ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅޭ މީހުންނާއި އެކި ސަބަބުތަކާއި ހުރެ އަނބުރާ ގައުމަށް ދާން ބޭނުން ވެފައިވާ މީހުންގެ ތެރެއިން މިއަދާއި ހަމައަށް ބަންގްލަދޭޝްގެ 4,581 މީހަކު މޯލްޑިވިއަންގެ ފްލައިޓްތަކުގައި ފޮނުވާލައިފިއެވެ.

މޯލްޑިވިއަން ބުނީ، އެ އެއާލައިނުން މިއަދުވެސް ބަންގްލަދޭޝްގެ ޑާކާއަށް 199 މީހަކު ފުރުވާލެވިފައިވާ ކަމަށެވެ. މީގެ އިތުރުން އިއްޔެވެސް އައްޑޫސިޓީ ގަމުން، ބަންގްލަދޭޝްއަށް 135 މީހަކު ވަނީ ފުރުވާފައެވެ.

މިހާތަނަށް ވެލާނާ އެއާޕޯޓާއި ޑާކާއާއި ދެމެދު ވަނީ 23 ފްލައިޓެއް ބޭއްވިފައެވެ.

ބަންގްލަދޭޝްއަށް މީހުން ފޮނުވާލަން ނިންމި ނިންމުމުގައި މިހާތަނަށް އެންމެ ގިނައިން ފުރުވާލެވިފައިވަނީ ގަވައިދާއި ހިލާފަށް ސައްހަ ލިޔެކިޔުން ނެތި މާލޭގައި ދިރިއުޅެމުން އަންނަ ބިދޭސީންނެވެ.

ބިދޭސީން ފޮނުވާލަން ނިންމާފައިވާއިރު، އެފަރާތްތަކުން އަނބުރާ ގައުމަށް ފުރުވާލާފައިވަނީ ހަމަ އެކަނި މޯލްޑިވިއަންގެ ފްލައިޓްތަކުގައެއް ނޫނެވެ. ދިވެހި ސަރުކާރުން ވަނީ އެފަދަ ފަރާތްތަކުން ގައުމަށް ފޮނުވާލުމަށް ބިމާން ބަންގްލަދޭޝް އެއާވޭސްގެ ފްލައިޓެއް ޗާޓަރުވެސް ކޮށްފައެވެ. އެހެން ކަމުން މިގޮތަށް ފޮނުވާލެވިފައިވާ ބިދޭސީންނާއި އެކު ޖުމްލަ ފޮނުވާލެވިފައިވާ ބިދޭސީންގެ އަދަދު އިތުރުވާނެއެވެ.

ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލަމުން އަންނައިރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މީގެ ކުރިން ވިދާޅުވީ، މި އަހަރު ނިމޭ އިރު ގަވާއިދާ ހިލާފަށް އުޅޭ 20,000 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލަން ނިންމާފައިވާ ކަމަށެވެ.