ބައެއް ރަށްރަށަށް އުދަ އަރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހަވީރު 16:00 އާއި ހަމައަށެވެ.

މިއަދު އައްޑޫ ސިޓީ އަށް އެންމެ ދިޔަވަރު ބޮޑުވާނީ މެންދުރު 12:50 ކަން ހާއިރުއެވެ. މާލެ އަށް އެންމެ ދިޔަވަރު ބޮޑުވާނީ 13:30 ކަންހާއިރުއެވެ. ކުޅުދުއްފުއްޓަށް އެންމެ ދިޔަވަޅު ބޮޑުވާނީ 16:50 ކަންހާއިރުއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިއަދު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެން ވާކަމަށެވެ.

ހުޅަނގާއި ހުޅަނގުއުތުރުން، މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި، ދެކުނުގެ އަތޮޅުތަކަަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ.

ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވުން ވެސް އެކަށީގެންވެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށެވެ.

އާންމުކޮށް ހުރިހާ ފަރާއްތަކުން މޫސުުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.