ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ގެ މަސްއޫލިއްޔަތުތަކާ ހަވާލުވުމުގެ ކުރިން އެސްއޯއެފްގެ ހަރަދުގައި އިނގިރޭސި ވިލާތަށް ދިޔަ ކަމަށާއި، އޭނާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ހޯދިކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން، ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އެމްއެމްޕީއާރުސީގެ ހުރިހާ މައްސަލައަކުން ތަނާޒުލުވާން ޖެހޭ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަމިއްލަ ފަރާތަކުން މޯލްޑިވްސް ބާ ކައުންސިލަށް ހުށަހަޅާފައިވާ މައްސަލައެއްގައި ވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ގ.އޮއިވާލި މުހައްމަދު ހުސައިން (އޮއިއްޓެ) ގެ ވަކީލެއްގެ ގޮތުގައި ޝަމީމް މަސައްކަތް ކުރައްވާފައިވާ ކަން ފާހަގަކޮށްފައެވެ.

އަދި ޝަމީމްގެ ގެ ހެދުމަށް އެމްއެމްޕީއާރުސީގެ ފައިސާ ނެގި ކަމަށާ، އޭނާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ވަކީލެއްގެ ހައިސިއްޔަތުން އެތައް މިލިއަން ޑޮލަރު ވަކީލު ފީއެއްގެ ގޮތުގައި ނަގާފަިއވާކަމަށް އެ މަައްސަލައިގައި ވަނީ ތުހުމަތުކޮށްފައެވެ.

އެ ތުހުމަތުތަކާއި ގުޅިގެން މިރޭ ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެފަދަ ތުހުމަތުތަކެއް ޝަމީމްގެ މައްޗަށް ކުރެވޭއިރު އެމްއެމްޕީއާރުސީގެ ހުރިހާ ކަމެއް ވަނީ އެއްކަން އަނެއްކަމާއި ގުޅިފައި ކަމަށް ވުމުން އެ މައްސަލައިގައި ޝަމީމް ޕީޖީ އަކަށް ހުރެގެން އެއްވެސް ފަރާތަކަށް ދައުވާ ކުރުން ރަނގަޅު ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެ ހުރިހާ ކަމަކަށް ޝަމީމް އިންކާރުކުރެއްވި ނަމަވެސް، ޝަމީމް އިތުރުފުޅު ހައްދަވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އެމްއެމްޕީއާރުސީގެ އެއް މައްސަލަ އަނެއް މައްސަލަ އާއި އޮތީ ގުޅިފާ. ރައީސް ޔާމީންގެ މައްޗަށް ކުރި ދައުވާ އަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް. މިއޮތީ ވަކީލާއި މުވައްކިލާއި ދެމެދު އޮންނަން ޖެހޭ ސިއްރު ނަހަމަ ގޮތުގައި ބޭނުންކޮށްފައި." އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވަނީ މި މައްސަލަ އާއި ގުޅިގެން ޝަމީމްގެ މައްޗަށް ޖިނާއީ ތުހުމަތުތަކެއް ކުރެވޭ ކަމަށާ، ޝަމީމް މަނީ ލައުންޑަރ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބަލާދިނުމަށް ވެސް ގޮވާލައްވާފައެވެ.

ޝަމީމް އާއި އިދިކޮޅު ފަރާތްތަކުން ދާދިފަހުން ބައްއްދަލު ކުރި ކަމަށާ، އޭނާ އޭރު ދެއްކެވި ވާހަކަތަކާއި އެހެން ތަންތަނުގައި ދައްކަވާފައި ހުރި ވާހަކަތަކާއި ތަފާތުކަމަށް ވެސް އަބްދުލްރަހީމް ވިދާޅުވިއެވެ.

ޝަމީމްގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދޭ އިރު ޒިޔަތުގެ ވަކީލްކަން ކުރެއްވި ބޭފުޅަކު ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ދެކޮޅަށް އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުވާ ކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށާ، އެކަމުގެ ސަބަބުން ރައީސް ޔާމީންއަށް ކެނޑިނޭޅި އަނިޔާ ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދޫކޮށްލި މައްސަލަ އާއި ގުޅިގެން އެ މައްސަލަ ބެއްލެވި ގާޒީގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައި ވާއިރު އެ މައްސަލަ ނިމޭ ގޮތަކުން ބާކައުންސިލް އުވާލުމުގެ މަޝްވަރާ މި ސަރުކާރުން ކުރާ ކަމަށް ވެސް އަބްދުއްރަހީމް ވަނީ ތުުހުމަތު ކުރައްވާފައެވެ. އަދި ޖޭއެސްސީ މަސައްކަތް ކުރަނީ އެމްޑީޕީގެ ޕަޕެޓެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމީމް އަށްކުރެވޭ ތުހުމަތުތަކާއި ގުޅިގެން މީގެ ކުރިން އޭނާ، "ވަގުތަށް" ވިދާޅުވީ އޭނާ ޕީޖީކަމަށް ވަޑައިގެންނެވުމުގެ ނުވަ މަސް ކުރިން އިނގިރޭސި ވިލާތަށް ވަޑައިގެންފައި ނުވާނެ ކަމަށެވެ. އެކަމަކު، މުހައްމަދު ހުސެއިންގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ކަމަށް ޝަމީމް ވިދާޅުވިއެވެ.

" މުހައްމަދު ހުސެއިންގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރިން. އެ އެއްބަސްވުމަށް އަޅުގަނޑު ނެގޯޝިއޭޓްވެސް ކުރިން. ސޮއިވެސް ކުރިން. އެކަމަކު ޔޫކޭ އަށް އަޅުގަނޑު 2016 ގެ ފަހަކުން ނުދަން. އަދި އޮއިއްޓެ އަތަކުން ފައިސާ އެއް ނުނަގަން އެއްއިރަކުވެސް. ސަރުކާރުން ދިޔަ ޔޫކޭ އަށް ޓީމެއް. އެސްއޯއެފްއަކުން ނޫން ޚަރަދު ކުރީކީ ސަރުކާރުން ކުރީ. އެކަމަކު އަޅުގަނޑު ނުދަން." ޝަހީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އޭނާ ވަކީލެއްގެ ހައިސިއްޔަތުން މަަސައްކަތްކުރެއްވި ކޭސްތަކުގެ ވާހަކަ ލިޔުމުން ހުށަހަޅާފައިވާނެ ކަމަށާއި އެކަންކަން ޕީޖީ އޮފީހުގެ ރެކޯޑުން ފެންނަން ހުންނާނެ ކަމަށެވެ. އަދި އޭނާ ދިފާއީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވި ކޭސްތަކުގެ މަސައްކަތް ކުރިއަށް ދާނީ ޑެޕިއުޓީ ޕީޖީގެ ބެއްލެވުމުގެ ދަށުން ކަން އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކާފަބޭ2020

    ތަނާޒުލުވުމަކުންނުފުދޭނެ! އެމަގާމުންއިސްތިއުފާވެސްދޭންޖެހޭ! ފާޅުގާޝަރީއަތަށްނުފޫޒުފޯރުވާއިރު އަދިވެސްތަނާޒުލްތަވާންޖެހޭނީ! މަތިފަޑިއަށްއަރާމިތިބީ ހަމަ " ދެކޮޅުންކާ" ވެންތަކެއްފަދަ ބައެކެވެ. މަގާމަށްޓަކާތިޔަކުރާމަސައްކަތަށްފަހު އެކަނިމާއެކަނި އޮންނަންޖެހޭދުވަހުން ހަދާނީކިހިނެއްތޯ؟ އެދުވަހުވެސް އާރާބާރުދެއްކޭނެތޯ؟ ދޫ ބަންދުވެގުނަވަންތައް ހެކިދޭދުވަހާމެދު ވިސްނާލަށްވާ އެއީ ހަމަޔަޤީންދުވަހެއް☹☹☹☹☹

    8
    2
  2. ގައުމުގެ ދޫ

    ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ބޭފުޅުން އެ މައްސަލަތައް ބެލުމާ ބޭހޭގޮތުން އާންމުންގެ ތެރޭ ވާހަކަދެއްކުމުން އެއްކިބާ ވާންޖެހޭ. އެހެން ނޫނީ ނުރަނގަޅު އަސަރުކުރާނެ.

  3. ޏ

    އި ތުބާރު ގެއްލިފައިވާ ޚިޔާނާތ ތް ތެރިން ސަރުޢީދާއިރާގައި
    ހަރަކާ ތް ތ ތެތރިވަމުން ދިއުމަކީ ކަންބޮޑުވާކަމެކެވެ.