އެސްޓީއޯގައި މަސައްކަތް ކުރާ މުވައްޒަފުން ލޭ ހަދިޔާކުރުމުގެ އެއް ކޭމްޕެއް މިއަދު ކުރިއަށްގެންގޮސްފުއެވެ.

އެސްޓިއޯއިން ބުނީ، ލޭ ހަދިޔާ ކުރުމުގެ މިކޭމްޕަކީ އެސްޓީއޯ ރިކްރިއޭޝަން ކްލަބު (ސްޓޯރކް) އިން އިސްނަގައިގެން ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ތެލެސީމިއާ ސެންޓަރަށް ލޭ ހަދިޔާކުރުމުގެ ގޮތުން ކުރިއަށް ގެންދެވުނު ހަރަކާތެެއް ކަމަށެވެ.

އެސްޓީއޯއިން ބުނީ، މި ކޭމްޕްގައި 80 އަށް ވުރެ ގިނަ މުވައްޒަފުންވަނީ ލޭހަދިޔާ ކޮށްފައިވާ ކަމަށެވެ.

މިކޭމްޕް ފައްޓަވައިދެއްވީ އެސްޓީއޯގެ ބޯޑް މެމްބަރުންނާއި މެނޭޖްމަންޓްގެ އިސްވެރިންނެވެ.

އެސްޓީއޯ ރިކްރިއޭޝަން ކްލަބުން ބުނީ، މި ކޭމްޕަކީ މިދުވަސްވަރަކީ ބްލަޑް ބޭންކަށް ލޭ ގިނަ އަދަދަކަށް ބޭނުންވެފައިވާ ދުވަސްވަރަކަށް ވެފައިވާތީވެ އެކަމަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްގެންދިޔަ ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި ވެސް މިފަދަ ކޭމްޕަތައް އިންތިޒާމުކުރާނެކަމަށް ބުނެފައި ވެއެވެ.

މިއީ ތެލެސީމިއާ ސެންޓަރ އާއި އެސްޓީއޯ ރިކްރިއޭޝަން ކްލަބާއި ގުޅިގެން ބޭއްވި ކޭމްޕެކެވެ. މިކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ ތެލެސީމިއާ ސެންޓަރުގައެވެ.