުނީ އެ ބައްދަލުވުން އޮންނާނީ އަންނަ އާދީއްތަ ދުވަހު ކަމަށެވެ. މަޖިލީހުން ބުނީ ބައްދަލުވުން އޮންނާނީ އެރޭ ރޭ 20:30 ގައި މަޖިލީހުގެ އިދާރާގެ އާ އިމާރާތުގެ ހަތަރުވަނަ ފަންގިފިލާގައި ކަމަށެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި އެ އިސްލާހުގައި ވަނީ އެއްވެސް ސަބަބަކާ ހުރެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރާތާ 48 ގަޑިއިރު ތެރޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ގަރާރަށް މަޖިލީހުގެ ރުހުން ހޯދަން ވާނެ ކަމަށެވެ. އެ އިސްލާހު މިއަދުގެ މަޖިލިސް ޖަލްސާގައި ބަލައިގެންފައިވާއިރު އެ ބިލު ވަނީ އިޖުތިމާއީ ކޮމެޓީ އަށް ފޮނުވާފައެވެ.
ސިއްހީ ކުއްލި ނުރައްކާ އިއުލާނުކުރާ ވަގުތަކީ މަޖިލީހުގެ ދައުރެއް ހިނގަމުންދާ ވަގުތެއް ނަމަ ބަންދު ދުވަސްތައް ހިމެނޭނެހެން 14 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް އެއްކޮށް އެ ގަރާރު މަޖިލީހުން ފާސް ކުރުމަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ އިސްލާހުގައި ވަނީ ބުނެފައެވެ.

އެ ބިލު ހުށަހެޅުއްވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާންކުރުމުގައި މިހާރަށްވުރެން ހަރުދަނާ އަދި ދެފުށް ފެންނަ ގޮތަށް އިންތިޒާމްކުރުމަށާއި އަދި މިހާރަށް ވުރެން ބޮޑަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވޭ ގޮތް ހެދުމަށް ކަމަށް ބިލް ހުށަހެޅުއްވި މެމްބަރު ވަނީ ވިދާޅުވެފައެވެ.

އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ހިނދު މަޖިލީހުގެ ޖަލްސާ ބާއްވާނެ ގޮތްތައް އިތުރަށް މިހާރަށް ވުރެން ބޮޑަށް ސާފުކުރުން ވެސް މި ބިލުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެ އިސްލާހުގައި ވަނީ އެއްވެސް ސަބަބަކާ ހުރެ އާންމު ސިއްހަތުގެ ނުރައްކަލެއް ދިމާވެއްޖެ ނަމަ ހޭދަ ކުރާނެ ފައިސާ ބަޖެޓުގައި ހިމަނާފައި ނެތް ވަގުތެއްގައި އެފަދަ ނުރައްކަލެއް ދިމާވެއްޖެ ނަމަ ނުވަތަ އެފަދަ ކަމަކަށް ބަޖެޓުގައި ހިމަނާފައިވާ މިންވަރަށްވުރެން ކުރަންޖެހޭ ހޭދަ އިތުރުވާނަމަ، ފައިސާ ބޭނުންވާ މިންވަރެއް، ތަފްސީލު ބަޔާންކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެ ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުން ހުއްދަކުރާ މިންވަރަކަށް އަދި ކަނޑައަޅާ އުސޫލުގެ މަތިން މެނުވީ އެ ފައިސާ ބޭނުންކޮށްގެން ނުވާނެކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ސިއްހީ ކުއްލި ނުރައްލާ އިއުލާނު ކޮށްފައިވީ ނަމަވެސް ވަކި ކަންތައްތަކެއް ކުރުމުގެ ބާރު މަޖިލީހަށް ލިބޭނެ ކަމަށް އެ އިސްލާހުގައިވެއެވެ. އެގޮތުން ކުއްލި ނުރައްކާ އުވާލުމުގެ ބާރު އެ އިސްލާހުން މަޖިލީހަށް ވަނީ ދީފައެވެ.

އެ އިސްލާހުގައި ވާގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ގަރާރުގެ ވަކި ބައެއް އަދި މުޅި ގަރާރު އެކުގައި ފާސްކުރުއި މުއްދަތު އިތުރުކުރެވޭ ކޮންމެ ފަހަރަކު 30 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް މުއްދަތު އިތުރުކުރުމާއި، ގަރާރު ބާތިލުކުރުން އަދި މަޖިލީހަށް ގެންނަން ފެންނަ ބަދަލު ގަރާރަށް ގެނައުމުގެ ބާރު މަޖިލީހަށް ވަނީ އެ އިސްލާހުން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. މުސަޅު

  ތިބިލަކީ ވަރަށް ހީލަތްތެރި ބިލެއް. ވަރަށް ގިނަ ކަންތައްތައް ފޮރުވިފައިވޭ. ސަރުކާރު ހިޞޯރުކުރުމާއި ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ބޭނުންވާ ކަންކަން ކުރަން ރާވާރޭވުމެއް.

 2. ސޯޕް ލައިޓް ބްރަދަރ

  ދެމަފިން ގާތްވުމުގެ ހުއްދަވެސް މަޖުލީހުން ނަގަންފެނޭ!!!

 3. އަބްލް

  މަޖިލީހުން ތިކަން ކުރަންވެއްޖެ ނަމަ ޒަމާން ދިޔައީ.. ތިޔަމީހުން ކޮވިޑާއި ބެހޭގޮތުން މަޖްލީހުގައި ދެއްކި ވާހަކައިން މިސާލު ލިބިގަންނަންޖެހޭ.

 4. ފެލިދޫ މުޙައްމަދު

  ތި ބިލް ފާސްކުރުމުން ވާނީ މާވެވަށް ވެއްޓުނު ގެރިނަގަން ކަންތައްކުރި ގޮތަށް ކުރަން ތަފްސީލް އެހެން ކުއްޖަކު ލިޔެލާނެކަމަށް އުއްމީދުކުރަން

 5. Anonymous

  ބުއްޅަބޭ ހުއްދަޔާއި އެކު ނޫނީ ރައްޔިތަކަށް ފޮޑި އެއްވެސް ނުޖެހޭ ގޮތަށް ހަދާބަލަ