ފައިސާއަށް ހިޔާނަތްތެރިވެފައިވާތީ މާލެ އަަތޮޅު ދެ ކައުންސިލަރަކު ތިން މަހަށް ސަސްޕެންޑް ކުރުމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)ން ނިންމައިފިއެވެ.

އެލްޖީއޭއިން ސަސްޕެންޑް ކުރުމަށް ނިންމާފައިވާ މާލެ އަތޮޅު ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ވާރިސް އާއި ކައުންސިލް މެންބަރު މާޖިދު ސުލައިމާން އެވެ. އެ ދެ ކައުންސިލަރުން ތިން މަސް ދުވަހަށް ސަސްޕެންޑްކޮށްފައިވާކަން ހާމަކޮށްފައި ވަނީ، އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް މާލެ އަތޮޅު ކައުންސިލް ރައީސް އިބްރާހިމް ރައޫފަށް ފޮނުވި ސިޓީއެއްގައެވެ.

އެ ސިޓީގައި ބުނެފައި ވަނީ މާލެ އަތޮޅު ކައުންސިލްގެ އޮޑިޓް ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު އެ ކައުންސިލްގެ ނާއިބު ރައީސް އަބްދުﷲ ވާރިސްއާ އެކައުންސިލްގެ މެންބަރު މާޖިދު ސުލައިމާން ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތް ވެފައިވާ ކަމަށް ސާފުކޮށް އޮޑިޓް ރިޕޯޓުގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ހިޔާނާތް ވެފައިވާ ދެ ކައުންސިލަރުން ކައުންސިލްގައި ތިބުމުގެ ފުރުސަތު ދޭންޖެހޭ ކަމަށް އެލްޖީއޭގެ ބޯޑަށް ނުފެންނާތީ އެކައުންސިލަރުންގެ އަމަލަކީ އެލްޖީއޭ އިން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ފަދަ މައްސަލައެއް ކަމަށް ފެންނަ ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އެލްޖީއޭ އަށް ލިބިދީފައިވާ ބާރުގެ ދަށުން މާލެ އަތޮޅު ކައުންސިލްގެ ނާއިބު ރައީސް ވާރިސްއާ އެ ކައުންސިލްގެ މެންބަރު މާޖިދު މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ސަސްޕެންޑު ކުރުމަށް މި މަހުގެ 19ވަނަ ދުވަހު ބޭއްވި އެލްޖީއޭފެ ބޯޑު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް އެ އޮތޯރިޓީ އިން މާލެ އަތޮޅު ކައުންސިލްގެ ރައީސަށް ފޮނުވާފައިވާ ސިޓީގައި ވެއެވެ.

އެ ސިޓީގައި އެ ދެ ކައުންސިލަރުން ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ހިދުމަތެއް ނޫނީ ހޯދުމަށް ކައުންސިލް އިދާރާއަށް ހާޒިރުވުމާއި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުން ކުރުމާއި އަދި އެއްވެސް ގޮތަކަށް ކައުންސިލް ތަމްސީލު ކުރުން މަނާ ވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. މި ދެ ކައުންސިލަރުން ސަސްޕެންޑު ކޮށްފައިވާ މުއްދަތުގައި ކައުންސިލް ހިންގުމުގައި ހުންނާނީ ކައުންސިލްގެ ރައީސް އިބްރާހީމް ރައޫފާއި އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

މިއީ އެލްޖީއޭގެ ބޯޑު އަލުން އެކުލަވާލި ފަހުން އެ އޮތޯރިޓީން ކައުންސިލަރުންތަކެއް ސަސްޕެންޑު ކުރި ފުރަތަމަ ފަހަރެވެ. މީގެކުރިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކައުންސިލަރުން ސަސްޕެންޑު ކޮށްފައި ވާތީ އެކަމާއި އެންމެ ބޮޑަށް ފާޑު ކިޔާފައި ވަނީ މިއަދު ސަރުކާރުގައި ތިއްބެވި ބޭފުޅުން އޭރު އިދިކޮޅުގައި ތިއްބެވިއިރުއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޒީރޯޓޮލަރެންސް

