އިދިކޮޅު އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން މިރޭ ކުރިޔަށްގެންދިޔަ މުޒާހަރާ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ މުޒާހަރާ ތެރެއިން ހައްޔަރުކޮށްފައި ވަނީ މުޒާހަރާގައި އިސްކޮށް އުޅުނު ޕީޕީއެމްގެ ކައުންސިލް މެންބަރު އަހްމަދު ނަރީޝް އާއި އިތުރު މީހެކެވެ. މި ދެމީހުން ހައްޔަރުކޮށްފައި ވަނީ އަމުރައް ނުކިޔަމަންތެރިވުމުން ކަމަށް ފުލުހުން ވިދާޅުވެއެވެ.

އިދިކޮޅުން ބޭއްވި މުޒާހަރާ ފުރަތަމަ ފެށީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތީގައެވެ. އެ ސަރަހައްދުގައި ތިބި މުޒާހަރާގެ ބައިވެރިން ފޮނުވާލުމަށް ފުލުހުން މަސައްކަތް ކުރުމުން ހަމަނުޖެހުންވެސް ހިނގާފައި ވެއެވެ. މިރޭ ހައްޔަރުކުރި ފުރަތަމަ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެ ހަމަނުޖެހުމުގެ ތެރެއިންނެވެ.

އޭގެ ފަހުން، މުޒާހަރާގެ ބައިވެރިން މާލޭގެ ބައެއް މަގުތަކަށް ނުކުތެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށާއި ސަރުކާރުގެ ވެރިންގެ އިސްތިއުފާ އަށް ގޮވާލައި ބޭއްވި މުޒާހަރާގެ ބައިވެރިން މަޖީދީ މަގާއި ސޯސަން މަގު ކަންމައްޗަށް ވެސް އެއްވިއެވެ. އެތަނުގައި ތިބި މީހުން ފޮނުވާލުމަށް ފުލުހުން ވަނީ ޕެޕަ ސްޕްރޭ ބޭނުންކޮށްފައެވެ.

ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި އަންހެނަކު އަޑު އުފުލަނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މިރޭގެ މުޒާހަރާގައި ގިނަ ބަޔަކަށް ޕެޕާ ސްޕްރޭގެ އަސަރުކޮށް ބައެއް މީހުންނަށް ފުލުހުންގެ ފަރާތުން އަނިޔާ ލިބިފައި ވެއެވެ. އަދި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބަޔަކު ފުލުހުންނަށް ވެސް ހަމަލާދޭން މަސައްކަތް ކޮށްފައި ވެއެވެ. ހަމަ އެހެންމެ ފުލުހުންގެ ގަޔަށް މުޒާހަރާ ތެރެއިން ބަޔަކު ކުޅުޖެހި މައްސަލައެއްވެސް ފެންމަތިވެފައި ވެއެވެ.

އިދިކޮޅު ފަރާތްތަކުން ސިލްސިލާ ގޮތެއްގައި މުޒާހަރާތައް ކުރިޔަށް ގެންދަނީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެންނެވެ. މި މުޒާހަރާ ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ބާއްވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.

އިދިކޮޅުން މުޒާހަރާތައް ބާއްވަމުން މިދަނީ މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން އެއްވުންތައް ނުބޭއްވުމަށް އިދާރާތަލުން އިލްތިމާސް ކުރަމުންދާ ދަނޑިވަޅެއްގައެވެ.