ދުނިޔެއަށް ނުރައްކާ ކުރަމުންދާ ކޮވިޑް-19 ގެ ބިރާއި ރާއްޖެއަށް ވެސް ވަނީ ކުރިމަތިލާން ޖެހިފައެވެ. މިގޮތުން މި ބަލިމަޑުކަމާއި ގުޅިގެން ފުރަބަންދުގެ ހާލަތުގައި އެތައް ދުވަހެއްވަންދެން އޮތުމަށްފަހު ރާއްޖޭގައި ފިޔަވަޅުތަކަށް ލުއިދޭން ފެށުމާއެކު، އަނެއްކާވެސް ބަލި ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ.

ރާއްޖޭގައި ބަލި ފެތުރުމަށް ކޮންމެވެސް ވަރެއްގެ ހިފެހެއްޓުމެއް މީހެ މަހެއްހާ ދުވަސްކުރިން އައިސްފައި ވީނަމަވެސް، ފާއިތުވެދިޔަ ދުވަސްތަކުގައި ބަލި ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެއާއެކު ބައްޔަށް ފަރުވާދޭ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން ބައްޔަށް ފަރުވާ ކުރާ 1308 މީހަކު އެބަތިއްބެވެ. އިއްޔެއާއި ހަމައަށް މި އަދަދު ހުރީ 1155 ގައެވެ. ފަރުވާދޭ މީހުންގެ އަދަދު އަނެއްކާވެސް ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައި މިވަނީ އިއްޔެ އިތުރު ގިނަ އަދަދެއްގެ ބަޔަކު އަލަށް ފައްސިވުމާއި ގުޅިގެންނެވެ.

އެޗްޕީއޭއިން ވިދާޅުވެފައިވާ ގޮތުން އިއްޔެ އެކަނިވެސް ރާއްޖެއިން އިތުރު 156 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއީ މިހާތަނަށް އެއް ދުވަހެއްގައި ރައްޖެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވި ފަހަރެވެ. ރާއްޖެއިން އިއްޔެ ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 134 ދިވެހިންނާއި ބަންގްލަދޭޝްގެ 20 މީހަކާއި އިންޑިއާ މީހަކާއި ލަންކާ މީހެކެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 3949 އަށް އަރާފައެވެ.

ރައްޖޭގައި ކޮވިޑް-19 އަށް ފަރުވާ ކުރަމުންދާ މީހުންގެ ތެރެއިން 65 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ. މީގެތެރެއިން 6 މީހަކަށް އައިސީޔޫގައި ފަރުވާދެމުންދާކަން ވެސް އެޗްޕީއޭއިން ހާމަކޮށްފައި ވެއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުން ވެސް ކޮވިޑް-19 ގެ ވޭދަނަތައް ފާއިތުވެދިޔަ ދުވަސްތަކުގައި އަންނަނީ އިތުރުވަމުންނެވެ. މިގޮތުން މިވަގުތު ކޮވިޑް-19 ގެ ވޭދަނަތައް މާލޭގެ އިތުރުން 5 އަތޮޅެއްގެ 10 ރަށެއްގައި އެބަހުއްޓެވެ. އޭގެތެރޭގައި ހިމެނެނީ ހއ. ކެލާ، ހއ. އިހަވަންދޫ، ބ. އޭދަފުށި، ބ. ކަމަދޫ، ބ. ހިތާދޫ، ބ. އަތޮޅު ސީސައިޑް ފިނޮޅު ރިސޯޓް، ޅ. ހިންނަވަރު، ޅ. ކުރެންދޫ، ކ. މާފުށީ އަދި ވ. ފުލިދޫ އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 2013 ބިދޭސީއަކާއި 1936 ދިވެހިންނެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ފައްސިވެފައި ވަނީ އުމުރުން 21 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނެވެ.

ރާއްޖެއިން މިހަތަނަށް ބަލިން ރަނގަޅުވެފައި ވަނީ ޖުމްލަ 2613 މީހެކެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އިއްޔެ ރާއްޖެއިން ބަލިން ރަނގަޅުވެފައި ވަނީ 56 މީހެކެވެ.

މިހާތަނަށް މި ބަލީގައި ރާއްޖެއިން 17 މީހަކު ނިޔާވެފައި ވެއެވެ. އޭގެތެރޭގައި ރޭ ނިޔާވި އުމުރުން 52 އަހަރުގެ އަންހެނަކު ވެސް ހިމެނެއެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 13 ދިވެއްސަކާއި ހަތަރު ބިދޭސީއެކެވެ.

ކޮވިޑް-19 އާއި ގުޅިގެން ޤާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު މީހަކު ނެތް ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ނަމަވެސް އައިސޮލޭޝަންގައި 815 މީހަކު އެބަތިއްބެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ޖުމްލަ 79817 ސުންކު (ސާމްޕަލް) ނަގާފައި ވެއެވެ. ރާއްޖެއިން މި ބަލި ފެނުނުތާ މިހާރު ވަނީ 147 ދުވަސް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު