ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން އިތުރު 6 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅިގެން 6 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން ނަން އަނބުރާ ގެންގޮސްފައިވާ ކެނޑިޑޭޓުންގެ ތެރޭގައި ހިމެނެނީ މައްޗަންގޮޅި މެދު ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރި މުހައްމަދު އަޝްފާގާއި ކ. ތުލުސްދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑިއަށް އަމިއްލަ ގޮތުން ވާދަކުރި ޒައިނާ ޢަބްދުﷲ އާއި ށ. ފޭދޫ ކައުންސިލްގެ ރައީސްގެ މަގާމަށް އަމިއްލަ ގޮތުން ވާދަކުރި އަބްދުﷲ ފާއިޒްއާ ހއ. އުލިގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް އަމިއްލަ ގޮތުން ވާދަކުރި ޝަޒްނާ މުހައްމަދު ކަމަށެވެ.

މީގެއިތުރުން ރ.ރަސްގެތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރި އާއިޝަތު ޝެރީންގެ އިތުރުން ނ. މަގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރި އާމިނަތު ޝީރީނާ ވެސް ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީޚު އިއުލާން ކުރާނެ ކަމަށް އީސީން ބުނެއެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން މިއަހަރު ބާއްވަން ހަމަޖެއްސި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ފަސްކޮށްފައިވާއިރު، މި ދެ އިންތިހާބު ބޭއްވުމަށް މިހާރު މަސައްކަތް ކުރަނީ އަންނަ އަހަރުގެ މާޗު މަހުގެ ކުރީކޮޅުއެވެ.