ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލި ނަމަވެސް ބުކިން އިތުރުވާނެ ކަމަށް ލަފާކުރެވެނީ މަދު ރިސޯޓުތަކަށް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހެދި ދިރާސާއަކުން ދައްކައިފިއެވެ.

އެމްއެމްއޭގެ "ބިޒްނަސް ސާވޭ" އިން ދައްކާ ގޮތުން މި އަހަރުގެ ފަހު ކުއާޓަރުގައި ބުކިން އިތުރުވާނެ ކަމަށް ލަފާކުރެވެނީ މަދު ރިސޯޓަކުންނެވެ. މި ސާވޭގައި ބައިވެރިވި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުގެ ތެރެއިން ހަތަރުބައިކުޅަ ތިންބައި ވިޔަފާރިތަކުން ލަފާކުރާ ގޮތުގައި މިއަހަރުގެ ދެވަނަ ކުއާޓަރެކޭ އެއްފަދައިން ތިންވަނަ ކުއާޓަރުގައިވެސް ވިޔަފާރިތައް ދަށަށް ދާނެއެވެ.

ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯދަތު ހުޅުވާލުމާ އެކު ގިނަ ވިޔަފާރިވެރިންތަކެއް ލަފާކޮށްފައި ވަނީ މިއަހަރުގެ ފަހުކޮޅު ފަތުރުވެރިކަން އިތުަރަށް ފުޅާވެ ކުރިއަރަން ފަށާނެ ކަމަށެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި މުވައްޒަފުންވެސް އެންމެ މަދުވެފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައެވެ. އެ ސިނާއަތުގެ މުވައްޒަފުންގެ ބޮޑު އިންސައްތައެއް މަދުވީ ޑިމާންޑް ކުޑަވުމުގެ ސަބަބުން ވިޔަފާރި އާއި އާމްދަނީއަށް ބޮޑު ހީނަރުކަމެއް އައުމުގެ ސަބަބުން ކަމަށް އެމްއެމްއޭގެ ދިރާސާގައި ދައްކައެވެ.

ތިން ވަނަ ކުއާޓަރުގައި އިމާރާތް ކުރުމުގެ ސިނާއަތާއި އެހެނިހެން ހޯލް ސޭލް އަދި ރީޓެއިލް ވިޔަފާރިތައް ދަށްވާނެ ކަމަށް އެ ދިރާސާގައި ވެއެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖެ ބަންދުކުރުމަށް ފަހު އަލުން ފަތުރުވެރިން އަންނަން ފެށުމާއެކު މިއަހަރުގެ ތެރޭގައި އަށް ލައްކަ ފަތުރުވެރިން އަންނާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.

ކޮވިޑް-19ގެ ސަބަބުން ގިނަ އަމިއްލަ ވިޔަފާރިތަކަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ. ސަރުކާރުން އަންނަނީ މި ގެއްލުންތައް ފޫބެއްދުމަށް ލޯނުގެ ގޮތުގައި އެހީތައް ފޯރުކޮށްދެމުންނެވެ.