ރާއްޖޭގައި ކޮވިޑް-19 ފެތުރެމުން އަންނަ މި ދަނޑިވަޅުގައި ގޭގެއަށް ޒިޔާރަތް ނުކޮށް، ޕާޓީތައް ނުބާއްވާ، އަޟްޙާ ޢީދުގެ ތަހުނިޔާ ބަދަލު ކުރުމުގައި ސަމާލުކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިލްތިމާސް ކުރައްވައިފިއެވެ

ރައީސް މިކަންކަމަށް އިލްތިމާސްކުރެއްވީ 1441 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.

ރައީސް ވިދާޅުވީ، އާއިލީ ގުޅުންތަކާއި ރަޙްމަތްތެރިކަމުގެ ގުޅުންތައް ބަދަހިކޮށް އާލާކުރުމުގެ ފުރުސަތު ތަނަވަސްވެފައި އެބައޮތް ކަމަށެވެ. އަދި ކިތަންމެ ދުރުގައި ތިބެން ޖެހުނަސް، ގޭގެއަށް ޒިޔާރަތް ނުކުރެވުނަސް، އަދި ބޮޑެތި އެއްވުންތަކާއި ޙަފްލާތައް ނުބޭއްވުނަސް، އާއިލާގެ މީހުންގެ ހާލުއަހުވާލު އޮޅުންފިލުވައި، ދީދުގެ ތަހުނިޔާ ބަދަލުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ޢާއިލާގައި ހިމެނޭ، ޢުމުރުން ދުވަސްވީ މީހުންނާއެކު، ފޯނުގެ ޒަރީޢާއިންވިޔަސް ވަގުތުކޮޅެއް ހޭދަކޮށްލައި، އެމީހުންގެ ޝުޢޫރުތަކާއި އިޙްސާސްތައް އަޑުއަހައިލުމަކީ، މިފަދަ އުފާވެރި ދުވަހެއްގައި ޢާއިލީ ގުޅުންތައް ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެއް". ކޮވިޑް-19 ފެތުރެމުން އަންނަ މި ދުވަސްވަރުގައި ގޭގެއަށް ޒިޔާރަތް ނުކުރުމަށް ސިއްހީ މާހިރުން އެދެމުން އަންނަ މި ދުވަސްވަރުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި އަހަރު އަޟްހާ އީދު ބައްދަލުކުރީ ކޮވިޑް-19ގެ ސަބަބުން، މުޅި އިންސާނިއްޔަތު ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކުރަންޖެހިފައިވާ ދުވަސްވަރެއްގައި ކަމަށެވެ.

"އެކަމުގެ ސަބަބުން، މުސްލިމުންގެ އަޅުކަންތަކަށްވެސް ބުރޫއަރައި، އިސްލާމީ އުންމަތްވެސް ތަހައްމަލް ކުރަމުން މިދަނީ، ވަރަށް ހިތްދަތި ދުވަސްތަކެއް. ނަމަވެސް، މިފަދަ ދުވަސްވަރެއްގައި އުފާވެރި އީދަކާ ބައްދަލުވުމީ، ކޮވިޑް-19ގެ ސަބަބުން ހީނަރުވެފައިވާ ގުޅުންތައް، އަލުން ބަދަހިކޮށް އާލާކުރުމަށް ލިބޭ ރަނުގެ ފުރުސަތެއްކަން ޔަގީން". ރައީސްގެ ހިތާބުގައި ވެއެވެ.

ރައީސް ވިދާޅުވީ، އަޟްޙާ އީދަކީ، މުސްލިމުންގެ މެދުގައި ގުޅުން ދެމެހެއްޓުމާއި، އެހީތެރިވުމާއި، އެއްބާރުލުމުގެ އިތުރުން، އެތައް ގުރުބާނީއެއްގެ ޒިކްރާ އައުކޮށްދޭ މަތިވެރި މުނާސަބަތެއް ކަމަށާއި، މިއީ ގައުމެއްގެ ނިސްބަތުން ބަލާއިރު، މިއަދުގެ ހާލަތުގައި ހާއްސަ ސަމާލުކަން ދޭންވީ ކަންކަކަން ކަމަށެވެ.

"މިއީ މުޖުތަމަޢުގެ ހަމަޖެހުމާއި ޞުލްޙަވެރިކަން ދެމެހެއްޓުމުގެ މުހިންމުކަން އަޅުގަނޑުމެންގެ ހަނދާނަށް ގެނެސްދޭ އީދެއް އެހެންކަމުން ހައްޖުގެ މަތިވެރި އަޅުކަމާއި، އަޟްހާ އީދާ ގުޅިފައިވާ މިފަދަ މަތިވެރި ޙިކްމަތްތައް އަޅުގަނޑުމެންގެ ހިތްމައްޗަށް ގެނެސް، އެކަކު އަނެކަކަށް މައާފުކޮށް، އަހްވަންތަކަމުގެ ގުޅުން ކުރިއަށް ނެރެ، ސުލްހަޔާއި ހަމަޖެހުމަށް އިސްކަން ދެއްވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަން". ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިހާރު ތަޖުރިބާކުރަންޖެހިފައި މިވާ، އިގްތިސާދީ އަދި އިޖުތިމާޢީ ދަތިކަމުން އަވަހަށް ސަލާމަތްވެ، ދިރިއުޅުމުގެ ޢާންމު ޙާލަތަށް އެނބުރި ދިއުމަށްޓަކައި، ސިއްހީ ގިދުމަތްތެރިންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް، އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އަދި އިޖުތިމާއީ ގައިދުރުކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމާއެކު، އާންމުންގެ ތެރެއަށް ނުކުމެ އުޅުން ވީވަރަކުން މަދުކުރެއްވުމަކީ، ކޮވިޑް-19 ފެތުރޭ މިންވަރު ދަށްކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަރީ

    ކަލެއަކަށް ނެއިގޭނެ އަހަރެމެން ތަހުނިޔާ ކިޔަންވީ ގޮތެއް!

    14
    1
  2. މާމީ

    ފުރަތަމަ ނަމޫނާ ދައްކަން ތިބިމީހުން އިސްލާހުވެބަލަ ރިސޯޓުތަކައްގޮސް ކަރުތާފެނައް ފައިބާތިބެގެން ކޯއްޗެއްތޯ އެބައްލަވަނީ އެކަހަލަ ކަންތައް ލޮކުޑައުން ކޮއްފައޮއްވާ ވަކިބަޔަކައް ކުރެވޭތޯ؟ ނޫނީ އެއީ ވަކިހުއްދަ އެއްތޯ ؟؟؟؟؟

    11
    1
  3. އޮޅުވާލި ވޯޓު

    ކަލެޔަކައް ނޭގޭނެ އަހަރުމެން ދާނެތަނަކާ ކުރަންވާކަމެ ބުނެދޭކަށެ ކަލޭބުނާގޮތަކައް އަހަރުމެނެއް ނަހަދާަނެ ނުވެސްހަދާނަން

    10
    1
  4. މުރާކި

    ބުއްޅަ ކިޔަނީ އެންމެން އެއްވެ މަޖާކުރާށޯ.. ކަލޭތިކިޔަނީ އެހެން ލަވައެއް.. އަހަރެމެންނަށް ނޭނގުނު ކާކު ބުނާގޮތަށް ކަމެއް ހަދަންވީކީ. އެއްހެން ވީމާ އެކަކު ބުނާގޮތަކަށް އެއްވެސް ކަމެއްނުކުރާނަން.