ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް އިތުރުވާން ފެށުމުން ކޮވިޑް-19 އަށް ޓެސްޓް ކުރުމާއި ނަތީޖާ ލިބުމުގެ އިތުރުން ބައްޔަށް ފައްސިވާ މީހުން އެކަހެރިކުރުމުގެ މަރުހަލާ ކުރިއަށްދާ ގޮތާ މެދުގައި ފަހަކަށް އައިސް އިންތިހާ އަށް ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިހުމާލު އޮތް ކަމަށް ބުނެ ޝަކުވާ ދަނީ އިތުރުވަމުންނެވެ. އެގޮތުން މީސްމީޑިއާގައި ދާދިފަހުން ވަނީ ކޮވިޑް-19 ޖެހުނު މާބަނޑު މީހަކާއި، އެޗްޕީއޭ އާއި އެކު ދެކެވުނު ވާހަކަތަކުގެ އޯޑިއޯއެއް ދައުރުވާން ފަށައިފައެވެ.

އެ އޯޑިއޯއިން ކޮވިޑް-19 އަށް ފައްސިވި ބަޔަކު އެކަހެރި ނުކޮށް ބަލި ޖެހުުނުކަން ޔަގީން ނުވާ ބަޔަކާ އެކު އުޅުނު ކަމާއި އެ ގޭގައި ތިބި މީހުން ޓެސްޓު ކުރުން ލަސްވުމުން ހިތްހަމަ ނުޖެހުންތައް ހުރިކަން އެނގެއެވެ.

ނަމަވެސް، ގާތްގަނޑަކަށް ފަސް މިނިޓުގެ އެ އޯޑިއޯ އިން އެ އާއިލާ އަށް ދިމާވި ކަންކަމާއި މެދު އެނގެނީ ވަރަށް މަދު މައުލޫމާތު ތަކެކެވެ.

އާއިލާގެ 9 މީހަކު ކޮވިޑް-19 އަށް ފައްސި!

އޯޑިއޯގައި ވާހަކަ ދެއްކި މާބަނޑު އަންހެން މީހާ އައިޝާ ހަލީމް (އަސްލު ނަމެއް ނޫން) "ވަގުތަށް" ބުނީ އާއިލާ އިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ފައްސިވީ އޭނާގެ ފިރިމީހާގެ ކޮއްކޮއެއް ކަމަށެވެ. އޭނާ ކޮވިޑް-19 އަށް ފައްސިވި ކަން އެނގުނީ މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު އޭނާގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަން ފެށުމުން ޖެހިގެން އައި ދުވަހު ޑޮކްޓަރަށް ދައްކައި ހެދި ޓެސްޓްގެ ނަތީޖާ އިން ކަމަށް ބުންޏެވެ.

އޭގެ ފަހުން، އައިޝާގެ ފިރިމީހާގެ ކޮއްކޮ ކޮވިޑް-19 އަށް ފައްސިވިކަން އެނގުނު ހިސާބުން ގޭގައި ތިބި މީހުންގެ މައުލޫމާތު އެޗްޕީއޭއަށް ދިނެވެ. އެ ގެއަކީ ކުޑަކުދިން ހިމެނޭ ގޮތަށް ގިނަ ބަޔަކު އުޅޭ ގެއަކަށްވުމުން ގޭގައި ތިބި މީހުން ވީހާވެސް އަވަހަށް ޓެސްޓް ކުރަން އެގޭ މީހުން ބޭނުންވިއެވެ.

އޭރު ވެސް އައިޝާގެ ގައިން ބަލީގެ އަލާމާތްތައް ފެންނަމުންދާތީ އޭނާ ވަނީ އެކަން އެޗްޕީއޭގެ ސަމާލުކަމަށް ގެނެސްފައެވެ.

ޖުލައި 21 ވަަނަ ދުވަހު އެގޭގައި ތިބި މީހުން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް އަންނާނެ ކަމަށް ބުނި ނަމަވެސް އެ ދުވަހު އެޗްޕީއޭ އަށް ޓެސްޓުކުރަން ދެވޭ ގޮތެއް ނުވިއެވެ. ޖެހިގެން އައި ޖުލައި 22 ވަނަ ދުވަހު ޓެސްޓު ކުރަން އެޗްޕީއޭއިން އެ ގެއަށް ދިޔަ ނަމަވެސް އައިޝާގެ ނަން ސުންކު ނަގާ މީހުންގެ ލިސްޓުގައި ނެތް ކަމަށް ބުނެ އޭނާގެ ސުންކު ނަގާފައެއް ނުވެއެވެ.

"އެ ދުވަހު ނަގަނީ މަންމަ އާއި ބައްޕަ އާއި ދެން ގޭގައި ތިބި 10 އަހަރުގެ ކުއްޖަކާ، 9 އަހަރުގެ 2 ކުދިންނާއި، އެ 5 މީހުންގެ ސާމްޕަލް. އަޅުގަޑު ބުނެފިން އަޅުގަނޑުގެ ވާހަކައެއް ނެތީހޭ. މިވަގުތު ލިސްޓަކު ނެތޯ. އޭރުވެސް ބަލިވެފަ މިހުރީ. ބުނެފިން ބަލިވެފައޭ މިހުރީ ކަންކަން އެބަ ވެޔޭ،" އައިޝާ ބުންޏެވެ.

ޖުލައި 23 ވަނަ ދުވަހު އައިޝާ، ލޭގެ ޓެސްޓެއް ހަދަން ހޮސްޕިޓަލަށް ދާން ޖެހޭކަން އެންގުމުން އޭނާ ހޮސްޕިޓަލަށް ދާން އެޗްޕީއޭއިން ހުއްދަ ދިން ކަމަށާއި އޭނާ ޓެސްޓު ނުކުރެވި ވަނިކޮށް އޭނާގެ ހާލަތު އިތުރަށް ގޯސްވިކަން އައިޝާ ވަނީ ބުނެފައެވެ.

މީގެ އިތުރުން އެގޭގައި ތިބި ކުޑަ ކުދިންގެ ތެރޭގައި 9 މަހުގެ ކުޑަ ކުއްޖަކު އޮތުމާއި، އުމުރުުން ދުވަސްވީ 2 މީހުން ތިބުމާއި އެކު ގޭގައި ތިބި ބައެއް މީހުން ޓެސްޓު ނުކުރުމާއި، ޓެސްޓުގެ ނަތީޖާ ލަސްވުން ފަދަ ކަންކަމުގެ ސަބަބުން ކަންބޮޑުވި ކަން އައިޝާ ފާހަގަކުރިއެވެ.

"އެބަ ހުން އާދެޔޭ، އަޅުގަނޑު ބައްޔޭ، އަމިއްލަ އަކަށް އެއްވެސް ކަމެއް ނުކުރެވެއޭ ބުނީމަ ވެސް އަޅުގަނޑުގެ ސާމްޕަލް ނަގަން އަންނާނެ ކަމަށް ބުނީ 23 ވަނަ ދުވަހުގެ އިރު އޮއްސުނު ފަހުން. އޭރުވެސް އަދިވެސް ދޮންތަ އާއި ދޮންތަ ފިރި މީހާ އާއި އަޅުގަނޑު ފިރިމީހާ އާއި 9 މަހުގެ ކުއްޖާ އާއި 5 އަހަރު ކުއްޖާގެ ސާމްޕަލް އެއް ނުނަގާ،" އައިޝާ ކިޔައިދިނެވެ.

އެ ދުވަހު ޓެސްޓުކުރަން ދިޔަ އިރުވެސް އޭނާގެ ފިރިމީހާ އާއި، ދޮންތަ އަދި ދޮންތަގެ ފިރިމީހާގެ ނަން ލިސްޓުގައި ނެތް ކަމަށް ބުނެ އަނެއްކާވެސް އެ މީހުން ޓެސްޓު ނުކުރެވެނެކަން އެންގިކަމަށް އައިޝާ ބުނެއެވެ.

ޓެސްޓު ކުރި މީހުންގެ ނަތީޖާތައް ލިބުނު އިރު އެ ގޭގެ މަންމަ އާއި ބައްޕަ އަދި ކުޑަކުދިން ހިމެނޭ ގޮތަށް ޖުމްލަ 9 މީހުން ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ.

މާބަނޑު އަންހެން މީހާ އަށް އިތުރު އެތައް ތަކުލީފެއް

އައިޝާ އަކީ ދެ ވަނަ ދަރިފުޅަށް ބަލިވެ އިން ޒުވާނެއް ކަމަށްވާ އިރު ކޮވިޑް-19 އަށް ފައްސިކަން އެނގުމުގެ ކުރިންވެސް އޭނާ އަށް ޕްރެގްނެންސީ ކޮމްޕްލިކޭޝަންސް ހުރިކަން ޑޮކްޓަރުން ވަނީ އަންގާފައެވެ. އަދި އޭނާގެ ހާލަތު ހުރި ގޮތުން އެހީތެރި އަކާއި ނުލާ އުޅެވޭ ވަރަށް ވުރެ އައިޝާގެ ހާލަތު ގޯސްކަން އޭނާ ފާހަގަކުރިއެވެ.

އެގޮތުން އެކަނި ތެދެވެ އުޅުމާއި، އެކަނި ފާހަނާ އަށް ދިއުން ފަދަ ކަންކަން ވެސް ނުކުރެވޭކަން އައިޝާ ފާހަގަކުރިއެވެ. އެ ހާލަތުގައި ކަންކަން ހުރި ނަމަވެސް އޭނާގެ ޓެސްޓުގެ ނަތީޖާ ނުލިބި ވަނިކޮށް، އޭނާ އިތުރަށް ބަލިވިކަން އައިޝާ ފާހަގަކުރިއެވެ.

"24 ގަޑި އިރު ނަތީޖާ ނުލިބި ވީމަ ބުނެފިން ބަލިވާތީ ޑޮކްޓަރަށް ދައްކަން ބޭނުމޭ. އަޅުގަނޑުގެ ނަތީޖާ ބަލާ ދޭށޭ ބުނީމަ އާ އެކޭ ބުނެފަ ފޯނު ކަނޑާލަނީ. އެ ރޭ ދަންވަރު އޮންނަ ތަނުން ނުތެދުވެވޭ ގައިގައި ރިއްސާ ވަރުން. ފިރިމީހާ ބުނެފި ތިކޮޅުން ބުނެބަލާށޭ ހަދަންވީ ގޮތެއް އެޗްޕީއޭ އަށް ގުޅާފަ،" އޭނާ ބުންޏެވެ.

އެ ހިސާބުން އައިޝާ އަށް އެޗްޕީއޭއިން އައިޖީއެމްއެޗްގެ އެމްބިއުލާންސް ހަމަޖައްސާ ދިން ނަމަވެސް އެތަނުން ވެސް ލައިގަތީ ބޮޑު އޮޅުންބޮޅުން ގަނޑަކާއިއެވެ.

އައިޖީއެމްއެޗަށް ދިއުމުން އައިޝާގެ ގެ މޮނިޓަރިންގައި ހުރުމާއި، އޭނާގެ ބަލީގެ އަލާމާތް ހުރުމުން އައިޖީއެމްއެޗުން އޭނާ ނުބެލޭނެކަން ހޮސްޕިޓަލުން އޭނާ އަށް އެންގިއެވެ.

"އަޅުގަނޑުމެންނަކަށް ނޭނގެ މޮނިޓަރިންގަ ހުންނަ ގެއަކަށް ވިއްޔާ އެހެން ދައްކަން ނުދެވޭ ކަމެއް. އެޗްޕީއޭއިން ވިއްޔާ މި ފޮނުވީ. ވީލްޗެއަގައި ދިޔައީވެސް ނުވެސް ހިނގޭ. އަޅުގަނޑު ބުނިން އެޗްޕީއޭއިންނޭ ފޮނުވީ. ދެން އެ ބޭފުޅުންވެސް ބުނަނީ ތިހެން އާދެވޭހެއްޔޯ،" އައިޝާ ބުންޏެވެ.

