ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބަންދު ކުރުމުގެ އަމުރަކަށް ދައުލަތުން މިއަދު ހައިކޯޓުގައި އެދިއްޖެއެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއެއް ކްރިމިނަލް ކޯޓުން ބޭރުން ކޮށްލުމުން ދައުލަތުން އިސްތިއުނާފު ކުރި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އަދީބު ބަންދު ކުރުމުގެ އަމުރަކަށް އެދިފައެވެ. ނަމަވެސް އަދީބު މިއަދުގެ ޝަރީޢަތުގައި އެދުނީ ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތަކަށެވެ.

އަދީބަށް ވަކީލަކު އައްޔަން ކުރުމަށް ފުރުސަތު ދިނުމަށް ފަހު ބަންދާއި މެދު ގޮތެއް ނިންމަން މިއަދު 15:00 ގައި އިތުރު އަޑުއެހުމެއް ބާއްވަން ވަނީ ތާވަލްކޮށްފައެވެ.

އަދީބުގެ ބަންދާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ދައުލަތުން ވިދާޅުވެފައި ވަނީ އަދީބު ބަންދު ކުރުމުގެ އަމުރަކަށް އެދުނީ ޤާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތުގައި ވުޖޫދުގައި އޮތުމުން ކަމަށެވެ. އަދީބު ފިލައިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ދައުލަތުން ވިދާޅުވީ އަދީބަކީ މީގެ ކުރިން ވެސް ފިލަން މަސައްކަތް ކޮށްފައިވާ މީހެއް ކަމަށެވެ. "އެކަމާއި ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން ޙުކުމެއް ކުރެވި އެޙުކުމް ތަންފީޒުކޮށް ނިމިފައި ވަނީ. އެހެންކަމުން އަދީބާއި ދެކޮޅަށް އުފުލިފައިވާ 7 ދައުވާ އަކީ ޖިނާޢީ އިޖުރާޢަތުގެ 22 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ބޮޑެތި ކުށްތަކުގެ ގޮތުގައި ހިމެނޭ ކުށްތަކެއް. އެހެންކަމުން އެމައްސަލަތައް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭ." ދައުލަތުން ވިދާޅުވިއެވެ.

މިކަމާއި ގުޅޭ ގޮތުން ޖަވާބުދާރީވުމަށް އަދީބަށް ދިން ފުރުސަތުގައި އަދީބު ވިދާޅުވީ ހައިކޯޓަށް ހުށަހެޅިފައިވާ މިމައްސަލަ މިއަދު ތާވަލް ކޮށްފައިވާކަން އެނގުނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި ވަކީލެއް ހޯދުމަށް ކުރި މަސައްކަތް އަދި ކާމިޔާބު ވެފައި ނުވާކަމަށެވެ.

"އިއްޒަތްތެރި ފަނޑިޔާރު ވަކީލެއްގެ ހައްޤަކީ ޤާނޫނު އަސާސީން ކޮންމެ މީހަކަށް ވެސް ލިބިގެންވާ ޙައްޤެއް. ބަންދުގެ އަމުރަކަށް ދައުލަތުން އެދިފައި ވާއިރު މިމަރުހަލާގައި ވެސް ޤާނޫނީ ގޮތުން ފާހަގަ ކުރަން ޖެހޭ ގިނަ ނުކުތާތަކެއް އެބަހުރި. އެއީ ޤާނޫނީ ވަކީލަކާއި ނުލައި އަޅުގަނޑަށް ހޯދޭނެ ޙައްޤެއް ނޫން. އެހެންކަމުން ވަކީލަކާއި އެކު އެއަޑުއެހުން ކުރިއަށް ގެންދިއުން ވަރަށް އަދަބުވެރިކަމާއި އެކު އެދެން. އަޅުގަނޑު ދަންނަވާލަން ބޭނުން އަހްމަދު އަދީބު ވީމަ ދައުލަތުން ވަކިގޮތަކަށް ކަންތައް ކުރަން މަސައްކަތް ކުރާކަން. އަބަދުވެސް ދައުލަތުން ބޭނުން ވަނީ އަހްމަދު އަދީބު ވީމަ ފިއްތާލައިގެން، ގޮޅިއަކަށް ލައިގެން، ހައްޔަރުކޮށްގެން ކަންކަން ކުރަން. އެވާހަކަ ދެއްތޯ ކްރިމިނަލް ކޯޓުގެ ޙުކުމުގައި އެއޮތީ." އަދީބު ވިދާޅުވިއެވެ.

