ރާއްޖެ އިން އެއް އަހަރު ވެސް ނުފުރޭ ކުޑަ ދެ ކުއްޖަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ފައްސިވެފައި ވަނީ އުމުރުން ހަ މަހާއި ނުވަ މަހުގެ ކުއްޖެކެވެ. އޭގެ ތެރެއިން ހަ މަހުގެ ކުއްޖާއަކީ އަންހެން ކުއްޖެކެވެ. އަދި ނުވަ މަހުގެ ކުއްޖާއަކީ ފިރިހެން ކުއްޖެކެވެ.

އެ ދެ ކުދިން ފައްސިވެފައިވާ ކަމަށް ދައްކަނީ މިދިޔަ ހުކުރު ދުވަހުއެވެ.

މީގެތެރެއިން ނުވަ މަހުގެ ކުއްޖަކީ "އެޗްޒެޑްއާރު" ކުލަސްޓާއާ ގުޅުން ހުރި ކުއްޖެކެވެ. އަދި ހަ މަހުގެ ތުއްތު ކުއްޖާއަކީ އެއްވެސް ކުލަސްޓާއަކާ ގުޅުމެއް ނެތް، އިންޑިޕެންޑެންޓް ވޭދަނަ (ކޭސް) އެކެވެ. މި ދެ ކުދިންގެ ހާލު ވެސް ރަނގަޅު ކަމަށް އެޗްޕީއޭގެ ޑޭޝްބޯޑުން ދައްކައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު ކުޑަކުދިންގެ ތެރޭގައި އެންމެ ހަގު ކުއްޖެއްގެ ގޮތުގައި ފައްސިވީ އުމުރުން އެއް މަހުގެ ކުއްޖެކެވެ.

އެޗްޕީއޭގެ ޑޭޝްބޯޑު ދައްކާ ގޮތުގައި އުމުރުން 10 އަހަރުން ދަށުގެ 189 ކުއްޖަކު ކޮވިޑް-19 އަށް ފައްސިވިއެވެ.

ރާއްޖެ އިން އިއްޔެ ފައްސިވި 156 މީހުންގެ ތެރޭގައި ކުޑަކުދިން ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖަކާއި ނުވަ އަހަރުގެ އަންހެން ކުއްޖަކާއި އަށް އަހަރުގެ ފިރިހެން ކުއްޖަކާއި ހަތް އަހަރުގެ ދެ އަންހެން ކުއްޖަކާއި އުމުރުން ފަސް އަހަރުގެ އަންހެން ކުއްޖަކާ އުމުރުން ހަތަރު އަހަރުގެ ފިރިހެން ދެ ކުއްޖަކާއި ދެ އަހަރުގެ އަންހެން ކުއްޖަކާއި އެއް އަހަރުގެ އަންހެން ކުއްޖަކެކެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ އަދަދު ވަނީ 3،904 އަށް އަރައިފައެވެ. އެގޮތުން މި ބަލި ޖެހިފައި ވަނީ 1،936 ދިވެހިންނާއި 2،13 ބިދޭސީންނެވެ. އެ ބަލި ޖެހިގެން ރަނގަޅުވެފައި ވަނީ 2،613 މީހުންނެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެ އިން 17 މީހަކު ވަނީ ނިޔާވެފައެވެ. އަދި އައިސީޔޫގައި ހަ މީހަކަށް ދަނީ ފަރުވާދެމުންނެވެ.

ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދިން ފަހުން، ރާއްޖޭގައި ކޮވިޑް-19 ޖެހޭ ދިވެހިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޯވިޑް-19

    ????