ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް އަން މަހުގެ ފަސްވަނަ ދުވަހުގެ މެންދުރު 12:30 ގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

ރައީސް އޮފީހުން އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މާދަމާ އަދި އަންނަ މަހުގެ ހަތަރުވަނަ ދުވަހާއި ފަސްވަނަ ދުވަހުގެ ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް، ކަމަށެވެ. އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓު www.presidencymaldives.gov.mv އިން ޑައުންލޯޑް ކުރެއްވޭނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު ރައީސް އޮފީހުން އިތުރު ކޮށްފައިވާއިރު އެ ކޮމިޝަނުގެ ތިން މެންބަރަކު ވަނީ އިސްތިއުފާ ދެއްވާފައެވެ. އިސްތިއުފާ ދެއްވީ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި ރައީސްގެ މަގާމުން އައިމިނަތު އީނާސާއި ކޮމިޝަންގެ މެންބަރު އައިޝަތު އަފްރީން އަދި ކޮމިޝަނުގެ މެންބަރު މޫސާ އަލީ ކަލޭފާނެވެ. އަދި މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އެ ކޮމިޝަނުގެ ނާއިބު ރައީސް މުހައްމަދު ޒާހިދު ވަނީ މަގާމުން ވަކި ކުރައްވާފައެވެ.

އެ ކޮމިޝަނުގައި ދެން ހުންނެވީ ކޮމިޝަނުގެ މެންބަރު ނައިވީން އަބްދުﷲއެވެ. އޭނާގެ ވެސް ދައުރު އަންނަނީ ހަމަވަމުންނެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް މިއަދުގެ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ އިތުރުން ސަރުކާރު ކޯލިޝަން ޕާޓީތަކުގެ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ފާޑުކިޔުންތައް އަންނަނީ ވަރަށް ބޮޑަށް އަމާޒުވަމުންނެވެ. ހާއްސަކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިބޭފުޅުން އައްޔަން ކުރައްވާ އޭރު ހިނގާދިޔަ ސިޔާސީ އެތައް ކަމެއްގައި އިންސާނީ ހައްގުތަކަށް އަސަރު ކުރުވާ ކަންކަން ހިނގާފައިވާއިރު އެކަމުގައި އެޗްއާރްސީއެމްގެ މެންބަރުން ހަނު ހުންނެވި ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.