މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް މުސުން ގޯސްވެ ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލިޖިކަލް ސާވިސް އިން މި ސަމާލު ނެރެފައި ވަނީ އުތުރާއި މެދުތެރޭގެ ބޮޑު ބައެއް ހިމެނޭހެން، ނ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށެވެ. މި ސަރަޙައްދަށް ރީނދޫ ސަމާލު ނެރެފައި ވަނީ މިރޭ 3:00 އިން ފެށިގެން ހެނދުނު 7:00 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، މި ސަމާލުގެ ވަގުތުގައި ސަމާލު ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މޫސުން ގޯސްވުމާއި ގުޅިގެން އިއްޔެ އައި ރޭވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ސަމާލު ނެރެފައި ވެއެވެ. މިގޮތުން ރޭ 11:20 އިން ފެށިގެން ދަންވަރު 2:30 އައި ހަމައަށް ޅ. އަތޮޅާއި މ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ވެސް ރީނދޫ ސަމާލު ނެރެފައި ވެއެވެ. މީގެ އިތުރުން ބ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް ރޭ ހުދު ސަމާލު ވެސް ނެރެފައި ވެއެވެ.

ރާއްޖޭގެ މޫސުން ކުރިޔަށް ލަފާކުރާގޮތް ހާމަކޮށް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވިއްސާރަކުރުން އެކަށީގެންވާ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެވަރަކަށް މަޑު ވާނެ ކަމަށާއި، އެހެން ހިސާބުގައި އާދައިގެވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.

"ދެކުނާއި ހުޅަނގުދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 50 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެ. އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނުގައި ވައި ގަދަވުން އެކަށީގެން ވޭ." ކުރިޔަށް އޮތް ވަގުތުތަކުގައި މުޅި ރާއްޖެއަށް މޫސުން ލަފާކޮށް މޫދުމާއި ބެހޭ އިދާރާއިން ވިދާޅުވެފައި ވެއެވެ.