ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި އޮތުމަށްފަހު މިދިޔަ މަހުގެ 15ވަނަ ދުވަހު އަލުން ހުޅުވާލި ފަހުން މިހާތަނަށް އޮޕަރޭޝަން ފަށާފައި ވަނީ އެންމެ 61 ރިސޯޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ރާއްޖޭގައި މިިދިޔަ މަހާއި ހަމައަށް 150 އަށް ވުރެ ގިނަ ރިސޯޓު ހިންގާ ކަމަށެވެ. ނަމަވެސް އޭގެތެރެއިން ބޯޑަރު ހުޅުވާލި ފަހުން އޮޕަރޭޝަން ފަށާ ފަތުރުވެރިންނަށް ހިދުމަތް ދެމުން އަންނަނީ 61 ރިސޯޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ޓްރާންސިޓް ހޮޓެލްގެ ގޮތުގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ބ. އަތޮޅު އަމިއްލަ ފުއްޓާއި، މާލެ އަތޮޅުން މާގިރި ހޮޓެލް އަދި ހުޅުލޭ އައިލެންޑު ހޮޓެލް އަދި ގއ. އަތޮޅުގައި ހިންގާ މާކުއާ މޯލްޑިވްސް ކޫއްޑޫއަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހުއްދަ ދީފައެވެ.

މީގެއިތުރުން ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 22 ސަފާރީއަކަށް ވެސް ވަނީ ހުއްދަ ދީފައެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި ވަނީ މިދިޔަ މާޗް 27 ގައެވެ. އެކަމުގެ ސަބަބުން ރާއްޖެ އަށް ފަތުރުވެރިން އައުން ހުއްޓި އާމްދަނީ ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. އަދި އިގްތިސާދަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރިއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ކޮވިޑް-19 އަށް ޓެސްޓުކުރާނީ ހަމައެކަނި އަލާމާތްތައް ހުންނަ ފަތުރުވެރިން އެކަންޏެވެ.

މި ވައިރަހާއި ގުޅިގެން ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ކޮންމެ ފަތުރުވެރިއަކުވެސް ރާއްޖެ އައުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓުކޮށް ނައްސިވެފައިވާ ނަތީޖާ އިމިގްރޭޝަނަށް ދައްކަން ޖެހެއެވެ. އިމިގްރޭޝަން އިން މިދިޔަ މަހުގެ 24ވަނަ ދުވަހު އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެ ދުވަހާއި ހަމައަށް ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ 904 ފަތުރުވެރިންނެވެ.