ދ.ރިނބިދޫ ކައުންސިލުގެ އިސްނެގުމާއެކި ފެށި "އީޓް ރައިޓް ރިނބިދޫ" ޕްރޮގްރާާމުގެ ދަށުން އެރަށު ސްކޫލުގައި ތައުލީމު ހާސިލު ކުރާ ހުރިހާ ދަރިވަރުންނަށް ހިލޭ ހެނދުނުގެ ނާސްތާ ދިނުމަށް ނިންމައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ރިނބިދޫ ކައުންސިލުގެ ރައީސް ހާތިމް އިބްރާހިމް ވިދާޅުވީ "އީޓް ރައިޓް ރިނބިދޫ" އަކީ ރަނގަޅު ކާނާގެ މުހިންމު ކަމާއި ބެހޭގޮތުން ރަށުގެ ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ފެށި ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން ހޭލުންތެރިކަމުގެ ވޯކްޝޮޕްތައް ބާއްވަން ހަމަޖެހިފައިވާއިރު، އެރަށުގެ ކިޔަވާ ކުދިން ރަނގަޅު ކާނާ ކެއުމަށް މަގުފަހި ކުރުމުގެ ގޮތުން ކޮންމެ ދަރިވަރަކަށް ހިލޭ ހެނދުނުގެ ނާސްތާވެެސް ދެވޭނެއެވެ.

"މި އަހަރުގެ ނިޔަލަށް ސްކޫލުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ އަޅުގަނޑުމެންގެ ކައުންސިލުގެ ފަރާތުން ފޯރުކޮށްދޭނަން." ހާތިމް ވިދާޅުވިއެވެ.

ރިނބިދޫ ކައުންސިލާއި، އެރަށު ސްކޫލާއި، ހެލްތް ސެންޓަރާއި ފުލުހުންގެ ޑެސްކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން ހިންގާ މި ޕްރޮގްރާމުގެ މެއިން ސްޕޮންސަރަކީ ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިޒޯޓެވެ. އެ ރިޒޯޓުން ކާނާ ފޯރުކޮށްދިނުމާއެކު ވަކި ވަކިން ކުދިން ދިރިއުޅޭ ގެތަކަށް ގޮސް ކާނާ ފޯރުކޮށްދޭނެއެވެ.

ހަފްތާއަކު އެއްފަހަރު މިގޮތައް ކާނާ ފޯރުކޮށްދޭއިރު ހަފްތާގެ ހުރިހާ ދުވަހަކަށް ވާ ވަރަށް ފޯރުކޮށްދޭނެއެވެ. ހެނދުނުގެ ނާސްތާގެ ގޮތުގައި ކުދިންނަށް ފޮރުކޮށްދިނުމަށް ނިންމާފައިވާ ތަކެއްޗަކީ ކިރު ޕެކެޓާއި، ދޮންކެޔޮލާއި ބިހެވެ.

573 މީހުންގެ އާބާދީއެއް އޮންނަ ރިނބިދޫގެ ސްކޫލުގައި 60 ދަރިވަރުން ތައުލީމު ހާސިލު ކުރަމުންދެއެވެ. ރިނބިދޫ ސްކޫލަކީ ޕްރައިމެރީ އަދި ސެކަންޑްރީ ތައުލީމު ފޯރުކޮށްދޭ ސްކޫލެކެވެ.

"މޮނިޓަރިން ބޮޑީއެއްގެ ގޮތުގައި ހެލްތް ސެންޓާ އިންނާނީ. ހެލްތް ސެންޓަރުން ނިންމާނީ ފޯރުކޮށްދެވޭ ކާނާ ހުރީ ރަނގަޅަށްތޯ، އޭގެ ކޮލިޓީ ރަނގަޅުތޯ. ސްކޫލުން ޗެކް ކުރާނެ ކުދިންނަށް ހެނދުނުގެ ނާާސްތާ ދެވުނުތޯ. ދެން ޕްރޮގްރާމް ފެށުމުގެ ކުރިއަށް ހުންނާނެ ކުދިންގެ އިސްކޮޅާއި ބަރުދަނާ މިކަންތައް ޗެކް ކުރެވިފައި. ސްކޫލުން ހަ މަހުން ރިޕޯޓެއް ތައްޔާރު ކުރާނެ ކުދިންނަށް އައި ބަދަލު ފާހަގަކޮށް." ހާތިމް ވިދާޅުވިއެވެ.

މީގެ އިތުރުން ހެލްތް ސެންޓަރުންވެސް ގެތަކަށް ގޮސް ކުދިންނަށް ކާނާ ރަނގަޅުކޮށް ފޯރުކޮށްދޭތޯ ބަލައިރަނގަޅު ކުރަން ކަމެއް އޮތް ނަމަ އެކަމެއް ހިމަނައިގެން ކޮންމެ ތިން މަހަކުން ރިޕޯޓެއް ތައްޔާރު ކުރާނެ ކަމަށް ހާތިމް ވިދާޅުވިއެވެ.

"އީޓް ރައިޓް ރިނބިދޫ" ޕްރޮގްރާމުގެ ދަށުން އެރަށުގެ ސްކޫލު ކުދިންނަށް ހިލޭ ނާސްތާ ދިނުމަށް ނިިންމާފައި ވަނި މި ދިރާސީ އަހަރުގެ ނިޔަލަށެވެ. އަދި އަންނަ އަހަރުވެސް ސްޕޮންސާ ލިބިއްޖެ ނަމަ މިކަން ކުރިއަށް ގެންދާނެ ކަމަށް ކައުންސިލުގެ ރައީސް ހާތިމް ވިދާޅުވިއެވެ.

"އީޓް ރައިޓް ރިނބިދޫ" ޕްރޮގްރާމުގެ ދަށުން ކުދިންނަށް ހިލޭ ހެނދުނުގެ ނާސްތާ ދިނުމަށް ނިންމާފައިވާއިރު އޭގެ އިތުރުން މުހިންމު މައުލޫމާތުތައް ފޯރުކޮށްދޭ ވޯކްޝޮޕްތަކެއްވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން ގޯތީގައި ހުންނަ ހުސްބިންތަކުގައި ތަރުކާރީ ފަދަ ތަކެތި އިންދައިގެން އެ ތަކެތިން ފައިދާ ހޯދާނެ ގޮތާއި ރަނގަޅު ކާނާގެ މުހިންމުކަމާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ވޯޕްޝޮޕްތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޫސަ

    ރިނބިދޫ އެއް ނުން ރިނބުދޫ

  2. އަހަރެން

    ސަޅި. މިފަދަ ނަމޫނާ ކައުންސިލަކަށް ވަމާ

  3. ވާނުވާ

    ވަރިހަމަ ނޭގުނަސް ރިނބިދޫ ކިޔާ ރަށެއް އޮވޭބާ؟

  4. ބަކުރު

    އޭ ވަރަށް ފައްކާ އިނގޭ!

  5. ނާޒިމް

    ރިނބުދޫ މީހުން ވަރަށް ރޭރުވާނެ ރިނބުދުއަށް ރިނބިދޫ ކީމަ