ރެޑިސަން ބްލޫ މޯލްޑިވްސް ހުޅުވައި ފަތުރުވެރިންނަށް ހިދުމަތް ދޭން ފަށައިފިއެވެ.

މި ރިސޯޓަކީ އދ. ހުރުއެޅީގައި ތަރައްގީ ކޮށްފައިވާ ރިސޯޓަކީ ރެޑިސަން ހޮޓެލް ގްރޫޕާއި ޝަން ހުއާ ހޯލްޑިންގްސް އިން ހިންގާ ރިސޯޓެކެވެ. މި ރިސޯޓުގެ ފުރަތަމަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔާފައި ވަނީ އިއްޔެއެވެ.

މިއީ ރެޑިސަން އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްގީ ކުރި ރިސޯޓެވެ. އަދ. ހުރުއެޅިއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭނުގައި 30 މިނެޓުން ދެވޭ ރަށެކެވެ. މި ރިސޯޓަކީ ފަސް ތަރީގެ ރިސޯޓެކެވެ.

މި ރިސޯޓުގައި ޖުމްލަ 128 ވިލާ ހުރެއެވެ. ރިސޯޓު ބޮޑަށް ބައްޓަން ކޮށްފައި ވަނީ އާއިލާތަކާއި ލޯބިވެރިންނަށް ވެސް ކަމުދާނެ ގޮތްތަކަށެވެ. މި ރިސޯޓުގެ ކޮޓަރިއެއްގެ ފެށޭ އަގަކީ 600 ޑޮލަރެވެ.

ރެޑިސަން ހޮޓެލް އިން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 400އަށްވުރެ ގިނަ ރިސޯޓާއި ހޮޓާތައް ހިންގަމުންނެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު މިދިޔަ މާޗު މަހުގެ 27ވަނަ ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށްފަހު މިދިޔަ މަހުގެ 15ވަނަ ދުވަހު އަލުން ވަނީ ބޯޑަރު ހުޅުވާލާފައެވެ. ޓޫރިޒަމް މިނިސްޓްރީން ދާދިފަހުން ބުނެފައި ވަނީ މިިދިޔަ މަހާއި ހަމައަށް 150 އަށް ވުރެ ގިނަ ރިސޯޓު ހިންގާ ކަމަށެވެ. ނަމަވެސް އޭގެތެރެއިން ބޯޑަރު ހުޅުވާލި ފަހުން އޮޕަރޭޝަން ފަށާ ފަތުރުވެރިންނަށް ހިދުމަތް ދެމުން އަންނަނީ 61 ރިސޯޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ޓްރާންސިޓް ހޮޓެލްގެ ގޮތުގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ބ. އަތޮޅު އަމިއްލަ ފުއްޓާއި، މާލެ އަތޮޅުން މާގިރި ހޮޓެލް އަދި ހުޅުލޭ އައިލެންޑު ހޮޓެލް އަދި ގއ. އަތޮޅުގައި ހިންގާ މާކުއާ މޯލްޑިވްސް ކޫއްޑޫއަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހުއްދަ ދީފައެވެ.

މީގެއިތުރުން ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 22 ސަފާރީއަކަށް ވެސް ވަނީ ހުއްދަ ދީފައެވެ.