ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމް އިން ސަރުކާރަށް ފާޑު ކިޔާފައި ވަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

ޝަރީފް މިފަދައިން ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ވައުދުވެފައިވާ ގޮތަށް ގާނޫނުތައް އަވަހަށް އިސްލާހުކޮށް ދިނުމަށް އެމްއާރުއެމް އިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގޮވާލުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކޯލިޝަންގައި ތިބެ އެމްއާރްއެމް އިން އެމްޑީޕީ އަށް ފާޑު ކިޔާފައި ވަނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. އަދި ވިދާޅުވީ އެކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ޝަރީފް އެ ޓްވީޓާއި ގުޅިގެން ގިނަބައެއްގެ ފާޑު ކިޔުންތައް ވަނީ ޝަރީފަށް އަމާޒުވެފައެވެ.

އެގޮތުން މީހަކު ޝަރީފުގެ އެ ޓްވީޓަށް ދިން ޖަވާބަކަށް ރައްދު ދެއްވާ ޝަރީފް ވަނީ އިތުރު ޓްވީޓެއް ކުރައްވާފައެވެ. އެގޮތުން ޝަރީފް ވިދާޅުވީ އެމްޑީޕީ މީހުން ބަލައި ނުގަތުމުން މާގިނަ ދުވަހަކު ކޯލިޝަނެއް ނޯންނާނެ ކަމަށެވެ. އަދި އޭރުން [އެމްޑީޕީ މެންބަރުން ބަލައިނުގަތުމުން] ކޯލިޝަން ދޫކޮށްފައި ދާންޖެހޭ ދުވަސް އޮންނާނީ ވަރަށް ކައިރީގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެމްއާރްއެމް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދެވި ސިޔާސީ ޕާޓީއެކެވެ. ޝަރީފަކީ ރައީސް މައުމޫން އިސްވެ ހުންނަވާ އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީ ކަމަށްވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގައި ވެސް އުޅުއްވި ބޭފުޅެކެވެ. އޭރު އޭނާ ވަނީ ރައީސް މައުމޫނަށް ވަރަށް ބޮޑަށް ސަނާ ކިޔުއްވާފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެމްއާރްއެމް އިން ބަޔާން ނެރުނީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހު މިއަދާއި ހަމައަށްވެސް އުވާލާފައި ނުވާތީ އެކަމުގެ ކަންބޮޑުވުންފާޅުކޮށެވެ.

އެމްއާރުއެމް އިން ނެރުނު ބަޔާނެއްގައި ވަނީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހަކީ އުސޫލުތަކާ ހިލާފު އަދި ގާނޫނުއަސާސީއާ ތައާރަޒްވާ އިސްލާހެއް ކަމަށެވެ. އަދި މިއީ ގާނޫނުއަސާސީން ދީފައިވާ ހައްގެއް އުނި ކުރުމަށް ކުރި ކަމެއް ކަމަށް ބަޔާނުގައިވެއެވެ. މިކަމާ ދެކޮޅަށް އެމްއާރުއެމް އިން ފާޅުގައި ވަކާލާތުކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އތނ

    އެމްޑީޕީގެ މަޖުލީސް މެމްބަރުން ކަންތަށް ކުރަނީ ވަރަށް ހުދުމުހުތާރުކޮށް... ސަރުކާރަށް ޖެއްސުން ކުރުން ނޫން ކަމެއް ނުކުރޭ... އެމްޑީޕީ މަޖުލީސް މެމްބަރުން ރުޅި އާދޭ ރައްޔިތުންނަށް ހެއްވަށް ކަމެއް ކޮށްދޭން ބުނެފިއްޔާ.... އެމްޑީޕީ އަށް ވޯޓް ދެވުނީތީ ވެސް ދެރަވޭ... އެމްޑީޕީ މަޖުލީސް ޑިކްޓޭޓަރ އިން ބޭނުން ވަނީ ރައްޔިތުންގެ އަގަ ހުއްޓުވަން، ފްރީޑަމް އޮފް ޕްރެސް ނަގާލަން... އެމްޑީޕީން ޑިކްޓޭޓަރޝިޕް އާ ދެކޮޅުވެފަ ވެރިކަން ލިބުނީމަ ޑިކްޓޭޓަރޝިޕް ހިންގަން މި އުޅެނީ... ސަރުކާރަކުން ނޫން މަޖުލީހުން ޑިކްޓޭޓަރޝިޕް ހިންގަނީ... އިސްތިއުފާ

  2. ހުސޭނު

    އަންނިކިޔާ ގަމާރުންގެ ލިސްޓްގައި ކަލޭ ހިމެނޭދޯ؟

  3. ފެކްޓް

    ކޮން މޑޕ އެއ!! އުޑުން އައި ބައިގަނޑެއްނ ވިއްޔާ މާ މަތީގަ އުޅެން. ތިމަންނަމެންގެ ތާއިދު މާބޮޑޭކިޔާ ކިބުރުވެރިކަނުންގޮސް ހޭތަޣައްޔަރުވަނީ