އައިޖީއެމްއެޗް އާއި އެކު ދެކެވުނު ވާހަކަތަކަށް ފަހު، އައިޖީއެމްއެޗްގެ މާބަނޑު މީހުންގެ ކްލިނިކަށް އޭނާ ފޮނުވިއެވެ. ނަމަވެސް އެތަނުން ފަރުވާ ދެނީ މާބަނޑު މީހުންގެ ވިހެއުން ފަދަ ކަންކަމަށް ކަން ފާހަގަކޮށް، އައިޝާ އަށް ފަރުވާ ދެވެން ނެތް ކަން އެތަނުން ވެސް އޭނާ އަށް އެންގިއެވެ.

"އެ މީހުން މި ބުނަނީ ޕްރެގްނެންސީ އުނދަގޫތަކެއް ހުރެގެންނޭ އެތަނަށް ފޮނުވޭނީ. އެކޮޅުން އައިޖީއެމްއެޗް އެމްބިއުލާންސް ފޮނުވިކަމަށް ވަނީ ބަނޑުގައި ރިއްސާތީ އޭ މި ފޮނުވަނީ. އެކަހަލަ މައުލޫމާތެއް އެކޮޅަށް ލިބިފައި ހުރީ. އަޅުގަނޑު ބުނިން ބަނޑަކު ނުރިއްސައޭ. މުޅި ގައިގައޭ ރިއްސަނީ،" އޭނާ ބުންޏެވެ.

އެ ހިސާބުން އައިޝާގެ ޓެސްޓުގެ ނަތީޖާ ނުލިބޭތީ، އެކަން ކޮށްދިނުމަށް އައިޝާ އެދުނެވެ. އައިޝާ ތަކުރާރުކޮށް އެދިގެން މާބަނޑު މީހުންގެ އެމަޖެންސީ ނަރުހެއް ކުރި މަސައްކަތުން، އެނގުނީ އޭނާ ކޮވިޑް-19 އަށް ފައްސިވީކަމެވެ.

އެ ހިސާބުން އައިޝާ ހުޅުމާލޭ ފެސިލިޓީ އަށް ފޮނުވަން ކަމާއި ބެހޭ ފަރާތްތަކުން ނިންމުމުން، އައިޝާގެ ފިރިމީހާ ވަނީ އޭނާ އަކީ އެހީތެރިއަކާއި ނުލާ ނޫޅެވޭ މީހަކަށް ވުމުން އޭނާ އެކަނި އެ ފެސިލިޓީއަށް ފޮނުވަން އުޒުރުުވެރިވާކަން ހާމަކޮށްފައެވެ.

އޭރުވެސް އައިޝާގެ ފިރިމީހާ ޓެސްޓު ނުކުރާތީ އެކަމާއި މެދުވެސް އެ މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"އެ ރޭ ދެން ގެއަށް ފޮނުވާފަ، 25 ގެ ފަތިހު އެއީ. އޭރުވެސް ފިރިމީހާ ޓެސްޓު ނުކުރޭ. އަޅުގަނޑުގެ ހާލަތާއި އެހީތެރިއަކާއި ނުލާ ނޫޅެވޭކަން އެންގިން. އެޗްޕީއޭއިން ބުނީ ހަޒްބެންޑާއި ދެ މީހުން ރެޑީވާށޭ." އޭނާ ކިޔާދިނެވެ.

އައިޝާ ގެންދާ ތަނެއް އެނގޭނީ ބަލާ ދާ ޓީމަށް ކަމަށް ވެސް އޭނާ އަށް އެޗްޕީއޭއިން އެނގިއެވެ. އެޗްޕީއޭއިން އޭނާ އާއި ފިރިމީހާ އަށް އެކުގައި ދެވޭނެ ކަމަށް އެންގި ނަމަވެސް، އޭނާ ބަލާ ދިޔަ ޓީމުން ވަނީ އޭނާގެ ފިރިމީހާ އަށް ނުދެވޭނެ ކަން އަންގާފައެވެ.

"ފިރިމީހާ އާއި ދެމީހުން އެމްބިއުލާންސްއަށް އެރީމަ ބުނީ ފިރިމީހާއަކަށް ނުދެވޭނެއޭ. ދެން އަޅުގަނޑަށް ރޮވިއްޖެ ވަގުތުން. އިތުރު ޗޮއިސްއެއް ނޯންނާނެތާ. ބަލާ އައި އަންހެން ކުއްޖާ ބުނި ގޮތެއް ހަދާނީ ދޯއޭ. ކިޔާފަ ހުޅުމާލެ ފެސިލިޓީގެ ދޮރުމައްޗަށް ބާލާފަ ބުނީ ފިރިމީހާއަކަށް ނުވަދެވޭނެއޭ. ދަމާފަ ކަހަލަ ގޮތަކަށް އެތެރެއަށް ވެއްދީ." އޭނާ ކިޔާދިނެވެ.