    ބަލަ 2 މިލިޔަނަށްވުރެއް ގިނަ ރުފިޔާއަށް ހިޔާނާތްވީމަ ވެސް ސަސްޕެންޑުތޯ ކުރަނީ؟ އޮޑިޓް ރިޕޯޓްތަލުން އެއޮތީ ސާފުވާން ހަދައިފަހުރި މަކަރާ ހީލަތް. ޗެލުތަލުގެ ކައުންޓަރ ފޮއިލްމަތީގަވެސް ކަރުދާސްހިއްޕާ ބަދަލުކޮށްފަ. ޒީރޯ ޓޮލަރެންސްވީތޯ 3 މަހަށް ސަސްޕެންޑްކުރީމަ؟ 2މިލިޔަން ރުފިޔާ ކާލީމަ 45ހާހެއްހާ ރުފިޔާ މުސާރަ ނުލިބޭގޮތަށް ތިންމަހަށް ސަސްޕެންޑް ދެމިލިޔަން ރުފިޔާ ހިފައިގެން ގޭގަ އަރާމުގަ ކެމްޕޭނުގަ އަންނަ ކައުންސިލަށް.. ރިހާކުރު ފުޅިއެއް ނެގީމަ 5 އަހަރަށް ޖަލަށް. ތިޔަ މީހުންނަށް ދަޢުވާކޮށް ޙައްޤު އަދަބުދީ އޭރުން ޒީރޯ ޓޮލަރެންސަށްވާނީ

    17
  2. ޒަކް

    ނިންމާލަމުން ބުނެފަ ތިއޮތީ ހިތުން ވަރަށް މޮޅު އެއްޗެއްތޯ؟ އޭރު ފާޑުކީ ޤާނޫނުގަ ނެތް ބާރެއް ބޭނުންކޮށްގެން ސަސްޕެންޑްކުރާތީ.. މިހާރު ސީދާ ޤާނޫނުގަ ކަޅާހުދުން އެއްވެސް އޮޅުމެއް ނެތް މިންވަރަށް ލިޔެ އެބާރު އެލްޖީއޭއަށް ވަނީ ދީފަ.. އެކަމު ދެރައީ މިހާ ބޮޑު އަދަދުން ހިޔާނާތްވީ ބަޔަކަށް އެންމެ ތިން މަހުގެ ސަސްޕެންޝަނެއްދީ ނިންމާލާތީ..

    9
    3
  3. ތިރިބެ

    ފަހުޕެރަގުރާފުން ލިޔުންތެޔާ ބުނައްބޭނުންވަނީތަ ވައްކަން ކުރުމާ ހިޔާނާތައްވެސް އޯކޭ ، ކައުން ސިލަކުން އެލް ޖޭ އޭ ބުނާހާހާ ގޮތައް ކަންނުކުރީމަ ސަސްބެއްޑު ކުރުމާ ވައްކަމާއި ހިޔާނާތާ ވަރައްވެސްތަފާތު ، ގަލަމެއް އޮތުމަކީ ނޫސްވެރިއަކައްވުންތަ،

    4
    3
    • ޔިޔަވަޅު

      އެވެރިން ނިކަން ބިރު ގަންނާނެ ވަގުންނަށް ފިޔަވަޅެއް އަޅައިފިއްޔާ...

  4. މާމީ

    ދެން ބާރައް އަތްޖަހާ

    4
    1
    • ވަގުންބޭރުކުރޭ

      ކީއްވެ އަތް ނުޖަހަންވީ؟؟ އާނ ކަލޭމެންނަށް އޯކޭ ވާނީ ވަގުންނަށް ފިޔަވަޅެއް ނޭޅިއްޔާ

  5. އަހްމަދު

    ނިންމާލަމުން ބުނެފައި އެއޮތީ ރީތި ވާހަކައް

    4
    1
  6. ލީން

    މަތިމައްޗައް ވައްކަންކޮއްފަ ހުރިކަން އިނގޭއިރުވެސް ހޮވާނެ ކައުންސިލްކަމައް ކުރިމަތިލާ އިރައް

  7. ކަޅުދިރި ވާރިސް

    ބުނެވޭގޮތުގައި ކުރިން އޭނާ ހޮވުނު ކައުންސިލްގައިވެސް މިކަހަލަ ކަންކަންކޮއްފައިވޭ. އަދި ބާރާއި ނުފޫޒުން ބިންތައް ވަކި ފަރާތްތަކަކަށް ދީފައިވޭ. މިރަށުގައި ހުންނަ ޔާޑަކީވެސް ފާޑަކަށް ދީފައިވާ ތަނެއް.

    1
    1
  8. ތޫރަ

    ވަގުން ނައް ފުރުސަތު ދީގެން ނުވާނެ އެއީ ގޯހެއް.

  9. ހަސަން

    ކީވެބާ ސުރުހީއަށް އެއިީ ޕީޕީ އެމް ކައުންސިލަރ އޭނެތީ އޭރުން އެއީ ކޮން ޕާރޓީ އެއްކަން އެގޭނީ

  10. މަހޫ

    ތީ ސިޔާސީ ރޭވުމެއް

  11. ޤާސިމް

    އެ ދެ ބޭފުޅުންގެ ތެރެއިން ވާރިސް އަކީ ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އަދި މާޖިދަކީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.