ކޮވިޑް-19 ގެ ސަބަބުން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނު ފުޓްބޯޅަ ކްލަބަކީ ބާސެލޯނާ ކަމަށް އެ ކްލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގައި ފެތުރެން ފެށި ކޮވިޑް-19 ވައިރަސް މުޅި ދުނިޔެއަށް ފެތުރި މިހާރު ވަނީ ބޮޑު ބަލިމަޑުކަމަށް ބަދަލުވެފައެވެ. އެތައް މިލިއަން ބަޔަކަށް ކޮވިޑް-19 ޖެހިފައިވާއިރު މި ބަލީގެ ސަބަބުން ގައުމުތަކުގެ އިގްތިސާދުތަކަށް ވެސް އަންނަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ.

ކޮވިޑް-19 ގެ ސަބަބުން ކުޅިވަރު ހަރަކާތްތައް ތިން މަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް މެދުކަނޑާލަން ޖެހުމުން ކްލަބުތަކަށްވެސް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރިއެވެ. ހާއްސަކޮށް ގިނަ ފުޓްބޯޅަ ކްލަބުތަކަށް ލިބޭ އާމްދަނީގެ ބޮޑު އިންސައްތަ އަކީ މެޗުތަކުގެ ޓިކެޓުން ލިބޭ ފައިސާ އެވެ. ވައިރަހުގެ ސަބަބުން ދަނޑުތަކަށް ސަޕޯޓަރުން ވެއްދުން މަނާކޮށްފައި ވުމުން މިދިޔަ ކުއާޓަރުގައި ކްލަބުތަކަށް ލިބުނު އާމްދަނީ ވެސް އެތައް ގުނަ އެއް ވަނީ ދަށަށް ގޮސްފައެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު އަދި އެންމެ ބޮޑު އެއް ކްލަބު ސްޕެއިންގެ ބާސެލޯނާ އަކީ ވެސް މި ވައިރަހުގެ ސަބަބުން މާލީ ހީނަރުކަން ކުރިމަތިވި ކްލަބެކެވެ. އެ ކްލަބުގެ ރައީސް ބާޓޮމެއު ވިދާޅުވީ ވައިރަހުގެ ސަބަބުން އެންމެ ނޭދެވޭ އަސަރު ކުރި ކްލަބަކީ ބާސާ ކަމަށާއި އެކަމުން އަރައިގަތުމަށް މަދުވެގެން ތިން ސީޒަން ނަގާނެ ކަމަށެވެ.

“ބާސެލޯނާ އަކީ މުޅި ޔޫރަޕުން ވެސް އެންމެ ބޮޑު ޢާމްދަނީ ހޯދާ ކްލަބު. އެހެންކަމުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ވެސް ބާސާ އަށް. އަހަރެމެންނަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ އިން މިހާރު ލިބޭނެ ކަމަށް ބެލެވެނީ 30 އިންސައްތަ. މާޗް 14 ގެ ފަހުން ނެތް އެންމެ ޔޫރޯ އެއްވެސް ލިބިފަ. މިއުޒިއަމް ހުރީ ބަންދުކޮށްފަ. ޓިކެޓު ފައިސާއެއް ނުލިބޭ. ލަދާކުރެވޭ ގޮތުން މިވީ ތިން މަސް ދުވަހު ކްލަބަށް ލިބުނު މާލީ ގެއްލުމުގެ އަދަދު 200 މިލިއަން ޔޫރޯ އަށް އަރާ، “ ބާޓޮމެއު ވިދާޅުވިއެވެ.

ބާޓޮމެއު ވިދާޅުވީ ކުޅުންތެރިންގެ މުސާރަ ދަށްކޮށްގެންނާއި އެހެނިހެން ގޮތްގޮތުން ހަރަދު ކުޑަކޮށްގެން ލިބޭ ގެއްލުމުގެ އަދަދު ކޮންމެވެސް ވަރަކަށް މަދުކުރެވުނު ކަމަށެވެ.

ބާސެލޯނާ އިން ވަނީ އެ ކްލަބުގެ ކުޅުންތެރިންގެ މުސާރަ އިން 70 އިންސައްތަ އުނިކޮށްފައެވެ.