ކޮވިޑް-19 ޖެހިގެން ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ފަރުވާދޭ މީހުންގެ އަދަދު 72 އަށް އަރައިފި އެވެ.

މިހާރު ކުރިއަށްދާ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.ނަޒްލާ ރަފީގު ވިދާޅުވީ މިހާރު ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި 65 މީހަކު އެޑްމިޓް ކޮށްފައިވާ ކަމަށެވެ. ދަރުމަވަންތަ ހޮސްޕިޓަލްގައި ފަސް މީހަކަށް ފަރުވާ ދެމުންދާއިރު ށ.ފުނަދޫ ކޮވިޑް ފެސިލިޓީގައި އެކަކު އަދި ބ.އޭދަފުށީ ކޮވިޑް ފެސިލިޓީގައި އެކަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިއަދު އިރުއޮއްސުމާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 156 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 3949 އަށް އަރާފައެވެ. އޭގެ ތެރެއިން 2613 މީހަކު ވަނީ ކޮވިޑް-19 އިން ރަނގަޅު ވެފައެވެ. އެހެންކަމުން މިހާރު ރާއްޖޭގައި ބަލި ޖެހިފައި ތިބީ 1305 މީހުންނެވެ.

ދިވެހިން ކޮވިޑް-19 އަށް ފައްސިވަމުންދާ އަދަދު އިތުރުވަމުން ދާން ފެށުމުން ކޮވިޑް-19 އަށް ފައްސިވާ އުމުރުން ދުވަސްވި މީހުން ވެސް މިހާރު އަންނަނީ ގިނަ ވަމުންނެވެ. އިއްޔެ އާއި ހަމައަށް ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި 50 އަހަރުން މަތީގެ 366 މީހަކު ހިމެނެއެވެ. މިއަދު ފައްސިވި 156 މީހުންގެ އުމުރުގެ ތަފްސީލް އަދި ނުލިބޭތީ މިވަގުތާއި ހަމައަށް ފައްސިވީ އުމުރުން ދޮށީ ކިތައް މީހުން ކަމެއް ނޭންގެއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ އެކްޓިވް ކޭސްތަކުގެ އަދަދު ގިނަވަމުން ދާތީ ބައެއް ފިޔަވަޅުތައް ހަރުކަށި ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ކަމާބެހޭ އިދާރާތަކުން ދަނީ ދެއްވަމުންނެވެ. ނަމަވެސް މާސްކް އެޅުން މަޖުބޫރު ކުރުން ފިޔަވައި އަދި ފިޔަވަޅުތައް ހަރުކަށި ކުރަން އިތުރު ނިންމުމެއް ނިންމާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު