ސިއްރު ހެކިބަސް ނެގުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުން އެއްވެސް ހުރަހެއް ނެތް ކަމަށާއި އެކަމަށް ހުރަސް އެޅުނީ ހައިކޯޓުން ސިއްރު ހެކިބަސް ނެގުމުގެ މާއްދާ ހައިކޯޓުން މާނަ ކޮށްފައި އޮތް ގޮތުން ކަމަށް ދައުލަތުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފިއެވެ.

ހައިކޯޓުން ސިއްރު ހެއްކާއި ގުޅޭ ގޮތުން ނިންމާފައިވާ ނިންމުމާއި ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތީ މިދިޔަ ފެބްރުއަރީ މަހުގެ 25ވަނަ ދުވަހުއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޖަލު ހުކުމް ބާތިލް ކުރަން އިއްވި ހުކުމުގައި ހައިކޯޓުން ބުނެފައި ވަނީ 1976 ވަނަ އަހަރު އަމަލުކުރަން ފެށި ހެއްކާއި ބެހޭ ގާނޫނުގައި ހެކިބަސް ދޭމީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހެކިބަސް ނެގުމުގެ އިހުތިޔާރު ފަނޑިޔާރަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާއިރު، ހެއްކާބެހޭ ގާނޫނުގައި ހެކިބަސް ދޭމީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތެއް ނެތްކަން އެ ގާނޫނަށް ބެލުމުން އެނގެން އޮންނަކަމަށެވެ.

ހެއްކާބެހޭ ގާނޫނަކީ 23 ސެޕްޓެންބަރ 1976 ގައި ވުޖޫދަށް އައިސްފައިވާ ގާނޫނަކަށް ވާއިރު އެ ގާނޫނަށް އެއްވެސް އިސްލާހެއް މިއަދާއި ހަމައަށްވެސް އައިސްފައި ނުވާކަމާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 149 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން ހެކިން ޝަރީއަތުގެ މަޖިލީހަށް ހާޒިރުނުކޮށް ހެކިބަސްދެނީ ކާކުކަން ނޭނގޭ ގޮތަށް ހެކިބަސް ނެގުމުގެ އިހުތިޔާރު ފަނޑިޔާރަށް ލިބިގެންވަނީ ހެއްކާބެހޭ ގާނޫނުގައި ބަޔާންކޮށްފައި އޮންނަޖެހޭ ހާލަތްތަކުގައި، އަދި އެގާނޫނުގައި ހެކިބަސް ދޭމީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައި އޮންނަންޖެހޭ ގޮތްތަކުގެ ތެރެއިން ގޮތަކަށް ކަމަށް ބަޔާންކޮށްފައިވާއިރު، ހެކިބަސް ދޭމީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތެއް ނުވަތަ ގޮތަތަކެއް ނެތްކަން އެ ގާނޫނަށް ބެލުމުން އެނގެން އޮންނާތީ އަބްދުﷲ ސައީދާއި ދެކޮޅަށް ތިން ހެކިން ޝަރީއަތުގެ މަޖިލީހަށް ހާޒިރުނުކޮށް ހެކިބަސް ނަގާފައިވަނީ ޖިނާއީ އިޖުރާއާތުގެ ގާނޫނާއި ހިލާފަށް ކަމަށް ހައިކޯޓުން ކުރި ހުކުމްގައިވެއެވެ.

އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިއަދު ބޭއްވި އަޑުއެހުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 149ވަނަ މާއްދާ އޮތް ގޮތުން ސިއްރު ހެކިބަސް ނެގުމަށް ދިމާވާ ދައްޗަކީ ކޮބައިތޯ ފަނޑިޔާރުން ސުވާލު ކުރުމުން ދައުލަތުން ބުނީ އެ މާއްދާ އެހެން އޮވެގެން ސިއްރު ހެކިބަސް ނެގުމަށް އެއްވެސް ދެއްޗެއް ކުރިމަތި ނުވާ ކަމަށެވެ. ދަތި ކުރިމަތިވީ އެ މާއްދާ ހައިކޯޓުން މާނަ ކުރި ގޮތުން ކަމަށެވެ. މީގެކުރިން ސިއްރު ހެކިބަސް ނެގޭނެ ކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުންތަކާއި އެ ނިންމުމާއި ހިލާފު ކަމަށް ދައުލަތުން ބުންޏެވެ.

ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ހެއްކާ ބެހޭ ގާނޫނަށް ހަވާލާ ދެވިފައި އޮތީ މަޖިލީހަށް ހެދުނު އޮޅުމަކުން ކަމަށްވެސް ދައުލަތުން މިއަދު ބުންޏެވެ. ދައުލަތުން ބުނީ ޖިނާއީ އިޖުރާއާތުގެ ގާނޫނަށް ގެންނަން ތައްޔާރުވާ އިސްލާހުތަކުގެ ތެރެއިން އެކަމަށް ހައްލެއް ގެނެސްދޭނެ ކަމަށް ބަންޑާރަ ނައިބު ވަނީ ވިދާޅުވެފައި ކަމަށެވެ. ދައުލަތުން ސުޕްރީމް ކޯޓުގައި އެދުނީ އެކަމަށް ވަގުތީ ހައްލެއް ހޯދައި ދިނުމަށެވެ. ސަބަބަކީ ހެއްކާ ބެހޭ ގާނޫނު އައުމުން އެކަމަށް ފުރިހަމަ ހައްލު ލިބިގެން ދާނެތީއެވެ.

އެ މައްސަލައިގެ އަޑުއެހުން ނިނމުނީ ކަމަށާއި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލި ދީދީ

    މިބައިމީހުނާއި ޖެހުނީމަ ސިއްރު ހެކިބަސްވެސް ވަރިހަމަ ވީއެވެ. ކުރިން ބުނަމުން އައީ ސިއްރު ހެކި ބަހަކީ ވުޖޫދުގައި ނެތް ކަމެއްކަމުގައެވެ. ކުރިހާކަމެއް މިބައި މީހުން ކުރަމުން އައީ ކަމެއްގެ ދަހިވެތި ކަމުގައި ކަން ޔަގީންވެ ކަށަވަރުވެއްޖެއެވެ. ހިތާމައަކީ ނުވިސްނޭ ބަޔަކު އަދިވެސް އަތް ޖަހަން ތިބޭތީއެވެ.