ކ. ދިއްފުށީ ބޭރުގައި އުޅުނު މަސްބޯޓު އަތުލައިގެންފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން އިބްރާހިމް އާޒިމް ވިދާޅުވީ، ދިއްފުށީ ބޭރުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރުމަށް ވަދެގެން އުޅުނު ބޯޑު މިހާރު ވަނީ އަތުލައިގެންފައި ކަމަށާއި، އެ ބޯޓު ހުޅުމާލޭ ބަނދަރަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މި ބޯޓު އަތުލައިގެންފައި ވަނީ ރާއްޖެއަށް ހުއްދައެއް ނެތި މަސްވެރިކަން ކުރުމަށް ވަދެގެން އުޅެނިކޮށް ކަމަށްވެއެވެ.

ބޯޓު އަތުލައިގަތް އިރު އޭގައި ތިބި މީހުންގެ އަދަދެއް އަދި އެމްއެންޑީއެފް އިން ހާމަކޮށްފައެއް ނުވެއެވެ.

އަތުލައިގެންފައި ވަނީ ސްރީލަންކާގެ މަސް ބޯޓެއް ކަމަށް މައުލޫމާތު ލިބެއެވެ. އެ ބޯޓު ފެނިގެން ކ. ދިއްފުށި ކައިރީން ރިޕޯޓުކޮށްފައި ވަނީ ދިވެހި ދެ މަސް ދޯންޏަކުންނެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގައި ކުރާ މަސްވެރިކަން ހުއްޓުވަން ފިޝަރީޒް މިނިސްޓްރީ އާއި ކަސްޓަމްސްއާ ދެމެދު އެއްބަސްވުމެއްގައި މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ ސޮއިކޮށްފައެވެ. މިއީ ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއް ނެތި، އަދި ރިޕޯޓްކުރުމެއްނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް ބަނދަރުތަކުގައި އަޅާނެ ފިޔަވަޅުތަކާ ބެހޭ ގަވާއިދު ތަންފީޒްކުރުމާ ގުޅޭ ގޮތުން އެކުލަވާލި އެއްްބަސްވުމެކެވެ.

އެ އެއްބަސްވުމުގެ ދަށުން، މަސް ގަތުމަށް ނުވަތަ މަސް ބަރުކުރުމަށް ނުވަތަ އެހެނިހެން ބޭނުމަކަށް ވެސް ރާއްޖޭގައި ބަނދަރުކުރުމަށް އަންނަ ބޭރު ގައުމުތަކުގެ މަސްވެރިކަން ކުރާ އުޅަނދުފަހަރާއި މަސް އުފުލާ ކުރިއަރު ނުވަތަ [ރީފަރ ވެސަލް] ފަދަ އުޅަނދުފަހަރަށް އިންވަރޑް އަދި އައުޓުވަރޑް ކްލިއަރެންސް ދިނުމާއި، އެފަދަ އުޅަނދުފަހަރު އިންސްޕެކްޓްކުރުމުގެ ކަންކަން ބައިނަލްއަގުވާމީ މިންގަނޑުތަކާއި ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގުޑުގުޑާ

    މިނިވަންކަމޭ ކިޔައިގެން ދިދަނަގަންތިބިތަނާ ވިއްސަކަށްމޭލުކައިރީގަ ދިއްފުށި އޮންނަނީ، އެހިސާބުގަވެސް ބޭރުގެ ބޯޓުފަހަރު ހިތުހުރިގޮތަކަށް އުޅޭއިރު މަސްވެރިއަކަށް ފެނުނިއްޔާނޫނީ ނޭނގެ.

  2. ޖަޒީރާމަނިކު

    ކޮބާތަ މުޅިރާއްޖެ ވަށައިގެން އިންޑިޔާއިން ބެހެއްޓި ރާޑަރުތައް. އެރާޑަރުތަކަށް ގަވާއިދާޚިލާފަށްވަންނަ ބޯޓް ތައްނާރާ މަސްވެރިންގެ ޜާޑަރު ތަކަށް މިއަރަނީ. ކިހިނެއްބާ ދިވެހިސިިފައިންނާ އިންޑިޔާ ގުޅިގެން ރާއްޖޭގެ ސަރަހައްދު މިބަލަހައްޓަނީ؟ މިހާރު ލަފާ ކުރެވޭގޮތުން ރާއްޖޭގެ ސިފައިން އިންޑިޔާ ސިފައިންނާ މިރާއްޖެ ހަވާލުކޮށްފައި އަޅަނުލާ ތިބެނީ ކަމަށްބެލެވެނީ. މާރިޔާ އެގޮތަށް އެންގީކަމަށްވެދާނެ.