ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ފެރީގެ ހިދުމަތް ދިނުމަށް އެއްބަސްވުން އެކުލަވާލި ދީބާޖާ އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ރިސޯޓެއްގެ ގޮތުގައި ރ. ކުޑަކުރަތު ތަރައްގީ ކުރުމަށް 25 އަހަރުގެ މުއްދަތަކަށް ދިނުމަށްފަހު އެރަށުގެ މުއްދަތު ކުއްލި ގޮތަކަށް 50 އަހަރަށް ބަދަލުކުރި ސަބަބު ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާނެ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.

ދީބާޖާއަށް ބަދަލު ދިނުމާއި ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް އޮފީހުން ނެރެފައިވާ ރިޕޯޓެއްގައި ބުނީ ދީބާޖާ އަށް ސަރުކާރުން ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ރ. ކުޑަކުރަތު ދޫކޮށްފައި ވަނީ ހިދުމަތަށް ސަބްސިޑައިޒް ކުރުމުގެ ގޮތުން ކަމަށާއި އެހެންކަމުން އެއްބަސްވުން އުވާލުމުން އެރަށް ސަރުކާރަށް އަނބުރާ ނެގޭނެ ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

ދަތުރުފަތުރުގެ އެއްބަސްވުން އުވާލެވޭއިރު އެ ރަށް އެހެން ފަރާތަކަށް ސަބްލީޒްކޮށްފައިވާ ނަމަ އެ ފަރާތަކާއެކު އަލުން ސަރުކާރުން އެއްބަސްވުން ހަދައިގެން ކުރިއަށް ގެންދާ ގޮތަށް ކަމަށް ވާތީ އާއި އަދި ދަތުރުފަތުރުގެ އެއްބަސްވުމުގައި ޝަރުތުކޮށްފައިވާ ގޮތުގެ މަތިން އެ ރަށް މިހާރު ވަނީ ސަބްލީސް ކުރި ފަރާތަށް ހެޑް ލީސް ބަދަލު ކުރެވިފައި ކަމަށް ވާތީ ދީބާޖާ އިން ހޯދުމަށް ހުށަހަޅާފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ނުވަތަ މާލީ ބަދަލެއް ނުދިނުމަށް ދަންނަވާ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއި ކުރައްވާ ނެރުއްވި ރިޕޯޓުގައިވެއެވެ.

އެ އެއްބަސްވުމުގެ ބައެއް ކަމުގައިވާ އާރްއެފްޕީގެ 6.32.1 ވަނަ މާއްދާގެ "ޑީ" ގެ ދަށުން އެ އެއްބަސްވުން ބާތިލްކުރުމަށް ސަރުކާރަށް ލިބިފައިވާ ބާރުގެ ދަށުން ކަމަށް ވާތީ، ދަތުރުފަތުރުގެ އެއްބަސްވުން އުވާލުމާ ގުޅިގެން ދީބާޖާ އިންވެސްޓްމެންޓް އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުދިނުމަށް ދަންނަވަން،" އޮޑިޓް ރިޕޯޓުގައިވެއެވެ.

އަދި ރިސޯޓު ތަރައްގީ ކުރުމަށް އެއްބަސްވުމުގެ ދަށުން ދީބާޖާ އަށް ސަރުކާރުން ދީފައިވާ ރަށަކީ ކަނޑައެޅި ބިމަށްވުރެ ބޮޑު ބިމަކަށް ވާތީ އެކަމުގައި އެއްބަސްވުމުގައި ނުހިމެނޭ އިތުރު މަންފާތަކެއްވާ ކަމަށް އޮޑިޓާ ޖެނެރަލް ވަނީ ތުހުމަތު ކޮށްފައެވެ. އަދި އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ކަމަށް ބެލެވޭ ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އެ މައްސަލަ ތަހުގީގު ކުރުމަށް އޮޑިޓާ ޖެނެރަލް ވަނީ އަންގަވާފައެވެ.

ދީބާޖާއަށް ބަދަލުގެ ގޮތުގައި 348 މިލިއަން ދައްކަން ސިވިލް ކޯޓުން ކުރިން ކުރި ހުކުމް ހައި ކޯޓުން މިދިޔަ އަހަރު ބާތިލްކުރި އެވެ. ނަމަވެސް ހައި ކޯޓުން އެ މައްސަލަ ބަލައިގެންފައި އޮތީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށްވާތީ ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ އެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައިފައެވެ.ދީބާޖާއަށް ބަދަލު ދިނުމަށް ނިންމީ ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް މި ސަރުކާރުން އުއްފާދައިވާ ސެޓްލްމަންޓު ކޮމެޓީ އާއި އެކުގައި މަޝްވަރާތައް ކުރުމަށްފަހުއެވެ. އަދި ސެޓްލްމަންޓު ކޮމެޓީން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލަފާ އެރުއްވީ ދީބާޖާއަށް ފައިސާ ދޫކުރުމަށެވެ. ނަމަވެސް އެފައިސާ އަދި ދުލެއް ނުކުރެއެވެ. އެ ފައިސާ ދޫނުކުރީ ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ގިނަ މެންބަރުންތަކެއްގެ ކަންބޮޑުވުންތައް ހުރުމާއި އެކުގައި ސަރުކާރުން މިހާރު ވަނީ ސުޕްރީމް ކޯޓުގެ ހުކުމް އަލުން މުރާޖާ ކުރުމަށް އެ ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަޖްވާ

    ދީބާޖާ އަށް ބަދަލު ދޭން ނިންމީ އެ ކުންފުންޏަށް ދިން ރަށް ހެދިގެން ލިބޭނެ ކަމަށް ލަފާ ކުރާ އާމްދަނީ އަށް ބަލާފަ ކަމަށް ބެލެވެނީ! ބުނެލަން ބޭނުންވަނީ، އެ ރަށް ރިސޯޓަކަށް ހެދޭހާ ފައިސާ ހަމަ ޔަޤީނުންވެސް އެ ކުންފުނީގެ ޑިރެކްޓަރުންގެ އަތަކު ނުހުންނާނެ! އެހެންވީމަ، އެމީހުން ފައިސާ ހޯދަން ޖެހޭނީ ހަމަ ޔަޤީނުންވެސް ކޮންމެވެސް ބޭންކަކުން! އެކަމަކު، އެކުންފުންޏަކީ ބޭންކަކުން ރިސޯޓު ހެދޭވަރުގެ މާލީ ކެރިފޯރުންތެރިކަން ކުންފުންޏެއް ނޫން! އެހެންވީމަ، ހަމަ ޔަޤީނާ ގާތަށް އެނގޭ އެމީހުންނަކަށް އެ ރަށް ހަދާކަށް ލޯނެއް ނުލިބޭނެކަން! ދެން ކިހިނެތްހޭ އެމީހުން އާމްދަނީ ހޯދާނީކީ ކްރޮސް ސަބްސިޑައިޒް ކޮށްގެން! ދެން ކަރުދާހުގަ ޖަހާފަ ހުރި އަދަދުތަކަށް ބަލައިގެން ބަދަލު ދޭން ނިންމި ނިންމުމަކީ އެއްވެސް ހާލެއްގައި އިންސާފެއް ކަމަކަށް ނުދެކެން! އެހެންވީމަ، އޮޑިޓަރ ޖެނަރަލް ގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ދެކެނީ!

  2. މުބީން މާރނީ

    ކުޑަބަނޑޮސް ވަހީދުއްދީން އަށް ވަހީދު ދިން މައްސަލަ ވެސް ބަލަން ޖެހޭނެ. ސަރުކާރު ބަދަލުކޮށްގެން، އަހަރުމެން ހަމަނޭވާލާން ގޮސްލަން އޮތް ރަށް ދަމައިގަނެގެން. ލަދު ކޮބާ ވަހީދުއްދީން؟