ނައިބު ރައީސް ފައިސަލް ނަސީމް އިންޑިއާގެ އަމްރީތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހީންގެ ހާލު މިއަދު ބައްލަވާލައްވައިފިއެވެ.

އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރީތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހީންގެ ހާލު އެމަނިކުފާނު ބައްލަވާލެއްވީ އެ ހޮސްޕިޓަލުގެ އިސް އޮފިޝަލެއް ކަމަށްވާ ބާބޫ މެނަންއާ މިއަދު ފޯނުން ގުޅުއްވައެވެ.

އަމްރީތާ ހޮސްޕިޓަލުގެ ޑިރެކްޓަރު ބާބޫ މެނަންއާ ފޯނުން ގުޅުއްވައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ މި ދަތި ދަނޑިވަޅުގައި ވެސް ދިވެހި ބަލި މީހުންނަށް ސިއްހީ ފަރުވާ ދިނުމަށް އިންޑިއާއަށް ދަތުރުކުރުމުގެ ފުރުސަތު ފަހިކޮށްދީ، އެ ގައުމުގައި ސިއްހީ ފަރުވާ ހޯދުމުގެ މަގު ފަހިކޮށްދިނުމުގައި އިންޑިއާ ސަރުކާރުން އަދާކުރައްވާފައިވާ ދައުރު ފާހަގަކުރައްވާ ޝުކުރު އަދާކުރައްވައިފައެވެ.

އަދި، މި ދަތި ހާލަތުގައި ވެސް، އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހި ބަލި މީހުންނަށް ދެމުންގެންދާ ޚިދުމަތްތަކަށް އަލިއަޅުއްވައިލައްވާ އެމަނިކުފާނު ވަނީ، ކޮވިޑް-19 އާއި ގުޅިގެން އެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތަކާއި ގޮންޖެހުންތަކާ މެދު ސުވާލު ކުރައްވައިފައެވެ.

މީގެ އިތުރުން އެ ކަންކަން ހައްލުކޮށް، ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާ ކުރުމަށް އެ ހޮސްޕިޓަލުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައުލޫމާތު ވެސް އެމަނިކުފާނު ވަނީ އޮޅުން ފިލުއްވައިފައެވެ.

ނައިބު ރައީސް ވަނީ އަމްރީތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހި ބަލި މީހުންގެ ހާލު ވެސް ވަކި ވަކީން އައްސަވައިފައެވެ. އަދި ވަކިން ޚާއްޞަކޮށް، ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވި ފުރަބަންދުގެ ހާލަތުގައި ބޭސް ފަރުވާއަށް އެ ހޮސްޕިޓަލަށް ދަތުރުކުރި ދިވެހިންނާ ގުޅޭ ކަންކަމުގެ މައުލޫމާތު އޮޅުންފިލުއްވައި، އެ މީހުންގެ ކަންކަން ވަރަށް ގާތުން ބެލުމަށް ބާބޫ މެނަންގެ ކިބައިން އެމަނިކުފާނު ވަނީ އެދިވެޑައިގެންފައެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ކުރިއަށް އޮތް ތަނުގައިވެސް، އަމްރީތާ ހޮސްޕިޓަލަކީ ގިނަ އަދަދެއްގެ ދިވެހީން ސިއްހީ ފަރުވާ ހޯދުމުގައި ޚިޔާރުކުރާނެ ހޮސްޕިޓަލެއްކަން ފާހަގަކުރައްވާ، އެ މީހުންނަށް ބޭނުންވާ ޚިދުމަތްތަކާއި އަޅާލުމާއި އޯގާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އަދި، އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހީންގެ ހާލު ވަރަށް ގާތުން ބައްލަވަމުން ގެންދަވާނެ ކަމުގައި ވެސް ބާބޫ މެނަންއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ވިދާޅުވިއެވެ.