ދިވެހި އަންހެނަކާ ކައިވެނި ކޮށްގެން ރާއްޖޭގައި ދިރިއުޅެމުން އަންނަނިކޮށް ހައްޔަރުކުރި ޔަމަނުގެ ރައްޔިތެއް ކަމުގައިވާ ޔާސިރު ޔަހްޔާ ސާލިހްގެ ހާލު މިއަދު ކުޑަކޮށް ރަނގަޅު ކަމަށް ކަރެކްޝަނަލް ސާވިސްއިން މިއަދު ބުނެފިއެވެ.

މިދިޔަ އަންގާރަ ދުވަހު އިރުއޮއްސުނުއިރު، ހާލު ދެރަވެގެން ޔާސިރު އައިޖީއެމްއެޗަަށް ގެންގޮސް ފަރުވާދެމުން ދިޔައީ ވެންޓިލޭޓަރުގައި ކަމަށް އާއިލާއިން ބުނެފައެވެ. ކަރެކްޝަނަލް ސާވިސް އިން ބުނަނީ، އޭނާއަށް ފަރުވާދެމުން ދިޔައީ އެމާޖެންސީގައި ކަމަށެވެ.

އޭނާއަށް ފަރުވަދެމުން ދަނީ ކޮން މައްސަލައަކާއި ގުޅިގެންކަންވެސް ކަމާއި ބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

"ވަގުތު"އަށް މައުލޫމާތުދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިސަރ އާމިނަތު ޔުސްރީން އަހުމަދު ވިދާޅުވީ، އަދިވެސް އޭނާއަަށް ފަރުވަދެމުން ދަނީ ހޮސްޕިޓަލްގައި ކަމަށާއި، އޭނާގެ ހާލު މިއަދު ކުޑަކޮށް ރަނގަޅު ކަމަށެެވެ.

މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ހާމަކުރެވެން ނެތްކަންވެސް ޔުސްރީން ވަނީ ފާހަގަކޮށްފައެެވެ.

މިދިޔަ އަންގާރަ ދުވަހު އާއިލާގެ ފަރާތުން "ވަގުތު"އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ، ޔާސިރުއަށް ދިމާވެގެން އުޅެނީ ކޮން ކަހަލަަ ސިއްހީ މައްސަލައެެއްކަން އާއިލާއަށްވެސްް ނޭނގޭ ކަމަށެވެ.

ޔާސިރު މީގެ ކުރިންވެސް ހާލު ދެރަވެގެން އެޑްމިޓްކޮށް ފަރުވާ ދީފައި ވެއެވެ.

އެގޮތުން މީގެ ކުރިން އޭނާ ބަނޑުހައި ހޫނުކަމުގެ ހަޅުތާލުވެސް ކޮށްފައި ވެއެވެ.

ޔާސިރު ހައްޔަރުކޮށްފައި ވަނީ 2017 ވަނަ އަހަރު މާރިޗް މަހުގެ ތިންް ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލް އަދި އިސްލާމިކް ޔުނިވާސިޓީގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށެވެ.

މިހާތަނަށް ޔާސިރުގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެއެވެ.

ޔާސިރް އާއި މެދު އިދަރީ ގޮތުން ކަންތައް ކުރަމުންދާ ގޮަތްތަކާއި ގުޅިގެން އާއިލާގެ ފަރާތުން މައްސަލަ ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ.