މާލެއިން ފުރައިގެން އދ.މަންދޫއަށް ދަތުރުކުރި "ރަންތަރި" ދޯނިން ދަތުރުކުރަނިކޮށް ރޭ ގެއްލުނު ޒުވާނާ ހޯދަން ސިފައިން މިހާރު ޑައިވް ކުރަމުން ގެންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

ޑައިވް ކުރުމުގެ އިތުރުން އެސަރަހައްދު ކަނޑުމަތިން ވެސް އޭނާ ފެނޭތޯ ސިފައިން ގެންދަނީ އެސަރަހައްދު ބަލަމުންނެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައި ވަނީ ރޭ މެންދަމު 02:10 ހާއިރު ކަމަށެވެ. ރަށުގެ ނެރުން ދޯނި ވަންއިރުވެސް މީނާ ދޯނީގައި ހުރިކަމަށާއި ނަމަވެސް ފާލަމާ ކައިރިކުރިއިރު މީނާ ދޯނީގައި ނެތްކަމަށް ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިހާދިސާގައި ހޯދަމުންދަނީ އދ.މަންދޫ، ރަތްވިލާގެ، އުމުރުން 27 އަހަރުގެ ޢަލީ ޝާހު އެވެ. މީނާ ލައިގެން ހުރީ މުށިކުލައިގެ ގޮޅިޖެހި އަތްދިގު ގަމީހަކާއި އަޅިކުލައިގެ ޖިންސެއްކަމަށް ދޯނީގެ ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި މީހާ އާބެހޭ އެއްވެސް ޚަބަރެއް ވޭތޯ، މިސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި މި ހިސާބުގެ ރަށް ތަކުން ބަލައިދިނުމަކީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި އަދި މީނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކުރެއްވުން އެދޭކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަންދޫ ދައިތަ

    ސިފައިން ކުރާ މަސައްކަތަށް ސާބަސް. ހަމައެއާއެކު އދ.ދިގުރަށް، އދ.ދަނގެތީ ރައްޔިތުންނާ، ޑައިވަރުނާ ޑައިވް ސެންޓަރުތައް ހިންގާ ބޭފުޅުންނަށްވެސް ސާބަހާ ޝުކުރު. ސިފައިންނަށްވުރެވެސްބޮޑަށް އަތޮޅުގެ ރަށްރަށުގެ ޑައިވަރުންގެ މަސައްކަތް ފާހަގަކުރަން. މަންދޫ ރައްޔިތުންނަށް މިފަހަރު އެނގިގެން ހިގައްޖެ ލައްކަ ކަންކަން.