އެ ހިސާބުން ޓެސްޓުކުރުމަށް ފަހު އައިޝާގެ ފިރިމީހާ ކޮވިޑް-19 އަށް ފައްސިވެއްޖެ ނަމަ އެ ހިސާބުން އެ ދެ މީހުން އެއްތަނެއްގައި ބޭތިއްބުމަށް އައިޝާ ވަނީ އެދިފައެވެ.

މާބަނޑު މީހާ ގެންދިޔަ ފެސިލިޓީގައި ހިތްހަމަނުޖެހޭ އެތައް ކަމެއް

ކޮވިޑް-19 އަށް ފައްސި މީހުން ބައިތިއްބާ ހުޅުމާލެ ފެސިލިޓީ އަށް ގެންދިއުމުން އައިޝާ އަށް އެތަނުން ފެނުނީ އޭނާ ކަންބޮޑުވާ އެތައް ކަމެކެވެ. އަލަށް ބަލި ޖެހިފައި ތިބި މީހުންނާއި، 14 ދުވަސްވާން ކައިރިވެފައި ތިބޭ މީހުންނާއި އެއްތަނެއްގައި ތިބި އިރު އެންމެންހެން ބޭނުން ކުރަނީ އެއް ފާހާނާތަކެއް ކަމަށް އޭނާ ބުންޏެވެ.

އަދި އެ ވަސީލަތުގައި ތިބޭ މީހުން މާސްކް ނާޅައި ތިބޭ އިރު، ދެ އެނދު ދޭތެރޭގައި ވެސް ތިން ފޫޓު ނެތް ކަމަށް އޭނާ ބުންޏެވެ.

އެންމެ ފުރަތަމަ އައިޝާ ގެންގޮސް ބެހެއްޓީ އާއިލާއާ ވަކިންނެވެ. ނަމަވެސް ފަހުން އެ ފެސިލިޓީގައި އޭނާ މަންމަ ވެސް އެޑްމިޓްކޮށްފައިވާތީ، އެ ވޯޑަށް އޭނާ ވަނީ ބަދަލުކޮށްދީފައެވެ.

"އެއްވެސް ބަޔަކު މާސްކެއް ނާޅާ. އޭރު އެތާ ތިބި 14 މީހުން. 22 މީހުން. އެއް އެނދުގަ އޮވެފަ އަނެއް އެނދަށް އަތް ފޯރާ. މިތާ ތިބޭ މީހުން އެހީތެރިވޭ. އެއްކޮށް އުޅެނީ،" އައިޝާ ބުންޏެވެ.

ފަހުން އައިޝާގެ ފިރިމީހާ ވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަންނަ މަހު ވިހަން ޖެހޭ އައިޝާ އަށް މިހާރުވެސް އެހީތެރިޔަކާ ނުލާ ނޫޅެވެއެވެ. ފައި ދުޅަވެ، ފައިގައި ރިހުން އިތުރުވުމުގެ ސަބަބުން ހިނގާ އުޅެންވެސް އޭނާ އަށް އުނދަގުލެވެ.

'3 ދުވަސް ވަންދެން ގުޅައިގެން ފިރިމީހާ އާއި ގޭގަ ތިބި އެހެން މީހުން ސާމްޕަލް ނެގީ. ދެން ޕޮޒިޓިވް ވީމަ ބުނީ އެ ގޭގަ ތިބި މީހުން ވަކިންނޭ ގެންދެވޭނީ. ގޭގަ ތިބި 4 މީހުން ޕޮޒިޓިވް" އޭނާ ބުންޏެވެ.

މިހާރު އައިޝާ އާއި އޭނާގެ އާއިލާގެ ބައެއް މީހުން ތިބީ މިހާރު 14 ދުވަސް ވަންދެން ހުޅުމާލޭ ފެސިލިޓީގައި ބައިތިއްބާފައެވެ. ދުވާލަކު 1 ފަހަރު އެތަނަށް ޑޮކްޓަރަކު ދާ ކަމަށް އޭނާ ބުނެއެވެ.

ނަމަވެސް މާލޭގައި ތިބި މީހުންގެ ތެރެއިން ފައްސިވި މީހުން އަދިވެސް ތިބީ ގޭގައިކަމަށް އޭނާ ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ހަސީނާ

  ވަރަށް ދެރަވެއްޖެ😭

  57
 2. ހަސީނާ

  ވަރަށް ދެރަވެއްޖެ😭
  ތިބާއާ ތިބާ ގެ އާއިލާއަށް ކެތްތެރިކަންދެއްވައިއަވަސްޝިފާއެއްމިންވަރުކޮށްދެއްވާނދޭވެ.

  81
  1
 3. ބޯގޯސް

  ޢެތަކެއް ބިލިއަނެއް މި ކޮ ވިޑޭ ކިޔާފަ ވަނީ މިސަރުކާރުން ބަނޑު އަޅާލާފަ ދެން ނިކަމެތި ރައްޔިތުންގެ މަތިން ހަނދާންކުރުމުގެ ބޭނުމެއް މިސަރުކާރަކު ނޯންނާނެ ދެން ވެސް އިންތިހާބެއް ބޯމަތި ވާއިރައް ހުރިހާއެންމެން ދު ވާނީ އެބައިގަނޑުގެ ފަހަތުން އިންތިހާއައް ސަލާމް

  46
 4. އަމީ

  މީނިކަމެތިންނަށް އަޅާލާނެ ސަރުކާރެއްނޫން. ކޮނފަދަ ވޭނެއް ތިދެނީ. އަދިވެސް ބޮޑޫން ހަމަ މުސާރަ ކޮޅުކާލައިގެން ގޭގަ.

  31
 5. މޫސާ

  މިހާރު މިފެންނަނީ އަދި ބޯޑުމަންޒަރު

  28
 6. ޓެގްޓީމޭ

  އަސްލު ހަގީގަތަކީ ޓެގުޓީމަކުންވެސް އެޗްޕީއޭ އަކުންވެސް އަޕްޑޭޓެއްނުވޭ މިކަމާމެދު ސައިންސްވެރިންގެ ހޯދުންތަކަކަށް. އެޕާޓްމަންޓެއްގަ 10 މީހުން އުޅޭއިރު 2 ޕައްސި ވީމާ ދެން ދުވާލަކު މީހަކު ޓެސްޓްމިކޮއްލަނީ. މިގޮތަށް ހަފުތާއެއްވާއިރު ހުރިހާ އަލާމާތެއް ހުންނަމީހުންގެވެސް ކުޑަކުދިންގެވެސް ސުންކު ނަގަނީ އެއީ ބޭކާރު ހަރަދުކަންނޭނގިތިބެ. ކިޔަވައިގެން އެބަހީ ސެޓްފިކެޓެއް އޮވެދާނެ ގަމާރެއް އަތުގަވެސް

  29
  2
 7. ދެރަ

  ބަލިޖެހުނަސް ގޭގަ ހުންނަންބޭނުންމީހާ ގޭގަ އެކަހެރިކޮށްބަލަ އޭރުން އެމީހާގެ ހިތަށްމާ ފަސޭހަވާނެ މިހާރުތިދޭނީ ބަލިޖެހޭމީހާއަށް އިތުރު އަނިޔާތަކެއް އެމީހަކުބޭނުމިއްޔާ ގޭގަބަހައްޓާ އޭރުންސަރުކާރު ބަޖެޓަށްވެސް މާބޮޑަށް ލުއިވާނެ ބަލިޖެހުނީމަ ހަތަރު ފަސްދުވަހު ގޭގަބަހައްޓާފަ ދެންކޮންސަކަރާތެއް

  20
 8. ދޯހަޅި

  ދޯހަޅިސަރުކާރު

  15
 9. އާދަނު

  އާދަމުގެ ދަރީން އުޅޭ ތަނެއްތަ އެއީ. ވަރަށް ދެރަވެއްޖެ.