ރާއްޖެ އިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން އައިސީޔޫގައި މިހާރު ހަމީހަކަށް ފަރުވާ ދެމުންދާ ކަމަށް އެޗްއީއޯސީ އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީ އިން ވިދާޅުވީ މިހާރު ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި އެކަކަށް ފަރުވާ ދެމުންދާ ކަމަށެވެ. ހުޅުމާލޭ ކޮވިޑް ސެންޓަރުގައި ފަސް މީހަކަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ދެމީހުންނަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 16 އަށް އަރާފައެވެ.

ދިވެހިން ކޮވިޑް-19 އަށް ފައްސިވަމުންދާ އަދަދު އިތުރުވަމުން ދާން ފެށުމުން ކޮވިޑް-19 އަށް ފައްސިވާ އުމުރުން ދުވަސްވި މީހުން ވެސް މިހާރު އަންނަނީ ގިނަ ވަމުންނެވެ. އިއްޔެ އާއި ހަމައަށް ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި 50 އަހަރުން މަތީގެ 366 މީހަކު ހިމެނެއެވެ. މިއަދު ފައްސިވި 156 މީހުންގެ އުމުރުގެ ތަފްސީލް އަދި ނުލިބޭތީ މިވަގުތާއި ހަމައަށް ފައްސިވީ އުމުރުން ދޮށީ ކިތައް މީހުން ކަމެއް ނޭންގެއެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 72 އަށް އަރާފައެވެ.

އޮގަސްޓް މަހު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކޮށްފައި ވާއިރު، މާލޭ ސަރަހައްދުގައި ބަލި އިތުރު ވެގެން ދިއުމަކީ މާލޭ ސަރަހައްދުގައި ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ހުރި ފެސިލިޓީތައް ފުރި އަދި ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަން ވެސް ކުރިމަތިވެދާނެ ކަމެއް ކަމަށް ސިއްހީ ދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު