ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް ސަރުކާރު ހިއްސާވާ ނުވަ ކުންފުންޏަކުން މާލޭގެ ބައެއް މިސްކިތްތައް ސާފުކުރަން ފަށައިފިއެވެ.

މިސްކިތްތައް ސާފުކުރުމުގެ މި ޙަރަކާތް ފެށީ މިއަދު ހެނދުނު 08:45 ގައެވެ. މި ހަރަކާތް ކުރިއަށް ގެންދަނީ ކޮންމެ ކުންފުންޏަކާއި ވެސް ވަނީ ވަކިވަކި މިސްކިތްތަކެއް ހަވާލުކޮށްގެންނެވެ.

މިސްކިތްތައް ސާފުކުރުމުގެ މިޕްރޮގްރާމުގައި ޢަމަލީގޮތުން ބައިވެރިވާ ކުންފުނިތަކަކީ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި، ފެނަކައާއި، އެމްޓީސީސީއާއި، އެމްޑަބްލިއުއެސްސީއާއި، ސްޓެލްކޯއާއި، ޙައްޖު ކޯޕަރޭޝަނާއި، އެސްޓީއޯއާއި، ވެމްކޯ ގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކެވެ.

ކުންފުނިތަކުން މިސްކިތްތައް ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ރާވާފައިވާ ގޮތުން، މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން މަސްޖިދުއްސުލްޠާން މުޙައްމަދު ޢިމާދުއްދީނާއި، މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީނައި، މާފަންނު އާމިސްކިތް ސާފުކުރާނެއެވެ.

ފެނަކައިން މާފަންނު ވަގުތީ މިސްކިތާއި، ޢީދު މިސްކިތާއި، ދަރުމަވަންތަ މިސްކިތް ސާފުކުރާނެއެވެ. އެމްޓީސީސީން ސާފުކުރުމަށް ހަމަޖެހިފައިވަނީ މަސްޖިދުއްނޫރާއި، މަސްޖިދުއްޝަހީދު ޢަލީ އާއި، މަސްޖިދު އިބްރާހީމެވެ. އެމްޑަބްލިއުއެސްސީން މަސްޖިދު ޖަލާލުއްދީނާއި، މަސްޖިދުއްތަޢާވުނާއި، މަސްޖިދު ޔޫސުފް ބަރުބަރީ ސާފުކުރާއިރު، ސްޓެލްކޯއިން ސާފުކުރާނީ، މަސްޖިދުލްފުރުޤާނާއި، މަސްޖިދުއްސުލްޠާން ޢާދިލާއި، މަސްޖިދު ޞަލާޙުއްދީނެވެ. މަސްޖިދުއްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލާއި، މަސްޖިދު ޢަފީފުއްދީން ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ޙައްޖު ކޯޕަރޭޝަނުންނެވެ. އަދި އެސްޓީއޯއިން މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން ސާފުކުރާއިރު، މޯލްޑިވްސް އިސްލާމިކް ބޭންކުން ހުކުރު މިސްކިތް ސާފުކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ކުންފުނިތަކުން މިސްކިތްތައް ސާފުކުރާއިރު ހުރިހާ މިސްކިތެއްގެ ކުނި އުކާލުމުގެ ބައި ކުރިއަށް ގެންދާނީ ވެމްކޯއިންނެވެ.

މި އަހަރުގެ ރަމަޟާންމަހުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީން ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކުގެ ތެރޭގައި ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ގޮތުން އިޙްޔާ ފޯރަމްތައް ބޭއްވުމާއި، ކުންފުނި، ކޮލެޖް، ޔުނިވާސިޓީގެ ދަރިވަރުންނަށް އަމާޒުކޮށް ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެއް ބޭއްވުމާއި، އައުޓްރީޗް ޕްރޮގްރާމްތަކާއި، މިސްކިތްތަކުގައި ދީނީ ނަޞޭޙަތް ދިނުމުގެ ޕްރޮގްރާމްތަކާއި، ހުޅުމާލެގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށް މުޞްޙަފް މާލްދީފް ބެހުމާއި އަދި ސޯޝަލް މީޑީއާގައި ކައުންޓް ޑައުން ކުރިއަށް ގެންދިޔުން ހިމެނެއެވެ.

އަދި މީގެ އިތުރުން މިއަހަރު އަލަށް ޢާންމުނަށް ހުޅުވާލައިގެން ރަމަޟާންމަހުގެ ފަހު 15 ދީނީ ސުވާލު މުބާރާތެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު