ސުލްޙަވެރިކަމާއި އެކު ޝުޢުރު ފާޅުކުރުމަށް ކަމަށް ބުނެ އިދިކޮޅު ސިޔާސީ ފަރާތްތަކުން މިއަދު ހަވީރުން ފަށައިގެން، "ވާމްއަޕް" މުޒާހަރާގެ ނަމުގައި މާލޭގައި ހިންގަމުން އަންނަ ހަމަނުޖެހުންތަކުގެ ތެރެއިން ރާއްޖެޓީވީގެ ނޫސްވެރިއަކަށް އާނިޔާވެއްޖެއެވެ.

މިރޭ އެއްވުމުގެ ތެރެއިން އަނިޔާވެފައި ވަނީ، ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަންއަށެވެ. އޭނާއަށް އަނިޔާވެފައި ވަނީ، އެއްވުމުގައި ބައިވެރިވި މީހުން ފަހަތަށް ނުޖެހުމުން ބާރުގެ ބޭނުން ކޮށްގެން އެފަރާތްތައް ފަހަތަށް ޖެއްސުމަށް ފުލުހުން މަސައްކަތް ކުރި ވަގުތުއެވެ.

މިހާދިސާގައި ހުސެއިންއަށް އަނިޔާވުމާއި ގުޅިގެން އޭނާ އަށް އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދީފައިވާއިރު، ފަހުން ވަނީ އޭޑީކޭއަށް ބަދަލުކޮށްފައެވެ.

ރާއްޖެޓީވީ އިން ބުނިގޮތުގައި، ހުސެއިން ހޮސްޕިޓަލަށް ގެންދިޔައިރު އޭނާއަށް ލިބުނު އަނިޔާގެ ސަބަބުން އޮތީ ހޭނެތިފައެވެ. އެ ޓީވީން ބުނީ، ފުލުހުން ގަސްތުގައި ހުސައިންއަށް ބޮޑެތި އަނިޔާތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާއަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއްކަމެއް އަދި ސާފެއް ނުވެއެވެ.

މި މުޒާހަރާގެ ތެރެއިން ކުރިންވެސް ބައެއް ފަރާތްތަކަށް އަނިޔާވިއިރު، އާޓިފިޝަލް ބީޗް ސަރަޙައްދަށް އެއްވި މުޒާހަރާގެ ބައިވެރިންތަކެއް ފަހަތަށް ޖައްސަން ފުލުހުން މަސައްކަތްކުރި ވަގުތު ދުއްވައިގަތުމުން ވެއްޓިފައި މީހެއްގެ އަތްވެސް ބިންދައިގެންދިޔައެވެ.

އިދިކޮޅު ފަރާތްތަކުން މި މުޒާހަރާ ކޮށްފައި ވަނީ، އެއްވެ އުޅުން މަނާކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި މި މުޒާހަރާގެ ތެރެއިން ދިވެހި ސަލާމަތީ ބާރުތަކާއި ކުރިމަތިލުމަށް ބަޔަކު ރާވަމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ކުރިން ފުލުހުން ވަނީ ވިދާޅުވެފައެވެ.