އިދިކޮޅު ކޯލިޝަނުން މާލޭގައި މިހާރު ބާއްވަމުން ގެންދާ މުޒާހަރާތައް އީދު ބަންދަށް މެދުކަނޑާލައިފިއެވެ.

މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ މާދަމާ އަކީ ހައްޖު ދުވަސްކަމުން މިރޭ އިދިކޮޅުން މުޒާހަރާ ނުބާއްވާނެ ކަމަށެވެ. އަދި އެއަށްފަހު މުޒާހަރާތައް ބާއްވާނީ އީދު ބަންދަށް ފަހު ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިއަދުގެ ސަރުކާރުން ކޮވިޑް-19 ބޭނުން ކުރަނީ ވައްކަން ކުރުމަށް ބޭނުން ކުރާ ޓޫލެއް [ހަތިޔާރެއް] ގޮތުގައި ކަމަށެވެ. ރައްޔިތުންގެ ނަމުގައި އެތައް މިލިއަން ރުފިޔާއެއް ބޭރު ގައުމުތަކުން ނަގާފައިވާއިރު އެއިން އެއްވެސް ފައިސާއެއް ރައްޔިތުންނަށް ލިބިފައި ނުވާކަމީ އިދިކޮޅުން ކަންބޮޑުވާ ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ އެއްވެސް ހާލެއްގައި އިދިކޮޅު ކޯލިޝަނުން މަގުމައްޗަށް ނިކުންނަނީ ވެރިކަން ވައްޓާލަން ނޫން ކަމަށެވެ. އެފަދަ ގޮތަކަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް ސޯލިހަށް ހީފުޅު ކުރެވިފައި އޮވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ނިކުންނަނީ ގެއްލިފައިވާ ހައްގުތައް ހޯދަން. އެއްވެސް ހާލެއްގައި މިއުޅެނީ ވެރިކަން ވައްޓާލާކަށް ނޫން. ކުރިޔަށް އޮތްތަނުގައި މި މުޒާހަރާތައް ވަރުގަދަ ވާނެ،" ޝުޖާއު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު