އަލިދޫ ރިސޯޓްގައި ހިނގި ގުދުރަތީ ހާދިސާއެއް ހިނގައިގެން ލިބުނު ގެއްލުންތަކަށް، އެލައިޑް އިންޝުއަރެންސާއި އެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދީ، މަކަރާއި ހީލަތް ހަދާފައިވާ ކަމަށް އަލީ ރިސޯޓުގެ ހިންގާ ޔޮޓް ޓުއާސް ކުންފުނީގެ ޗެއާމަން އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖާބިރު ވިދާޅުވީ، އިންޝުއަރެންސް ފެއިލް ވުމަކީ ރާއްޖޭގައި އޮންނަ ކަމެއް ނޫން ކަމަށާއި އެފަދަ ކަމެއް ދިމާވެދާނެ ކަމަށް އުއްމީދުވެސް ނުކުރާ ކަމަށެވެ. ޖާބިރު ވިދާޅުވީ، ހަތަރު މިލިއަން ރުފިޔާއަށް މި މައްސަލަ ނިންމަން ހުށަހެޅުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ޗެއާ މަނަކަށް ހުންނަވައިގެން ހިޔަލީ މުހައްމަދު ރަޝީދު މަކަރާއި ހީލަތް ހަދައިގެން ރާއްޖޭގެ ކަންކަން ގޯސްކޮށްފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަމުރުފުޅަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި ވާހަކަ ދެއްކިއިރު އެއްވެސް އެއްޗެއް އޭނާ އަށް ނޭނގޭ ކަމަށް ވިދާޅުވެ ޖާބިރު ވަނީ އަމްރު އަށް ވެސް ފާޑު ވިދާޅުވެފައެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އަމުރުފުޅަށް، އަމްރު ނަމަކަށް ކިޔާ މީހާއާއި ވާހަކަ ދެއްކިއިރު، އޭނާގެ ވާހަކަތައް ހުރީ އެއްވެސް އެއްޗެއް އެނގޭ މީހެއްގެ ގޮތުގައެއް ނޫން. ރާއްޖޭގެ ކުންފުނިތަކުގެ ސީނިއާ ބޭފުޅުން ތިއްބަވަން ވާނީ" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ރާއްޖެ ހިންގުމުގައި އެސްޓީއޯ ކަހަލަ ކުންފުންޏަކަށް ބަރޯސާ ވެގެން، ރީ އިންޝުއަރެންސް ކޮށްފައި އޮއްވާ މަކަރާއި ހީލަތުން ޔޮޓް ޓުއާސް ގްރޫޕް ކުންފުނިތަކަށް ވަރަށް ގިނަ ގެއްލުންތަކެއް ދީފައިވާ ކަމަށާއި އެ މައްސަލައިގައި އޭނާ ކުރިއަށްދާނެ ކަމަށެވެ.

ޖާބިރު ވިދާޅުވީ، ކޯޓުތަކުން އަންގާ އެންގުންތަކަށް ތަބާވާން ޖެހޭނެ ކަމަށާއި އެންމެ މިލިއަނެއް ދޭން އެސްޓީއޯއަށް އަންގާފައިވާ ކަމަށާއި ބާކީ އޮންނަ ފައިސާ ދެފަރާތައް ފަސޭހަވާނެ ގޮތަކަށް ފްލެކްސިބަލް ކޮށް ގެންދިއުމަށް ބުނެފައިވާ ކަމަށެވެ.

އަލިދޫ ރިސޯޓަކީ ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ޔޮޓް ޓުއާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހިންގަމުން އައި ރިސޯޓެކެވެ. ދިމާވި ގުދުރަތީ ހާދިސާއެއްގެ ސަބަބުން ލިބުނު ގެއްލުމަށް، އެލައިޑާ އެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދީ ދިގު މުއްދަތެއް ހޭދަވުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، ގާތްގަނޑަކަށް 115,523,345:00 (ސަތޭކަ ފަނަރަމިލިޔަން ފަސްލައްކަ ތޭވީސްހާސް ތިންސަތޭކަ ސާޅީސް ފަހެއް) ޑޮލަރު ހޯދަން ޔޮޓް ޓުއާޒް މޯލްޑިވްސް އިން ދައުވާ ކުރިއެވެ.

އަލިދޫ ރިސޯޓަށް އިންޝުއަރެންސް ފައިސާ، އެލައިޑް އިންޝިއުރަންސް ކޮމްޕެނީން ނުދިން މައްސަލައާ ގުޅިގެން، އެލައިޑާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވީ މީގެ ދެދުވަސް ކުރިންނެވެ. އެ ހުކުމްގައި ޔޮޓް ޓުއާޒް އަށް 22 މިލިއަން ޑޮލަރު ދެއްކުމަށް އެލައިޑުގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ، އެ މައްސަލަ ކޯޓު މަރުހަލާތަކުގައި ތާށިވެފައި އޮންނަތާ ފަސް އަހަރު ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާމީ

    ކާށިދޫ ކޭބަލްކާރު އަޅާ ލާރިކޮޅު ވީމަ އެސްޓީއޯ ވިއަކާލާފަ ވެސް ޖާ އައް ލާރިކޮޅު ހަމަޖައްސާދިނުމައް ގޮވާލަން....

  2. Anonymous

    ޖާބިރު ބޭނުންވަނީ ރައްޔިތުންގެ ފައިސާއިބް ޖާބިރުގެ ރިސޯޓު ހަދާލަން...

  3. ގޮއިދޫ

    މމ ބޯ ހަ މަ ނުޖެހޭ މީހުން ދައްކާ ވާހަކަ ހަބަރުގަ ނުޖަހާބަލަ.