އެހެން އަހަރުތަކޭ އެއްގޮތަށް ކޮވިޑް-19ގެ ބަލި މަޑުކަން ދުނިޔެއަށް ފެތުރިފައިނުވި ނަމަ މިދުވަސްކޮޅަކީ މާތްވެގެންވާ ހަރަމްފުޅު ފުރިފައި އޮންނާނެ ދުވަސް ކޮޅެކެވެ. އެހެން ނަމަވެސް މިދިޔަ ޑިސެމްބަރު މަހުގެ މެދު ތެރޭގައި މިބަލި ފެތުރެން ފެށިފަހުން، ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ހަރަމްފުޅުވެސް ފެނިގެން ދިޔައީ ފަޅުކޮންނެވެ.

ހަރަމްފުޅު ފަޅުކޮށް ފެނިގެން ގޮސްފައިވަނީ މީގެ ކުރިން އެތައް މިލިއަން މުސްލިމުން ޖަމާވާތަނަށް މިއަހަރުގެ ހައްޖު ދުވަހު 10,000 މީހުން ޖަމާވުމުންވެ. މި އަދަދަށްވެސް މީހުންނަށް ހައްޖު ކުރުމުގެ ފުރުސަތު ދީފައިވަނީ ބަލި ފެތުރުން ކޮންޓްރޯލް ކޮށް، ގައިދުރުކުރުމުގެ ފިޔަވަޅުތަކަށް ބަލާފައެވެ.

ގައިދުރުކުރުމުގެ ފިޔަވަޅުތަކަށް ގެފުޅު ވަށައިގެން ވަނީ ވަކި ދުރުމިނެއްގައި ރޮނގު ދަމާފައެވެ. ހައްޖާޖީން ތޮވާފު ކުރަމުން އަންނަނީ އެ ރޮނގުތަކުގެ މަތިންނެވެ. އެގޮތަށް އަމަލު ކުރުމުން އެހެން ހައްޖާޖީންނާއި ވަކި ދުރުމިނެއް ހުރެއެވެ. ހަރަމްފުޅުގެ ތެރޭގައިވެސް އެކަކު އަނެކަކާ ފަސް ފޫޓޫ ދުރުމިނެއް ބަހައްޓަން ޖެހެއެވެ. ހައްޖާޖީންގެ ފަރާތުން ފެނިގެން ދިޔައީ އަޅާފައިވާ ހުރިހާ ފިޔަވަޅުތަކަށް ބޯލަނބައިގެން އަޅުކަމުގައި އުޅުނު މަންޒަރުތަކެވެ.

ގައިދުރުކުރުމުގެ ފިޔަވަޅުތަކުގެ އިތުރުން ހައްޖާޖީންނަށް ވަނީ މާސްކު އެޅުން މަޖުބޫރުވެސް ކޮށްފައެވެ. އަދި ހުން ހުރިތޯ ބަލައި ވަކި މުއްދަތަކަށް ހައްޖު ދުވަސް ޖެހުމުގެ ކުރިން ކަރަންޓީނުވެސް ކޮށްފައެވެ. މީގެއިތުރުން ހައްޖާޖީންގެ ހަރަކާތްތައް ބެލުމަށް ވަނީ އިލެކްޓްރޯނިކް ބޭންޑެއްވެސް އަޅުވާފައެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމަށް 10,000 މީހުން ފޮނުވާފައިވާއިރު، އޭގެތެރޭގައި ގިނައީ ސައުދީގައި ދިރިއުޅުމުން އަންނަ އެހެން ގައުމުތަކުގެ މީހުންނަށް ލިބިފައިވާ ފުރުސަތެކެވެ. މީގެ ކުރިން ހައްޖުގެ އަޅުކަމަށް ދުނިޔޭގެ އެކި ހިސާބުތަކުން 2.5 މިލިއަނަށްވުރެ ގިނަ މީހުން އެއްވެއެވެ.

ސައުދީ އަރަބިޔާއަކީ ދުނިޔެއިން 14 ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ގައުމެވެ. އެގައުމުން މިހާތަނަށް 275,905 މީހަކަށް މި ބަލި ޖެހިފައިވާއިރު، 2,866 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ. އަދި އެގައުމުން މިހާތަނަށް މި ބަލި ޖެހިގެން 235,658 މީހަކު ވަނީ ރަނގަޅުވެފައެވެ.