ކ. މާފުށީގެ ގެއެއްގައި ކަރަންޓީންގައި ހުރި އަންހެނަކާއި ކުޑަ ކުއްޖަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މާފުށީ ކައުންސިލްގެ ނައިބު ރައީސް ނަޝީދާ އާދަމް "ވަގުތަށް" މިއަދު ވިދާޅުވީ އެ ރަށުން ފައްސިވެފައި ވަނީ ދެ ގެއެއްގައި ތިބި ބައެއް ކަމަށެވެ. އަންހެން ކުއްޖާ އާއި ކުޑަ ކުއްޖަކީ މާލޭގައި ހުރެފައި އެ ރަށަށް ގޮސް ކަރަންޓީންވި ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެއީ ދެ މައިން ކަމަށް ނަޝީދާ ފުރަތަމަ ވިދާޅުވިޔަސް، ފަހުން އޭނާ ވިދާޅުވީ އެއީ އާއިލީ ގޮތުން ގުޅުން ހުރި ބައެއް ނޫން ކަމަށެވެ.

"ހައްޖު ދުވަހު އިރުއޮއްސެނިކޮށް އެޗްޕީއޭ އިން އެންގީ ސާމްޕަލް ޕޮޒިޓިވްވިކަން. އެއީ މާލެ އިން އައިސް ކަރަންޓީންގައި ތިބީ. އެއީ ވެސް މާފުށީގައި ދިރިއުޅޭ ބައެއް،" ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.

މާފުށިން ފައްސިވި އަންހެން މީހާގެ އުމުރެއް އަދި ނޭނގެއެވެ. އެކަމަކު، ކުޑަ ކުއްޖާގެ އުމުރުން ވާނީ ގާތްގަނޑަކަށް ހަތް އަހަރު ކަމަށް ނަޝީދާ ވިދާޅުވިއެވެ. ފައްސިވި އަންހެން މީހާ އާއި ކުޑަ ކުއްޖާއާ ކޮންޓެކްޓްވި މީހަކު ފާހަގަވެފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެ އިން މިހާތަނަށް 3،793 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ 1،800 ދިވެހިންނާއި 1،993 ބިދޭސީންނެވެ. މި ބަލިން ރަނގަޅުވެފައި ވަނީ 2،607 މީހެކެވެ. މި ބަލީގައި ނިޔާވެފައި ވަނީ 16 މީހެކެވެ.

ފަހަކަށް އައިސް، ރާއްޖޭގެ ރަށްރަށުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ރަށް ރަށަށް ގޮސް ކަރަންޓީންވެފައި ތިބޭ މީހުން ކޮވިޑް-19 އަށް ފައްސިވާ މިންވަރު ވަރަށް ބޮޑަށް ވަނީ އިތުރެވެ. އަދި ބިދޭސީންނަށް ވުރެ ގިނަ އިން ފަހަކަށް އައިސް ބަލި ޖެހެނީ ދިވެހިންނަށެވެ. ދިވެހިންގެ ތެރެއިން ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތައް ތަހަންމަލު ކުރަމުން އަންނަ މީހުންގެ ގައިން ބަލި ފެނުމަކީ ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އާއި ކަމާބެހޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ.

ރާއްޖޭގެ ހާލަތު އަންދާޒާކޮށް އެންމެ ފަހުން ނެރުނު ޕްރޮޖެކްޝަން ދައްކާ ގޮތުގައި މި މަހު ދުވާލަކު، އެވްރެޖްކޮށް 170 މީހުން ކޮވިޑް-19 އަށް ފައްސިވާނެ ކަމަށް ބެލެވެއެވެ. އަދި މި މަސް ނިމޭއިރު ޖުމްލަ 2،373 މީހުންނަށް ބަލި ޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އޮގަސްޓް މަހުގެ ތެރޭގައި ބަލި ފެތުރޭލެއް ބާރުވެފައި ސެޕްޓެމްބަރު މެދެއްހާ ތަނުގައި އަނެއްކާ ވެސް ދަށްވާނެ ކަމަށް ޕްރޮޖެކްޝަނުން ދައްކައެވެ.

ޕްރޮޖެކްޝަން ދައްކާ ގޮތުގައި މިހާރު ފައްސިވާ މީހުންގެ ތެރެއިން ދެ ތިން މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުނަސް ކުރިއަށް އޮތް ތަނުގައި އެ އަދަދު ދޭއް ނޫނީ ތިން ގުނަ އިތުރުވެދާނެ ކަމަށް ބެލެވެއެވެ.

އެޑިޓަރުގެ ނޯޓު:

"ވަގުތު" ން އެންމެ ފުރަތަމަ ގެނައި ހަބަރުގައި ފައްސިވީ ދެމައިން ކަމަށް ޖެހުނީ މާފުށީ ކައުންސިލުން ދިން މައުލޫމާތަށް ބިނާކޮށެވެ. އެހެންވެ، ހަބަރުގެ އެ ކުށަށް ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެމެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކާފަބޭ2020

    ތިޔައީ މައްސަލައެއްނޫން ސިއްހީމަރުކަޒުންފަރުވާހޯދާލީމަ އޯކޭވާނެ! މުޅިރާއްޖެއަށްނުފެތުރިގެންހިތާމަކުރާމީހާކައިރީގަބުނޭ އުފާކުރާށޭ އެދޭކަންތައްއެބަވެޔޭ! ބަލިމަޑުކަންފެތުރުނަސް ބޭނުމީ ޑޮލަރު! ލޮކްޑައުންއުވާލީމަ އަންނާނެކަމަށްބުނި އިގްތިސޯދީބޫމްކޮބައިތޯ؟ ފަތުރުވެރިންވެސްއަންނަނީ އެމީހުނަށްލިބޭއާމްދަނީން ޚަރަދުތައްހަމަޖައްސާ ވަކިތަރުތީބަކުންކަންތައްތައްރާވާ އެއާމްދަނީގެތެރެއިންބާކީކޮށް ދަތުރުހަމަޖައްސައިގެން މަދުމީހަކުނޫނީއަންނަނީމިގޮތަށް ބަޔަކުހޭދެބައިވިޔަސް......

  2. ޢާދިލް ދޮންބެ

    މިހެން އޮޅޭގޮތައް މައުލޫމާތު ލިބެނީ އިންފޮމޭޝަން އޮފިސަރު އާއި ނުގުޅާތީ.
    ކޮންމެ ތަނެއްގަވެސް އިންފޮމޭޝަން އޮފިސަރެއް ހުންނަ ކަމަށް މަޢުލޫމާތު ލިބިފަ އޮންނަނީ.

  3. ބޭނޭ

    ރައްރަށް ފައްސި ކުރާކައްނު މާލޭގަ ތިބޭ މީހުން އެ އަންނަނީ... މަވެސް ނޭނގެ ހުރި ގޮތެއް މިހާރު... ހެޔޮނުވާނެ މާލޭގަ ތިބޭ މީހުން ރައްރަށައް ނުފޮނުވާ ކުރިން ކަރަންޓީން ކުރިހެން ރިސޯޓު ތަކު ކޮއްބަލަ ސޯލިހުބޭ...

  4. ހާމިދު ޝާހިދު

    މާފުށީ ޖަލުގެ ހާލަތު ކިހިނެތްތޯ އޮތީ. އެތާ މަސައްކަތްކުރާ ގިނަ މުވައްޒަފުންނަކީ މާފުށީ މީހުން. ރައީސް ޔާމީންގެ ސަލާމަތްތެރިކަމާ މެދު މިހާރު ސުވާލު އެފެދޭ ހިސާބަށް ކަންތައް ގޮސްފި. ކިހާ ދެރަކަމެއްމިއީ. މިބުނަނީ އެމަނިކުފާނު ދޫކޮށްލާށޭ...! ވަރަށް ބޮޑު ގޯހެކޭ ތިޔަ ހައްދަވަނީ އަތުންފައިން.