އަދީބުގެ މިވާހަކަތަކާއި ގުޅިގެން މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތު ބައްލަވާ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ވިދާޅުވީ މިއަދުގެ މިއަޑުއެހުމަކީ އަދީބާއި ގުޅޭ ގޮތުން ހުށަހެޅިފައިވާ ހަތް ދައުވާގެ މައުލޫއާއި ގުޅޭ ގޮތުން ވާހަކަދައްކަން ތާވަލް ކުރި އަޑުއެހުމެއް ނޫންކަމަށާއި މިއީ ދައުލަތުން އެދިފައިވާ ބަންދާއި މެދު ގޮތެއް ނިންމުމަށް ބޭއްވުނު ޝަރީޢަތުގެ މަޖިލީހެއް ކަމަށެވެ.

"ބަންދު އަމުރު ނެރުމުގެ މަޖިލިސް ތަކަކަކީ ދިގު މުއްދަތެއް ދެވޭނެ މަޖިލިސްތަކެއް ނޫން. އެހެންކަމުން ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދުގެ 15:00 ގައި އަޑުއެހުމެއް ބާއްވަން ޝަރީޢަތުން މިނިންމަނީ. މިއަޑުއެހުމަށް ވަޑައިގަންނަވާއިރު ވަކީލަކާއި އެކު ވަޑައިގެންނެވުން އެދެން." ފަނޑިޔާރު ޝުއައިބު ވިދާޅުވިއެވެ.

މިމައްސަލަ ބައްލަވަނީ ހައިކޯޓަކުގެ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. މިބެންޗްގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ހުސައިން މަޖީދު ފަނޑިޔާރު އަހްމަދު ނިޔާޒު އެވެ.

ފަނޑިޔާރު ނިޔާޒު މިއަދު ވިދާޅުވީ އަދީބު ފިލައިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"މިމައްސަލަ އާއި ގުޅޭ ގޮތުން އަޅުގަނޑަށް ގަބޫލު ކުރެވެނީ ދައުލަތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު އަދީބު ފިލައިގެން ދިއުމުގެ ފުރުސަތު އޮތްކަން. މިހެން މިދެންނެވީ ކޯޓުތަކުން ރިއާޔަތް ކުރާނީ އެމީހެއްގެ ޕާސްޓް ހިސްޓްރީއަށް ކަމަށްވާތީ. ފިލައިގެން ދިއުމުގެ ހިސްޓްރީއެއް އަދީބުގެ އެބައޮތް." ފަނޑިޔާރު ނިޔާޒް ވިދާޅުވިއެވެ.

އަދީބުގެ މައްޗަށް އެމްއެމްޕީއާރްސީ މައްސަލައިގައި ދައުލަތުން އުފުލި ހަތް ދައުވާއެއް ކްރިމިނަލް ކޯޓުން ބޭރުކޮށްލީ މިދިޔަ ހަފްތާގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަނަމަނަ

    ދައުލަތުން އެދުނަސް މަގާމުގެ ބިރުވެރިކަމައްޓަކަ ކުރަން ނުޖެހޭ ކަމެއްގަ އަނެކާއައް އަދަބެއްދިނުމަކީ އެކަމެއްގެ ސަބަބުން އެއަދަބެއް ދިންފަރާތަކައްވެސް
    ޢަދަބުލިބޭނެކަމެއް

    14
  2. ބްރޯ

    ސަރުކާރުން ތިކުޅޭގޭމް އެންމެންނަށްއެގޭ.ރައްޔިތުންހައްދަންނޫޅޭ އެންމެގިނަލާރިކާލާފައޮތީސަރުކާރުގެއިސްމީހުންކަމުގައިވާތީމައްސަލަދިގުދަންމަނީ...

    22
  3. ޖީޓީއޭ

    ބިގް ސްމޯކް އިޒް ދެޓް ޔޫ އިން ރިއަލް ލައި ފް