ޒުވާން ކެޕްޓަން، ސަނޫން ނަސީރުގެ ކުއްލި މަރާއި އެކީ އޭނާ މަސައްކަތް ކުރަމުން އަންނަ ފްލައިމީއަށާއި އާއިލާއަށް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ. އުމުރުން 35 އަހަރުގެ ސަނޫނަކީ އަހުލާގު ރަނގަޅު، ރަހުމަތްތެރިންނަށް ބަލާ މޮޅު ކެޕްޓަނެއް ކަމަށް އޭނާ މަސައްކަތް ކުރަމުން އަންނަ އެއާލައިނުން ވަނީ ބުނެފައެވެ.

އައްޑޫ އަތޮޅު ހިތަދޫ ކޯޒްވޭ ވިލާ، ސަނޫން އަކީ އެމެރިކާއިން ޕައިލެޓްކަން ކިޔަވައިގެން ހުރި މޮޅު ކެޕްޓަނެކެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ ހުޅުމާލޭގައި އޭނާ ދިރިއުޅެމުން އަންނަ ގެ ކައިރިން ރޭ ދަންވަރު ވަގުތެއްގައެވެ.

ސަނޫންގެ ކުއްލި މަރު، އެތައް ބަޔަކު ހިތާމާގައި

ސަނޫންގެ ކުއްލި މަރާއި އެކު ގިނަ ބަޔަކަށް ސިހުމެއް ލިބިފައިވާއިރު، އޭނާ މަރުވާން ދިމާވި ސީދާ ސަބަބު ރަސްމީ އިދާރާތަކުން ހާމަ ކޮށްފައެއް ނުވެއެވެ.

ފްލައިމީގެ ފްލައިޓް އޮޕަރޭޝަންސް މެނޭޖަރު އަހުމަދު ޝާމިން "ވަގުތު" އަށް ވިދާޅުވީ، ސަނޫން ފްލައިމީއާ ގުޅިފައިވަނީ ކޯޕައިލެޓެއްގެ ގޮތުގައި ކަމަށާއި، އޭގެ ފަހުން ކެޕްޓަނެއްގެ ގޮތުގައި ހުންނަތާ 3 އަހަރު ވެފައިވާ ކަމަށެވެ.

ސަނޫންގެ ކުއްލި މަރު، އެތައް ބަޔަކު ހިތާމާގައި

ޝާމިން ވިދާޅުވީ، ޕައިލެޓުންގެ ސިއްހީ ކަންކަން ކޮންމެ އަހަރު އެއްފަހަރު ސިވިލް އޭވިއޭޝަން ގަވާއިދުގެ މަތިން ބަލަމުން އަންނަ ކަމަށާއި ސަނޫންގެ މެޑިކަލް ސެޓްފިކެޓުން އެއްވެސް ކަހަލަ ސިއްހީ މައްސަލައެއް މިހާތަނަށް ފާހަގަވެފައި ނުވާ ކަމަށެވެ.

"ސަނޫން އާއި އެކީ އޮފީހުގެ ކަންކަން ކުރުމަށް ވަރަށް ފަސޭހަވާނެ، އެގޮތަށް އޭނާ ގެންގުޅެންވެސް އޮފީހުގެ އެންމެންނަށް ވަރަށް ފަސޭހަވާނެ. ވަރަށް ޔަންގްވާނެ. އެއްވެސް ކަހަލަ މައްސަލައެއް ނުޖައްސާނެ" ޝާމިން ވިދާޅުވިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ސަނޫންގެ ގާތްމީހަކުވެސް ބުނެފައިވަނީ ސަނޫންގެ އެއްވެސް ކަހަލަ ބައްޔެއް ހުންނަ ކަމަށް އެނގިފައިނުވާ ކަމަށެވެ.

"ބޮޑު ބައްޔެއް ހުންނަ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނެތް. ހަށިގަނޑުގައި އެއްވެސް ޒަހަމެއް ހުރި ކަމުގެ މައުލޫމާތެއް ވެސް ލިބިފައެއް ނެތް. ބެލެވޭ ގޮތުގައި ގުދުރަތީ މަރެއް އެއީ. ޝައްކު ކުރެވޭ ކަމެއް އޮތްކަމުގެ މައުލޫމާތު އަދި ލިބިފައެއް ނެތް." މައުލޫމާތު ދިން މީހާ ބުންޏެވެ.

ސަނޫން ނިޔާވިއިރު އަންބަކާއި ހަތް އަހަރުގެ ދަރިއަކު ދުނިޔޭގައި އެބަހުއްޓެވެ.