ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ އުސޫލުތަކާ ހިލާފަށް ހިންގި 40 ތަނެއް ބަންދުކޮށްފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ރޭ ހާމަކޮށްފިއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ތަންތަން ހިންގަމުން ދޭތޯ ބެލުމަށް ކުރިއަށް ގެންދާ އިންސްޕެކްޝަންގައި އިއްޔެ 189 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެއީ ކާބޯތަކެތީގެ ހިދުމަތްދޭ 62 ތަނަކާއި 13 ސެލޫނަކާއި 113 ފިހާރައެއްގެ އިތުރުން މާރުކޭޓެއް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އަދި އުސޫލުތަކާ ހިލާފުވެގެން ބަންދު ކުރީ ކާބޯތަކެތީގެ ހިދުމަތްދޭ 16 ތަނަކާއި 14 ފިހާރައަކާއި 9 ސެލޫންނަކާއި މާރުކޭޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ އިންސްޕެކްޝަން އެންމެ ފުރަތަމަ ފެށި އިރު ބެލި ތަންތަނުގެ ތެރެއިން ދެބައިކުޅަ އެއްބައި ތަންތަން އުސޫލާއި ހިލާފުވެގެން ބަންދުކުރަން ޖެހުނު ކަމަށެވެ. ނަމަވެސް މިހާރު އުސޫލްތަކާއި އެއްގޮތަށް ހުރި ތަންތަން އިތުރުވަމުން އަންނަ އުފަލާއިއެކު ފާހަގަކުރާކަމަށް ނަޒްލާ ވިދާޅުވިއެވެ.

އުސޫލާ ހިލާފުވާ ތަންތަން ބަންދު ކުރުމަށް ފަހު، އެ ތަންތަން ރަނގަޅުކޮށްފައި އެންގުމުން ކަމާބެހޭ ފަރާތްތަކުން ބަލާފައި އަލުން ހިންގުމުގެ ހުއްދަ ދޭނެއެވެ. އެގޮތުން، މިހާތަނަށް އައިއިރު ގިނަ ތަންތަނުން ކަންކަން ރަނގަޅުކޮށް ހިދުމަތް ދޭން ވަނީ ފަށައިފައެވެ.

އެޗްޕީއޭ އާއި މާލެ ސިޓީ ކައުންސިލްގެ އިތުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގުޅިގެން ހިންގަމުން އަންނަ އިންސްޕެކްޝްންގައި ބަންދު ކުރި ތަންތަނުގެ ތެރޭގައި މާލޭގެ ބައެއް މަޝްހޫރު ރެސްޓޯރަންޓުތަކާއި ކެފޭތައް ހިމެނެއެވެ.

މި ތަންތަން ބަންދުކުރުމަށްފަހު ހަރުކޮށްފައިވާ ނޯޓިސްގައި ބުނެފައި ވަނީ، ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން އެޗްޕީއޭ އިން ގާއިމްކޮށްފައިވާ އުސޫލުތަކާއި ހިލާފަށް އެތަނުން ހިދުމަތް ދެމުންގެންދާތީ އެތަން ބަންދުކޮށްފައިވާ ކަމަށެވެ.

އެޗްޕީއޭގެ އުސޫލުތަކުގައިވާ ގޮތުން ފިހާރަތަކާއި ކެޕޭ ރެސްޓޯރަންޓްތަކާއި ޖިމާއި މާރުކޭޓް ފަދަ ތަންތަނަށް މީހުން އެއް ފަހަރާއި ވެދެވޭނެ އަދަދުތައް ވަނީ ކަނޑައަޅައިފައެވެ. އެ ތަންތަނުން ގހިދުމަތް ހޯދާ މީހުން މާސްކް ނާޅައި ތިބޭނަމަ އެތެރެއަަށް ނުވެއްދުމާއި ހޭންޑް ސެނިޓައިޒަރ ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރިސްކު

    ކޮބާހޭޭޭހޭހޭ ރިސްކު އެލަވަންސް

  2. ލަމް

    ވަރަށް ރަގަޅު....

  3. މަހުދިއްޔާ

    ޢަސްލު މިމަސައްކަތް ކުރާ މީހުންނަ ވަރަށް ރިސްކް ވޮޑު ބޭރުތެރޭ ދުވާކުދާ ހަތަރު ދަމު ބާޒާރުމަތީ އެކިފިހާރަތަކުގައި މިމަސައްކަތް ކުރަމުންދަނީ އެކަމަކު ދަރުބާރުގޭ ބޮޑުގޮޑީގަ ތިބަޔަކަށް ވެސް އެލަވންސް އެބަލީބެ މީ ގައުމުގެ ހާލަތު ނިކަމެތި ރައްޔަތުން ލައްވާ ބުރަމައްކަތް ކޮބާ އިންސާފު