ރާއްޖޭގައި ޝިޕިންގ އެޖެންސީގެ ހިދުމަތްދޭ ކުންފުނިތަކުން ރަޖިސްޓްރީން އަންގައިފިއެވެ.

ރާއްޖޭގައި ޝިޕިންގ އެޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވާއިދު މިހާރު ވަނީ ގެޒެޓްކޮށްފައެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ޝިޕިންގ އެޖެންސީގެ ޚިދުމަތްދޭ ކުންފުނިތަކުން ޓްރާންސްޕޯޓް އޮތޯރިޓީގައި ޝިޕިންގ އެޖެންސީއެއްގެ ގޮތުގައި ރަޖިސްޓަރީވުމަށް އަންގާ ކަމަށެވެ.

އެ އޮތޯރިޓީން ވަނީ އަންނަ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ކުރިން ސިޕިންގ އެޖެންސީތައް ރަޖިސްޓަރ ކުރުމަށް އެދިފައެވެ.

އަދި އެ ތާރީހުގެ ފަހުން އެ އޮތޯރިޓީގައި ރަޖިސްޓަރީ ނުކޮށް ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމަކީ މަނާ ކަމެއް ކަމަށްވެސް އެ އިއުލާނުގައި ވެއެވެ. އަދި ރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގައި ޝިޕިންގ އޭޖެންޓުކަން ކުރަންވާނީވެސް އެ އޮތޯރިޓީއިން ޝިޕިން އެޖެންޓުކަން ކުރުމަށް ޝިޕިން އޭޖެންޓުންނަށް ދޫކުރާ ލައިސަންސެއް އޮވެގެން ކަމަށް ބުނެފައި ވެއެވެ.

ފަސް އަހަރުގެ މުއްތަށް ދޫކުރާ އެ ލައިސަންސް އެހެން އެއްވެސް ފަރާތަކަށް ބަދަލެއް ނުކުރެވެނެއެވެ. އަދި ޝިޕިން އެޖެންޓްކަން ކުރުމުގެ ހުއްދައަކަށް އަހަރަކު 100 ރުފިޔާގެ މަގުން ފީއެއް ދައްކަން ޖެހޭނެއެވެ.

އެ ގަވާއިދުގައި ބުނެފައި ވަނީ، ރާއްޖޭގައި ޝިޕިންގ އެޖެންޓު ނުވަތަ ފުރައިޓު ފޯވަޑަރެއް ޑެލިވަރީ އޯޑަރ ދޫކުރުމަށް ޝިޕިންގ އެޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރ ސީދާގޮތުނަނާއި ނުސީދާގޮތުންވިއަސް ކޮންސައިނީގެ އަތުން ފުރައިޓުގެ އިތުރަށް ފީއެއްގެ ގޮތުގައި ނެގޭނީ ޑެލިވަރީ އޯޑަރަށް އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ގިނަވެގެން -/500 (ފަސްސަތޭކަ) ރުފިޔާ ކަމަށެވެ.

އަދި މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު ޝިޕިންގ އެޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރ ރާއްޖެއަށް އިމްޕޯޓް ކުރާ މުދަލަށް ފުރައިޓާއި ޗާޓަރު ކުލި ނެގުމަށް ކަނޑައަޅާފައިވާ ރޭޓުތައް އާއްމުކޮށް އަންގަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

މި ގަވައިދާ ހިލާފުވާ ފަރާތްތަކުން 10،000 ރުފިޔާ އިން ޖޫރިމަނާކުރެވޭ ނެއެވެ.