ޏ. ފުވައްމުލަކު ފަރިކެޑެއަކީ ހިމާޔަތްކޮށްފައިވާ ތަނެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ވަނީ މިއަދުން ފެށިގެން ފުވައްމުލަކުގެ ފަރިކެޑެ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމުގައި ހަމަޖައްސާ ކަމަށެވެ. އަދި މި ސަރަހައްދު ބެލެހެއްޓުމުގައި ޢަމަލު ކުރާނީ ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ރައްކާތެރިކޮށް ދަމަހައްޓައި ތަންތަނާބެހޭ ގަވައިދުގައިވާ ގޮތުގެ މަތިން ކަމަށް އިއުލާންގައިވެއެވެ.

އެ ސިޓީގެ ފަރިކެޑެ ސަރަހައްދަކީ އެކި ބާވަތްތަކުގެ މިޔަރު ސާފުވުމަށާއި ވިހެއުމަށް ޖަމާވެ އުޅޭ ސަރަހައްދެކެވެ. އެގޮތުން މި ސަރަހައްދުން އާއްމުކޮށް ފެންނަ މުހިއްމު ދިރުން ތަކުގެ ތަރޭގައި ކަނޑި މިޔަރު,ފާނަ މިޔަރު, އެންމަޑި،އަދި ފެހުރިހި ހިމެނެއެވެ.

މި ދިރުންތަކަކީ ބައިނަލްއަގްވާމީ ގޮތުން ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރުންތައް ކަމުން މި ފަދަ ދިރުންތައް ސާފުކުރުމަށާއި ވިހައި އާލާވުމަށް ބޭނުންކުރާ މި ސަރަހައްދު ހިމާޔަތްކުރުމަކީ މުހިއްމު ކަމެކެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި އެއް ފަރާއި އެއް ކަނޑޫފާ ރައްކާތެރިކުރުމަކީ ސަރުކާރުން ވެފައިވާ ވައުދެކެވެ.

ފަރިކެޑެ ހިމާޔަތް ކުރުމަށް ސަރުކާރުން ނިންމާފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަމަނަ

    ކޮންމެ އަތޮޅެއްގަ ކަނޑޫފަލެއް ނުވެސް އޮވޭ. ދެން ކިހިނެއް ތި ވައުދު ފުއްދާނީ؟

    • ޔެލޯ

      ކަނޑޫފާ އުފައްދައިގެން