ނ. ފޮއްދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސިން ބުނީ، މި މަޝްރޫއުގެ ދަށުން އެ ރަށުގެ ގޮނޑުދޮށުގެ 180 މީޓަރުގެ ސަރަހައްދެއްގައި ޖީއޯ ކޮތަޅު ޖަހައިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގެ 5000 އަކަމީޓަރުގެ ބިންގަނޑު އެއްވަރު ކޮށްފައިވާ ކަަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫޢަކީ ފޮއްދޫއަށް ދިމާވެފައިވާ ރަށް ގިރުން މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުންނާއި، ލަފާފުރުމަށް ބޭނުންކުރާ ފާލަން ރަށާއި ވަކިވެފައިވުމާއެކު އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ.

މި މަޝްރޫއު އެމްޓީސީސީއާއި ހަވާލު ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މާޗް މަހުގެ 7 ވަނަ ދުވަހުއެވެ.

މި މަޝްރޫއަށް 7.6 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ފޮއްދޫގެ ގޮނޑުދޮށް ގިރައި، އެރަށު ޖެޓީ އާއި ރަށާއި ދެމެދު އޮތްބައި އެއްކޮށް ގިރައިގެން ގޮސްފައިވަނީ ޖެނުއަރީ މަހުގެ ތެރޭގައި އެރަށަށް އުދަ އަރައި ކަމަށް އެރަށުގެ ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް މިހާރު އެރަށުގެ ގޮނޑޮދޮށް ހިމާޔަތް ކުރެވި ރަށުގެ މަލަމައްޗަށް ނަލަކަމެއް ލިބި ރައްޔިތުންނަށް ވަނީ އުފާވެރިކަން ލިބިފައެވެ.

އެ ކުންފުނިން ބުނި ގޮތުގައި ފާއިތުވި ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނިން ވަނީ ގިނަ އަދަދެއްގެ އާ މަޝްރޫއުތައް ފަށައިފަ އެވެ. މީގެ ތެރެއިން 17 ރަށެއްގެ 19 މަޝްރޫއު މިހާތަނަށް ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޮންސޮޮރު

    ކޮބާހޭ އދ. މަންދޫ ބަނދަރު ؟؟