އިސްލާމް ދީނުގައި އީދަކީ ޝަހްވަތްތަކުގެ ފަހަތުން ދުއްވައިގަތުމާއި ކާބޯތަކެތިން ބަނޑު ފުރާލުން ނޫން ކަމަށް އީދު ހުތުބާގައި ބުނެފިއެވެ.

އަޟްހާ އީދާ ގުޅިގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި އީދު ހުތުބާގައި ބުނެފައި ވަނީ އީދަކީ މުސްލިމުންނަށް އުފާވެރި މުނާސަބަތެއް ކަމަށާއި އެއީ އުންމަތުގެ އެއްވެސް ފަރުދަކު އެކަހެރި ނުކޮށް އެންމެން ޝާމިލްވާ ގޮތަށް އޮތް އުފަލެއް ކަމަށެވެ. އިސްލާމީ އީދުތަކުގައި އޮތީ އިސްލާމީ މިންގަނޑުގެ ތެރޭގައި އުފާ ފާޅުކުރުމާއި މުނިފޫހިފިލުވުން ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

އިސްލާމް ދީނުގައި އީދަކީ ﷲ ގެ ހައްދުތައް ފަހަނައަޅައި ދިއުމެއް ނޫން ކަމަށާއި އީދުތައް އަންނާނީ ﷲ އަށް އަދާ ކުރަން ޖެހޭ މުހިއްމު އަޅުކަންތަކާ ގުޅިގެން ކަމަށް ވެސް ހުތުބާގައިވެއެވެ.

އީދު ހުތުބާގައި ވަނީ އަޅުގަނޑުމެންގެ އަގީދާ ހަރުދަނާކޮށް ވަކިވަކިވެފައިވާ އަޅުގަނޑުމެންގެ ހިތްތައް އަލުން ގުޅުވުމަށް ގޮވާލައިފައެވެ. މިފަދަ ބަރަކާތްތެރި އުފާވެރި ދުވަހެއްގައި، އަޅުގަނޑުމެންނަށް މާތް ﷲ ދެއްވި އެންމެ ބޮޑު ނިޢުމަތުގެ މަތިން ހަނދާން ކުރަން ޖެހޭ ކަމަށް ހުތުބާގައިވެއެވެ.

އެއީ މަތިވެރިވެގެންވާ އިސްލާމް ދީނުގެ ނިއުމަތް ކަމަށް ވެސް ހުތުބާގައިވެއެވެ. މިނިވަންކަމުގެ ރަމްޒު ކަމުގައިވާ އިސްލާމް ދީން ހިމާޔަތް ކޮށް ދެމެހެއްޓުމަށް ދިވެހި ދައުލަތުގެ ވެރިންނާއި، ރައްޔިތުންގެ އަޒުމް އާ ކުރުމަށްވެސް ހުތުބާގައި ގޮވާލިއެވެ.

މީގެއިތުރުން އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ކުރުމާއި، މަލާމާތް ކުރުން ފަދަ ވިޔާނުދާ އަމަލުތަކުން ދުރުހެލިވުމަށާއި އަޚްވަންތަ ބަޔަކަށް ވާންޖެހޭކަމަށް ވެސް އީދު ހުތުބާގައި ބުނެފައިވެއެވެ.