ހައްޖު ދުވަސް ނުވަތަ އަރަފާތު ދުވަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް އަންނަ ވަރަށް މާތް ދުވަހެކެވެ. ކޮންމެ އަހަރެއްގެ ހައްޖުގެ އަޅުކަމަށް ދުނިޔޭގެ އެކި ހިސާބުތަކުން 2.5 މިލިއަނަށްވުރެ ގިނަ މީހުން ދެއެވެ. އެހެން ނަމަވެސް މިއަހަރުގެ ހައްޖުގައި މަދު ހައްޖާޖީންނާއި އެކީ ހައްޖުގެ އަޅުކަން ފަށާފައިވާއިރު، މުސްލިމުންގެ އެންމެ މުޤައްދަސް ބިނާތައް ފެނިގެންދަނީ ވަރަށްވެސް ފަޅުކޮށެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި 10,000 މީހުން ބައިވެރިވާއިރު، 70 އިންސައްތަ މީހުންނަކީ ސައުދީގައި ދިރިއުޅެމުން އަންނަ އެހެން ގައުމުގެ މީހުން ކަމަށް ސައުދީން ވަނީ ބުނެފައެވެ. މިފުރުސަތު އެފަރާތްތަކަށް ދީފައިވަނީ މީގެ ކުރިން ހައްޖުވެފައިނުވާ ފަރާތްތަކަށް ބަލާފައެވެ.

މައްކާގެ މާތްވެގެންވާ ޙަރަމާއި އެތަނުގައި ހުންނަ ކައުބަތުﷲ ގެފުޅަކީ ޙައްޖާއި ޢުމްރާގެ އަޅުކަމުގެ ދުވަސްވަރު ނޫނަސް އަބަދުވެސް އެތައް ސަތޭކަ ބަޔަކު ޖަމާވެ ނަމާދާއި ޠަވާފާއި، އަޅުކަމުގައި ވަގުތު ހޭދަކުރާ ތަނެކެވެ. އެހެން ނަމަވެސް މިއަހަރު ފެށިގެން އައިފަހުން ދިމާވެފައިވާ ކޮވިޑް-19ގެ ބަލި މަޑު ކަމުގެ ސަބަބުން މިފަދަ އެއްވެސް ކަމެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން ކުރުމަށް ފުރުސަތު ދީފައިވާ ފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަމަށް ވަކި މިންގަނޑެއްގައި ތިބުމަށްވެސް ސައުދީން ވަނީ އަންގާފައެވެ. އެގޮތުން އެފަރާތްތަކުން ވަނީ ކޮވިޑް-19 އަށް ޓެސްޓް ހަދައި ހުންހުރިތޯ ބަލާފައެވެ. އަދި ކުޑަ ދުވަސްކޮޅަކަށް ވަނީ ކަރަންޓީނުވެސް ކޮށްފައެވެ.

މީގެ އިތުރުން ހައްޖާޖީން ހައްޖުގެ އަޅުކަމުގައި އުޅޭ ވަގުތު މާސްކު އެޅުމަށާއި ގައިދުރުކަން އިސްކުރުމަށްވެސް ސައުދީގެ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި އެފަރާތްތަކުން އުޅޭ ނޫޅޭ ގޮތް ބެލުމަށް އަތުގައި އިލެކްޓްރޯނިކް ގަޑިވެސް ވަނީ އަޅުވާފައެވެ.

އަދި މާތްވެގެންވާ ގެފުޅުގައި ބީހުމާއި ބޮސްދިނުން ވަނީ މަނާކޮށްފައެވެ. ޖަމާޢަތުގައި ނަމާދުކުރާ ވަގުތުތަކާއި ޠަވާފުކުރާ ވަގުތުތަކުގައި ކޮންމެ ޙައްޖުވެރިއެއްގެ ދެމެދުގައި ދޮޅު މީޓަރުގެ ދުރުމިނެއް ހުންނަޖެހޭނެކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.

މި ފަހަރުގެ ޙައްޖުވެރިން ކުރާނީ "ޙައްޖު އިފްރާދް"އެވެ. "ޙައްޖު އިފްރާދް" ގައި ޙައްޖުގެ ކުރިން ކުރާ އުމްރާ ކުރާކަށް ނުޖެހޭނެއެވެ. އަދި ޙައްޖުގައި ހަދްޔުގެ ގޮތުގައި އެއްޗެއް ކަތިލާކަށްވެސް ނުޖެހޭނެއެވެ. އެހެންނަމަވެސް ޙައްޖުގައި ދެންހުންނަ ހުރިހައި ކަމެއް ފުރިހަމަ ކުރާނެއެވެ. މިގޮތުން މުޒްދަލިފާގައި ރޭ ކުރުމާއި ޖަމްރާއަށް ހިލަ އުކާނެއެވެ. ޙައްޖުވުމަށް މައްކާއަށް އެތެރެވުމުގެ ކުރިންނާއި އެތެރެވުމަށްފަހު ކޯވިޑް-19 އަށް ޓެސްޓް ކުރާއިރު، ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުޞަތުދީފައި ވަނީ ސާމްޕަލްތައް ނެގެޓިވްވި މީހުންނަށެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި މަދު ހައްޖާޖީން ހިމެނޭއިރު، އެފަރާތުގެ ސިއްހީ ކަންކަމަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ކޮންމެ 50 ހައްޖާޖީއަށް ޑޮކްޓަރެއް ވަނީ ކަނޑައަޅާފައެވެ. އަދި އެފަރާތްތަކަށް ހާއްސަ ކޮށްގެން އެމްބިއުލާންސްތައްވެސް ތިބޭނެއެވެ.