ކޮވޮޑް-19 އާއި ގުޅިގެން އެކަމުން ރައްކާތެރިވުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ގޮވާލައިފިއެވެ.

މެޑިކަލް އެސޯސިއޭޝަނުން ބުނީ މި ބައްޔަށް ފައްސިވާ މީހުން ގިނަވެ ހޮސްޕިޓަލުގައި އެނދުމަތި ކުރަންޖެހޭ މީހުން ގިނަވުމަކީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށެވެ. މީގެއިތުރުން ކޮވިޑް-19 ބަލި ކޮންޓްރޯލް ނުވެއްޖެ ނަމަ ސިއްހީ ހިދުމަތްދޭ ތަންތަން ފުރި ބަލި މީހުންނަށް އެކަށީގެންވާ ފަރުވާ ނުދެވޭ ހިސާބަށް ވެސް ހިނގައިދާނެ ކަމަށް އެ އެސޯސިއޭޝަން އިން ވަނީ ބުނެފައެވެ.

މެޑިކަލް އެސޯސިއޭޝަން އިން ބުނީ ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް އިލްތިމާސްކުރާ ކަމަށާއި އެގޮތުން، އާންމު ތަންތަނުގައި މާސްކު އެޅުމާއި އިޖްތިމާއީ ގައި ދުރުކަން ބެހެއްޓުން ހަރުކަށިކޮށް، އެކަންކަން ގާތުން ބަލާ އެ ކަންކަމަށް ބޯނުލަނބާ ފަރާތްތައް ފާހަގަ ކުރުމަށް ވަނީ ގޮވާލައިފައެވެ.

މެޑިކަލް އެސޯސިއޭޝަނުން ވަނީ އާންމު ފަރުދުންނާއި އޮފީސްތަކުން ވެސް ބާއްވާ އެއްވުންތައް ނުބާއްވާ އެކަންކަން މަނާ ކުރުމަށް ވެސް ގޮވާލާފައެވެ.

މެޑިކަލް އެސޯސިއޭޝަނުން މިގޮތަށް ގޮވާލާފައިވާއިރު އާއްމު ތަންތަނުގައި މާސްކު ނާޅާ އުޅޭ ނަމަ މިއަދުން ފެށިގެން ޖޫރިމަނާ ކުރާނެއެވެ. އެގޮތުން މާލެ ސަރަހައްދުގައި މާސްކު ނާޅާ އުޅޭ ނަމަ 1،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ. އަދި އެކަން އެގޮތުގައި ކުރޭތޯ ފުލުހުން މޮނީޓާ ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސިނެކަ

    މާސްކް ނޭޅުން މަނާ ކާކު އެކަން ބަލަނީ މިސަރުކާރަކަށް ބެލޭހަމަ އެއްކަމެއް ވެސް ނެތް ދެން މީހުން މަރުވާން ފެށީމަ ޓީ ވީޔަށް އަރާފަ ރޯލީމަ ނިމުނީ

    5
    1