ރ.އަތޮޅު އިނގުރައިދޫން ދެމީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެރަށުން ކޮވިޑް-19 އަށް ފައްސިވީ މާލެ އިން ރަށަށް ގޮސް ކަރަންޓީން ވެގެން ތިބި ދެބިދޭސީންނެވެ. އެމީހުން ކޮވިޑް-19 އަށް ފައްސިވީ ކަރަންޓީން މުއްދަތު ނިންމުމަށް ފަހު ޓެސްޓް ކުރިއިރުއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން ބައްޔަށް ފަރުވާ ކުރާ 738 މީހަކު އެބަތިއްބެވެ.

އެޗްޕީއޭއިން ވިދާޅުވެފައިވާ ގޮތުން އިއްޔެ އެކަނިވެސް ރާއްޖެއިން އިތުރު 50 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެތެރޭގައި ހިމެނެނީ 34 ދިވެހިންނާއި ބަންގްލަދޭޝްގެ 14 މީހަކާއި އިންޑިއާގެ ދެ މީހެކެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 3302 އަށް އަރާފައެވެ.

ރާއްޖޭގައި މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 60 އަށް ވުރެ މައްޗަށް އަރާފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 1814 ބިދޭސީއަކާއި 1488 ދިވެހިންނެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ފައްސިވެފައި ވަނީ އުމުރުން 21 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނެވެ.

ރާއްޖެއިން މިހަތަނަށް ބަލިން ރަނގަޅުވެފައި ވަނީ ޖުމްލަ 2534 މީހެކެވެ. މިހާތަނަށް މި ބަލީގައި ރާއްޖެއިން 15 މީހަކު ނިޔާވެފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ 11 ދިވެއްސަކާއި ހަތަރު ބިދޭސީއެކެވެ.