މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި ގްރޭޑު 07 އާއި ގްރޭޑް 08 ގެ ކިޔެވުން އަންނަ މަހުގެ 16 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ މާލޭ ސިޓީގެ ސްކޫލުތަކުގެ ކީ ސްޓޭޖު 3 (ގްރޭޑް 07 އަދި 08) ގެ ކިޔެވުން މާލޭ ސިޓީގެ ސްކޫލުތަކުގައި އަންނަ މަހުގެ 16 ގައި ފެށުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ ސްކޫލްތަކުގައި ކިޔަވައި ދިނުން ހުއްޓާލުމަށް ފަހު މާލޭގެ ސްކޫލްތައް ފިޔަވައި އެހެން ރަށްރަށުގެ ހުރިހާ ސްކޫލެއްގައި މިމަހުގެ 01 ވަނަ ދުވަހު ވަނީ ކިޔެވުން ފަށާފައެވެ. މާލޭގައި ކިޔަވައި ދެމުން ގެންދަނީ ގްރޭޑް 09 އިން ފެށިގެން 12 އަށެވެ.

އިތުރު ދެ ގްރޭޑެއްގެ ކިޔެވުން ފަށަން ނިންމާފައި މިވަނީ ކިޔެވުން ފެށުމުގެ ސަބަބުން ކުރިމަތިވާނެ ނުރައްކަލެއް ނެތް ކަމަށް އެޗްޕީއޭ އިން އެޑިއުކޭޝަން މިނިސްޓްރީއަށް ލަފާ ދިނުމުންނެވެ.

މާލޭގެ ބައެއް ސްކޫލްތަކުގެ ޓީޗަރުންނާއި މުވައްޒަފުން އަދި ބައެއް ދަރިވަރުން ވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ނަމަވެސް އަދި މިހާތަނަށް ސްކޫލަކުން އެއްވެސް ކްލަސްޓާއެއް ފެނިފައެއް ނުވެއެވެ.

ސްކޫލްތައް މިމަހު ހުޅުވާފައި ވަނީ ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިގެންނެވެ. ކްލާސްތަކުގައި ތިބޭ ކުދިންގެ އަދަދު ކުރިއަށްވުރެ ދެބައިކުޅަ އެއްބައި މަދުކޮށްފައި ވާއިރު ދަރިވަރުންނާއި ޓީޗަރުން ހުރިހާ ވަގުތެއްގައި މާސްކް އަޅައިގެން ތިބުން ވަނީ މަޖުބޫރު ކޮށްފައެވެ. އަދި ސްކޫލަށް ވަދެ ނިކުމެ ހަދާއިރު ވެސް ގައިދުރުކަން ބަހައްޓަން ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައްޔިތުމީހުން

    އަދިވެސް ވައިރަސް ކޮންޓްރޯލް އެއް ނެތި އެދަނީ ފެތުރެމުން. ސަރުކާރުން މިވަނީ ރައްޔިތުންގެ ރައްކަލަށް ވުރެން އެހެން ކަންތައް ތަކަށް އަހަންމިޔަތުކަން ދެމުން.

    ސްކޫލްތައް އޮންލައިން ކޮށް ކުރިޔައް ގެންދަންވީ.. މާލެ ތެރޭ މޫވްމަންންޓްސް މަދުކުރަންވީ. އެއަރްޕޯޓް ހުޅުވާފަ ބެހެއްޓިދާނެ.. އެއަރޕޯޓް ސްޓާފް އެއަރޕޯޓް ގައި 14 ދުވަހުން ޑިއުޓީ ބަދަލް ވާގޮތަކަށް އެކަހެރިކޮށްގެން ގެންގުޅެވިދާނެ..

    ގޮތް ގޮތް އެބަ ހުރި އިގްތިސާދު ރިކަވަރީ ކުރަމުންވެސް ރައްޔިތުންނަށް ރައްކާތެރިކަން ދެވޭނެ... ކުރަން ބޭނުންނުވަނީ

    18
  2. ކިޔުންތެރިއެއް

    ސަރުކާރުން ބޭނުން ވަނީ ކުދިން، ބެލެނިވެރިން، ޓީޗަރުން އަދި އެމީހުންގެ އާއިލާތައް ނުރައްކަލަށް ކުރިމަތި ކޮށްގެންވެސް ސަރުކާރުގެ ވަކިބަޔަކަށް ފައިދާވާގޮތަށް ކަންކުރުމަށް. ރަށްޔިތުންނަށް މިހާވިސްނާ ސަރުކާރެށް އަދި ނާދޭ.